ޚަބަރު

އޭޑީކޭ ހޮސްޕިޓަލުން ކޯސްތަކެއް ފަށަނީ


އޭޑީކޭ ހޮސްޕިޓަލުން ހިންގާ ސްކޫލް އޮފް ހެލްތް ސައިންސްއިން، އަންނަ އަހަރު އެމަޖެންސީ މެޑިކަލް ޓެކްނީޝަނުން ތަމްރީން ކުރުމުގެ ކޯހެއް ފެށުމަށް ނިންމައިފިއެވެ.  

މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އަހަރު ކުރީކޮޅު އާންމުކޮށް ހުޅުވާލާނެ ކަމަށް އޭޑިކޭ ހޮސްޕިޓަލުން ބުނެއެވެ. މި ކޯހުގެ ފުރަތަމަ ބުރުގައި ގާތްގަޑަކަށް 30 ކުދިންނަށް ޖާގަ ލިބިގެންދާނެ ކަމަށާއި އޯލެވެލް އަދި އޭލެވެލްގެ ސައިންސް މާއްދާތަކުން ފާސްވާ ކުދިންނަށް މި ކޯހުން ޖާގަ ހޯދުމަށް ފުރުޞަތު ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

އަދި މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެކްރިޑިޓްކޮށްފައިވާ ކޯހެއް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. މި ކޯހުގައި ކިޔަވައިދޭނީ ރާއްޖޭގައި މިހާރުވެސް މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ސިއްޙީ ޙިދުމަތްދޭ ކޯސްތަކުގައި ކިޔަވައިދޭ އެކަމުގެ ތަޖުރިބާކާރު ބޭފުޅުން ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އައްފާލް ވިދާޅުވިއެވެ.

މިކޯހުގެ މުއްދަތަކީ 3 މަސް ދުވަހެވެ. މިއީ ފުރަތަމަ ލެވެލްގެ ކޯހެއްކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ. މީގެ އިތުރުން، އަންނަ އަހަރު ނަރސިންގ ކޯސްތަކެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.