ޚަބަރު

ވުޒާރާތަކުގެ ހިއުމަން ރިސޯސް އޮޑިޓްގެ މިއަހަރު ނިމޭނެ- ސީއެސްސީ


ސަރުކާރު ހުރިހާ ވުޒާރާތަކުގައި އިންސާނީ ވަސީލަތްތައް ހުރި ނެތްގޮތް ބެލުމަށް އެކުލަވާލާ ހިއުމަން ރިސޯސް އޮޑިޓްގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެކަމަށް ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް ޑރ.އަލީ ޝަމީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން ދައުލަތުގެ ހުރިހާ ވުޒާރާއެއްގައި އިންސާނީ ވަސީލަތްތައް ހުރިނެތްގޮތް ބެލުމުގެ ދިރާސާއެއް ސިވިލް ސާރވިސް ކޮމިޝަނުންގެންދަވަނީ ކުރައްވަމުންނެވެ.

ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ މިހާތަނަށް އަށް މިނިސްޓްރީއެއްގެ ހިއުމަން ރިސޯސް އޮޑިޓް ނިންމާ ރިޕޯޓް ތައްޔާރު ކުރައްވާފައިވާ ކަމަށާއި ބާކީއޮތް ހަތް މިނިސްޓްރީގެ ހިއުމަން ރިސޯސް އޮޑިޓް ހެއްދެވުމަށް ތައްޔާރުވަމުން ގެންދަވާކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ދައުލަތުގެ ހުރިހާ ވުޒާރާއެއްގެ ހިއުމަން ރިސޯސް އޮޑިޓް ނިންމާ ރިޕޯޓް ތައްޔާރުކޮށް ނިންމާލެވޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ  ސިވިލް ސަރވިސް ކޮމިޝަނުގެ އަމާޒަކީ 2020 ވަނަ އަހަރު އަންނައިރު ސިވިލް ސަރވިސްގެ ހުރިހާ އިދާރާތަކަކީ އައި.އެސް.އޯ ސެޓިފައިޑް ތަންތަނަށް ހެއްދެވުންކަމަށާއި ރާއްޖޭގެ ސިވިލް ސާރވިސް އަކީ މި ސަރަހައްދުގެ އެންމެ ރަނގަޅު ސިވިލް ސާރވިސްއަށް ހެއްދެވުންކަމަށެވެ. 

ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރެއްވުމަށް އެ ކޮމިޝަނުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން އަތޮޅުތަކުގައި ތިބި ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނު ކުރުމަށް ވަރޗުއަލް ކްލާސް ރޫމު މެދުވެރިކޮށް ވަރަށް އަވަހަށް ތަމްރީނުތައް ފަށްޓާނެކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ. އަދި އެ ކޮމިޝަންގެ ޓްރެއިނިންގ ޕޮލިސީގައި ބަޔާންކޮށްފައިވާ ހަގަޑިއިރުގެ ޕްރޮގްރާމްތަކާއި އެޓޭޗްމަންޓް ޕްރޮގްރާމުތައް އަންނަ އަހަރު ތައާރަފް ކުރައްވާނެކަމަށްވެސް ސިވިލް ސާރވިސް ކޮމިޝަނުން ވިދާޅުވެއެވެ.