ކުޅިވަރު

ޓީމެއް ބިނާކޮށް، އީގަލްސް ތައްޓާ ހަމައަށް


ދިވެހި ކުޅިވަރުގައި، ޚާއްޞަކޮށް ދިވެހި ފުޓްބޯޅައިގައި އީގަލްސްއަކީ މުޙިންމު އަދި ފަރިތަ ނަމެކެވެ. ނަމަވެސް އީގަލްސްގެ ނަން މުޙިންމުވެ ފަރިތަވެފައިވަނީ ކާމިޔާބު ކްލަބެއްގެ ގޮތުގައެއްނޫނެވެ. އަދި ބޮޑު ކްލަބެއްގެ ގޮތުގައެއްވެސް ނޫނެވެ. އޭގެ ބަދަލުގައި ފުރަތަމަ ޑިވިޝަންގެ ބޮޑަތި ކްލަބްތަކަށް ކުޅުންތެރިން ތައްޔާރުކޮށްދޭ އެކަޑަމީއެއްގެ ގޮތުގައެވެ. ޒުވާން ކުޅުންތެރިންނަށް ފުރުޞަތުދީ، އެކުޅުންތެރިން ފުޓްބޯޅައަށް ނެރެދޭ ކްލަބެއްގެ ގޮތުގައެވެ. ކީޕަރު އިމްރާން މުޙައްމަދާއި، ކުރީގެ ޑިފެންޑަރ ޞަބާހު މުޙައްމަދާއި، މިޑްފީލްޑަރ މުޙައްމަދު ހުސެއިންފަދަ އެތައް ކުޅުންތެރިންނެއް އުފައްދައިދިން ޓީމެއްގެ ގޮތުގައެވެ. އެހެންކަމުން އެޓީމަކީ ފުރަތަމަ ޑިވިޝަންގައި ތައްޓަށް ވާދަކުރާ ޓީމަކަށްނުވެއެވެ. މިދިޔަ އަހަރާއި ހަމައަށް އެޓީމަކީ ސައްތައިން ސައްތަ ދިވެހި ކުޅުންތެރިންގެ ޓީމެކެވެ. އޭރުގެ މެނޭޖްމަންޓުން ބިދޭސީ ކުޅުންތެރިން ގެންނާކަށްވެސް ބޭނުމެއް ނުވިއެވެ. ނަމަވެސް އީގަލްސް ތައްޓަށް ވާދަކުރަން ނިންމައި އެކަންވެސް ވަނީ ބަދަލުކޮށްފައެވެ. ކޯޗު އިހުސާން އަބުދުލްޣަނީއާއެކު ޓީމެއް ބިނާކޮށް، ތައްޓަށް ވާދަކޮށް، ތަށި ހޯދީ ބިދޭސީ ކުޅުންތެރިންގެވެސް ވަރަށް ބޮޑު ހިއްޞާއަކާއެކުއެވެ. މީގެކުރިން ދެ ފައިނަލެއްގައި ވާދަކޮށް ނާކާމިޔާބުވި ނަމަވެސް ކޯޗު އިހުސާން ބުނަމުން އައީ އީގަލްސް ދާދި އަވަހަށް ތައްޓެއް ހޯދާނެކަމަށެވެ.

" ދޮޅު އަހަރުވެއްޖެ އަޅުގަނޑުބުނަމުން އަންނަތާ އީގަލްސް އޮތީ ތައްޓަކާ ދާދި ކައިރީގައޭ. އެވަރަ ތައްޔާރުކުރެވުނީމަ އަޅުގަނޑު އެހެން ބުނަމުން އައީ" ފުރަތަމަ ތަށި ހޯދައިދިނުމަށްފަހު ސާންތި ބުންޏެވެ.

