ޚަބަރު

އަންނައަހަރު 200 ކުދިން ޚިޠާނުކޮށްދެއްވާނެ- ޞަދަޤާތު ފައުންޑޭޝަން


މިއަންނަ އަހަރު ޞަދަޤާތު ފައުންޑޭޝަންގެ ފަރާތުން މަދުވެގެން 200 ކުދިން ޚިޠާނުކޮށްދެއްވުމަށް ކަނޑައަޅާފައިވާކަމަށް އެ ޖަމްޢިއްޔާއިން ހާމަކޮށްފިއެވެ. 

މިއަހަރު އެ ފައުންޑޭޝަނުން ހުޅުމާލޭގައި 120 ކުދިން ޚިޠާނުކުރި ޚިޠާނީ ކޭމްޕް ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރ ޢަބްދުﷲ ޝިނާން ވިދާޅުވީ، ޞަދަޤާތު ފައުންޑޭޝަނުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ ބެއްލެވުމުގެ ދަށުން އަދި އެކަމަނާގެ މުރާލިކަމާއި ޙިކުމަތްތަކާއި އިޚްލާޞްތެރިކަމާއެކު، އެކިއެކި ބޭނުންޖެހިފައިވާ ގިނަބަޔަކަށް އެހީވެދެއްވަމުން މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. 

ގޮންޖެހުންތަކާއެކުވެސް ޖަމްޢިއްޔާގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދެވޭކަމަށާއި ހުޅުމާލޭގައި ބޭއްވި ޚިޠާނީ ކޭމްޕްވެސް ކާމިޔާބުކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިޔަށްވެސް މިފަދަ މަސައްކަތްތައް ކުރިޔަށް އެބަހުރިކަން ޝިނާން ހާމަކުރެއްވިއެވެ. 

މިއަހަރު ބޭއްވި ޚިޠާނީ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޞަދަޤާތުގެ ފައުންޑޭޝަންގެ ބާނީ ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްޑީއޭގެ ލީޑަރ އަޙްމަދު ޝިޔާމް މުޙައްމަދުއެވެ.

ޝިޔާމް ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ކޮށްދެއްވާ އިޖްތިމާޢީ ޚިދުމަތްތައް ފާހަގަކުރެއްވިއެވެ. އަދި މެޑަމް ފާތިމަތު އިބްރާހިމް ކޮށްދެއްވާ މަސައްކަތްޕުޅަކީ ހުރިހާ ރައްޔިތުންވެސް ބަލައިގަންނަ އޯގާތެރި މަސައްކަތްޕުޅެއްކަމަށް ޝިޔާމް ވިދާޅުވިއެވެ. 

ޚިޠާނީ އުފާ ކޭމްޕްގެ ދަށުން 120 ކުދިން ޚިތާނު ކުރިއެވެ. މި ކޭމްޕުގައި ކުދިން ޚިތާނު ކުރީ 2 ގްރޫޕަކަށް ބަހާލައިގެނެވެ. ސްކޫލް އަހަރީ ޗުއްޓީއާ ދިމާކޮށް ޞަދަޤާތު ފައުންޑޭޝަނުން ކުރިއަށް ގެންދިޔަ މި ޙަރަކާތުގެ ހުރިހާ ޚަރަދެއް ހަމަޖެއްސީ ޞަދަޤާތު ފައުންޑޭޝަންގެ ފަރާތުންނެވެ. މިފަދަ ޙަރަކާތެއް އިންތިޒާމް ކުރުމުގެ މަޤްޞަދަކީ، ޢާއިލާތައް އެއްތަނަކުން ބައްދަލުވެ ޢާއިލީ ގުޅުން ބަދަހިކުރުމާއި، ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ދިރުވާ އާލާކުރުމުގެ ފުރުޞަތު ޢާއިލާތަކަށް ފަހިކޮށްދިނުން ކަމަށް ޞަދަޤާތު ފައުންޑޭޝަނުން ބުނެއެވެ.