ޚަބަރު

މުހީތުގެ މަރުގެ މައްސަލައިގައި ކުރި ޙުކުމް ދަމަހައްޓަވައިފި


ގ. ވޭރު ޢަބްދުލް މުހީތުގެ މަރުގެ ބަދަލުގައި ދެ ކުއްޖަކު މެރުމަށް ޖުވައިނަލް ކޯޓުން ކުރެއްވި ޙުކުމް ހައިކޯޓުން ދަމަހައްޓަވައިފިއެވެ.

ފިނޭންސް މިނިސްޓްރީ ކުރިމަތިން އޮންނަ ހަނިގޯޅިގަނޑުގެ ތެރޭގައި ތޫނު އެއްޗަކުން ޙަމަލާދީ، މުހީތު މަރާލި މައްސަލާގައި 18 އަހަރުން ދަށުގެ ދެކުދިން މެރުމަށް ޖުވައިނަލް ކޯޓުން ޙުކުމް ކުރައްވާފައިވަނީ 2013 ވަނަ އަހަރުގައެވެ. މި ޙުކުމަކީ ޖުވައިނަލް ކޯޓުން އިއްވެވި ފުރަތަމަ މަރުގެ ޙުކުމެވެ.

މި ދެކުދިންގެ ފަރާތުން މަރުގެ ޙުކުމް އިސްތިއުނާފު ކުރުމުން، އެ މައްސަލަ ނިންމަވައި ހައިކޯޓުން އިއްވެވި ޙުކުމްގައި ވަނީ ދަށުކޯޓުގެ ނިންމެވުން ބާޠިލްކުރައްވަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ހަމައެއް ނެތްކަމަށެވެ.

ހައިކޯޓުގެ ނިންމެވުން އިސްތިޢުނާފު ކުރުމަށް މި ދެ ކުދިންނަށް 30 ދުވަސް ލިބޭނެއެވެ. އެ މުއްދަތުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފު ނުކޮށްފިނަމަ ދައުލަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅުއްވަން ޖެހިވަޑައިގަންނަވާނެއެވެ.

ރާއްޖޭގެ ޝަރުޢީ ދާއިރާގެ އެންމެ މަތީ މަރުޙަލާ ސުޕްރީމް ކޯޓުން ވަނީ 3 މީހަކު މެރުމަށް ދަށުކޯޓުތަކުން ކުރެއްވި ޙުކުމްތައް ދަމަހައްޓަވައި އެ ޙުކުމް ތަންފީޒު ކުރެއްވުމަށް މީގެކުރިން ޙުކުމް ކުރައްވާފައެވެ.

ސުޕްރީމް ކޯޓުން މަރުގެ ޙުކުމް ތަންފީޒު ކުރުމަށް ޙުކުމް ކުރައްވާފައިވާ މީހުންނަކީ، ޑރ. އަފްރާޝީމް ޢަލީގެ ޤާތިލު ހުސައިން ހުމާމާއި މަޝްހޫރު ޤާނޫނީ ވަކީލު އަޙްމަދު ނަޖީބްގެ ޤާތިލް އަޙްމަދު މުއްރަތާއި ސ. ހުޅުދޫ ލިލީމާގޭ ޢަބްދު ﷲ ފަރުހަތުގެ ޤާތިލް މުޙައްމަދު ނަބީލެވެ.