ޚަބަރު

ރާއްޖެއާއެކު އޮންނަ ގުޅުން ދާނީ ބަދަހިވަމުން- އިނގިރޭސިވިލާތް


ރާއްޖެ ކޮމަންވެލްތުން ވަކިވިނަމަވެސް، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުމަށް ބުރުނާރައި، އިތުރަށް ބަދަހިވާނެކަމަށް އުންމީދުކުރާކަމަށް އިނގިރޭސިވިލާތުގެ ޚާރިޖީ އޮފީހުން ސައުތް އޭޝިއާ އަދި އަފްޣާނިސްތާން ކަޑައަޅާފައި ހުންނަވާ ޑިރެކްޓަރ ވިދާޅުވެއްޖެއެވެ. 

މިސްޓަރ އޯން ޖެންކިންސް މިހެން ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރ މުޙައްމަދު ޢާސިމް މިއަދު އޭނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި މޫސުމަށް އަންނަ ނޭދެވޭ ބަދަލްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތާއި، ޓެރަރިޒަމް ނައްތާލުމަށް ކުރެވޭ މަސައްކަތާއި ސަރުކާރު ހިންގުމުގެ ދާއިރާއިންނާއި ވިޔަފާރީގެ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުވުމުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ވަނީ އިނގިރޭސިވިލާތުގައި ކިޔަވާ ދިވެހިންނަށް ވިސާގެ ލުއިފަސޭހަގޮތްތަކެއް ކަޑައަޅައިދީފައިވާތީ އިނގިރޭސި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. މިބައްދަލުވުމުގައި ޖެންކިންސް ވަނީ ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި އެއޯސިސް ޗެއަރގެ ހައިސިއްޔަތުން ރާއްޖެއިން ކުރާ މަސައްކަތަށް ތަޢުރީފްކުރައްވާފައެވެ.