ޤައުމީ ޓީމްގެ މަދު ކުޅުންތެރިންނާއެކު، ޒުވާން ގިނަ ކުޅުންތެރިންނާއި، ބިދޭސީ ކުޅުންތެރިންގެ ދައުރާއެކު އީގަލްސްއިން ފުރަތަމަ ޑިވިޝަންގައި ކާމިޔާބު ހޯދަން ފަށައި، ކޯޗުގެ ބަހުން ނަމަ ބޮޑަތި ޓީމްތަކުގެ ސަފަށް އެދިޔައީ އެންމެ ޝަރަފްވެރި ތައްޓާއެކުއެވެ. އީގަލްސްގެ ކާމިޔާބީގެ ފުރަތަމަ ތައްޓަކަށް ވެގެން އެދިޔައީ ޤައުމީ ތަށި ނުވަތަ ޕްރެޒިޑެންޓްކަޕެވެ. ފާއިތުވި އަހަރުތަކުގައި އީގަލްސް ހިންގުމުގައި އެންމެ މުޙިއްމު ދައުރެއް ދަދާކޮށް، ކްލަބް މެނޭޖްކުރަމުން އައި ޖެނެރަލް ސެކެޓްރީ މުފާވިޒު ހާޝިމް ވިދާޅުވީ ހަތާވީސް އަހަރުގެ ތާރީޚީ ކްލަބްގެ މިކާމިޔާބީއަކީ ލައްކަ ގިނަ މަސައްކަތްކަމަށެވެ. އަދި ޖުމްލަ ކުރު ނަމަވެސް މިއީ ވަރަށްގިނަ ވާހަކަކަމަށެވެ. ކޯޗު އިހުސާން އަބުދުލްޣަނީ ބުނީ ތައްޔާރުކޮށް ނިމިފައި އޮތް ޓީމެއް ނުވަތަ، މޮޅު ކުޅުންތެރިންތަކެއް ތިބި ޓީމަކާ ހަވާލުވެ ތަށި ހޯދުމަށްވުރެ، ޓީމެއް ބިނާކޮށްގެން ތަށި ހޯދުމަކީ މާ ބޮޑު އުފަލެއް ލިބޭ ކަމެއްކަމަށެވެ.

" ބައެއް މީހުން ފުޓްބޯޅައިގައި މިކައުންޓް ކުރަނީ ހަމައެކަނި ތަށި. ތައްޓާ އެއްވަރަށް އަޅުގަނޑު މާހިތްހަމަޖެހޭ މެޗެއްގައި ބޯޅަ ތިރިކޮށްލައިގެން ރީތިކޮށް ކުޅެލީމަ. ޒުވާން ކުޅުންތެރިން އުފެއްދުނީމަ އަޅުގަނޑު މާ އުފާވޭ. ކުރިއަށްއޮތް ތާނގައިވެސް އަޅުގަނޑު ކުރާނީ އެމަސައްކަތް." ރަންމެޑަލް ހޯދި ޤައުމީ ޓީމްގެ އެސިސްޓެންޓް ކޯޗު، ހެޑް ކޯޗެއްގެ ގޮތުގައި ހޯދި ފުރަތަމަ ތައްޓަށްފަހު ބުންޏެވެ.

އީގަލްސްގެ މިކާމިޔާބީއާއެކު ކޯޗު ތަކުރާރުކުރާ މުޙިންމު ވާހަކައަކީ އެކްލަބްގެ ކުޅުންތެރިންނަކީ މުސްތަޤްބަލްގައި ރާއްޖޭގެ ފުޓްބޯޅަ ޑޮމިނޭޓްކުރާނެ ކުޅުންތެރިންކަމެވެ. އަދި އެކުޅުންތެރިން ކްލަބް ދޫކޮށްލުމުގެ ވިސްނުންވެސް ނެތްކަމެވެ. އޭގެ ހެއްކަކީ މިހާރުވެސް ޓީމްގެ މުޙިންމު ކުޅުންތެރިންތަކެއް އެއްބަސްވުން އާކޮށްފައިވުމެވެ. އެހެންކަމުން އަންނަ އަހަރަކީވެސް އީގަލްސް ތައްޓަށް ވާދަކުރާނެ އަހަރެއްކަން ޔަޤީނެވެ. ނަމަވެސް ކޯޗު މިވަގުތު ހުރީ ކްލަބާއެކު އޮތް އެއްބަސްވުން ހަމަވެ، މަސް ދުވަހުގެ ބްރޭކެއްގައެވެ.

" ކްލަބަކަށް އިސްކަންދެންޏާ އެންމެ ފުރަތަމަ އިސްކަންދޭނީ އީގަލްސްއަށް. އީގަލްސްއަކީ މިހާރު ފެމިލީއެއް. ވަރަށްހިނަ މަސައްކަތްތައް ކުރެވިއްޖެ. އަޅުގަނޑަށް ފަސޭހައެއްނޫން. އީގަލްސްއާ ދުރަށްދާކަށް. އެކަމަކު މިވަގުތު ބޭނުމީ ބްރޭކެއް. އެހެން ދިމާލަކުންވެސް ފެނިދާނެ." ނޫސްވެރިންނާ ވާހަކަދައްކަމުން ސާންތި ބުންޏެވެ.

ސާންތި ވަނީ ޓީސީގެ ކޯޗު މުޙައްމަދު ނިޒާމްގެ މަސައްކަތްވެސް ވަރަށްބޮޑަށް ފާހަގަކޮށް އޭނާއަށް ޝުކުރު އަދާކޮށްފައެވެ. ސާންތި ސިފަކުރި ގޮތިގައި އީގަލްސްއާއި ޓީސީއަކީވެސް އެއްމަސައްކަތެއް ކުރާ ދެ ޓީމެވެ.