ސިއްހަތު

އައިޖީއެމްއެޗް ތަރައްޤީކުރުމުގެ 5 މަޝްރޫޢެއް އިފްތިތާޙުކުރުން


އައި.ޖީ.އެމްއެޗުގައި އާ ޚިދުމަތްތައް ތަޢާރަފް ކުރެއްވުމަށް ކުރިޔަށް ގެންދެވި ފަސް މަޝްރޫއެއް ނިންމަވާ،އެ މަޝްރޫގެ ދަށުން ޤާއިމް ކުރެއްވި އާ ޚިދުމަތްތައް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ. 

މިފަސް މަޝްރޫއަށް ސަތޭކަ ވިހި މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރައްވާފައިވެއެވެ. އައި.ޖީ.އެމްއެޗުގެ  އިމާރާތަށް ގިނަ ދުވަސްވުމުގެ ސަބަބުން ދިމާވެފައިވާ މެއިންޓެނަންސް މައްސަލަ ޙައްލު ކުރެއްވުމަށާއި،އައި.ޖީ.އެމް އެޗުގައި އާ ޚިދްމަތްތަކެއް ތައާރަފްކުރެއްވުމަށް ސަރުކާރުން ކުރިޔަށް ގެންދަވާ މަސައްކަތުގެ ދަށުން ފަސް މަޝްރޫއެއް މިވަނީ ނިންމަވާފައެވެ. 

މިމަޝްރޫއްތަކުގެ ދަށުން އަލަށް ޤާއިމް ކުރެއްވި ނެޝަނަލް ޔޫރޯ ރީނަލް ފާޓިލިޓީ ސެންޓަރާއި،ނޮން އިންވޭސިވް ވެންޓިލޭޝަން ޔުނިޓާއި، ޓޯޓަލް ލެބޯޓަރީ އޮޓޮމޭޝަން ސިސްޓެމާއި ،މަރާމާތަށްފަހު ޤާއިމްކުރެއްވި އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސްއާއި،އައި.ސީ.ޔޫ ރައީސުލް ޖުމްހޫރިއްޔާ ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. 

މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ އަލަށް ތައާރަފް ކުރެއްވި، ނެޝަނަލް ޔޫރޯ ރީނަލް ފާޓިލިޓީ ސެންޓަރެވެ. 14 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރައްވައިގެން ޤާއިމްކުރެއްވި މި ސެންޓަރަކީ، ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވަމުންދާތީ، އެފަދަ ފަރާތްތަކަށް ރާއްޖޭގައި ތިބެގެން ފަރުވާ ހޯދޭނޭ ލުއި ފަސޭހަ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށްޓަކައި، އިންޑިއާގެ އެން.ޔޫ ހޮސްޕިޓަލުގެ ފަންނީ އެހީތެރިކަމާއެކު ޤާއިމް ކުރެވުނު ސެންޓަރެކެވެ. ކިޑްނީ ބަލިތަކަށްދޭ ފަރުވާގެ އިތުރުން، ކުޑަކަމުދާ ނިޒާމްގެ ބަލިތަކާއި، އުފަންވަނިވި ޞިއްޙަތުގެ ފަރުވާތައް މިސެންޓަރުގައ ޤާއިމްކުރެވިގެންދާނޭކަމަށް އައި.ޖީ.އެމް އެޗުން ވިދާޅުވެއެވެ. 

މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ނެފްރޯލޮޖިސްޓަކާއި،ޔޫރޮލޮސްޖިޓެއްގެ ޚިދްމަތާއި،ބައެއް ކަހަލަ ޕްރޮސީޖަރަތައް މިސެންޓަރުން ދެއްވަމުން އަންނަ ކަމަށް އައި.ޖީ.އެމް އެޗުން ވިދާޅުވޭ.އައި.ޖީ.އެމް އެޗުން ވިދާޅުވީ، ވަރަށް ކައިރި މުސްތަޤްބަލެއްގައި ދެޖިންސުގެ މީހުންނަށްވެސް އުފަންވަނިވި ޞިއްހަތުގެ ޚިދްމަތް ފައްޓަވާނޭކަމަށް، ހަމައެއާއެކު،އަންނަ އަހަރުގެ ކުރީކޮޅު ކިޑްނީ ޓްރާންސް ޕްލާންޓް ހެދުމުގެ އިންތިޒާމް އެސެންޓަރުގައި ހަމަޖައްސަވާނޭކަމަށެވެ. 

ކްރިޓިކަލް ކެއަރ އަށް ބޭނުންވާ މީހުން އައި.ސީ.ޔޫގައި އެޑްމިޓް ކުރަންޖެހޭ ޙާލަތްތަކުގައި،އައި.ސީ.ޔޫ ފުރި ޖާގަ ލިބުމުގައި ދިމާވާ ދަތިތައް ޙައްލުކުރެއްވުމުގެ ގޮތުން 8 އެނދުން 15 އެނދަށް އައި.ސީޔޫ ބަދަލުކުރައްވާ ޒަމާނީ އާލާތްތަކާއެކު، އައި.ސީޔޫވެސް ވަނީ ފެންވަރު މަތިކުރައްވާފައެވެ. އައި.ސީ.ޔޫގެ ޚާއްޞަ ސިފަތަކަށް ބަލާއިރު،އެތަނުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ބަލި މީހުންގެ ތެރެއިން،ގައިން ގަޔަށް އަރާ ބަލިތަކަށް ފަރުވާދެވޭނޭ ވަކި އިންތިޒާމެއް ހަމަޖައްސަފާއިވެއެވެ. 

މީގެ އިތުރުން ކޮންމެ އެނދެއްގައިވެސް، އޮންނަ ބަލިމީހަކަށް، ޑައިލަސިސް ހަދަންޖެހިއްޖެ ޙާލަތެއްގައި، އެ އެދުގައި ބާއްވައިގެން ޑައިލަސިސް ހެދޭނޭ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ކޮންމެ އެނދެއްވެސް ވަކި ވަކި ކެބިންގެ ގޮތުގައި ޤާއިމްކުރެވިފައިވާއިރު، އައި.ސީ.ޔޫ ގައި އެޑްމިޓްކޮށްގެން ފަރުވާދޭ  ބަލިމީހުންގެ ބަލަދުވެރިން މަޑުކޮށްލުމަށް،ޚާއްޞަ ޞަރަޙަދެއްވެސް ވަނީ ޤާއިމްކުރައްވާފައެވެ. އިންފެކްޝަން ކޮންޓްރޯލް ކުރެއްވުމަށް،އެންމެ ޒަމާނީ ފެންވަރަށް،އެންޓި މައިކްރޯބިއަލް ވޯލިންގް އަދި ފްލޯރިންގް ބޭނުންކޮށްގެން މިތަންވަނީ ޑިޒައިން ކުރައްވާފައެވެ.

އަލަށް އިފްތިތާޙް ކުރެއްވި ނޮން- އިންވޭސިވް ވެންޓިލޭޝަން ޔުނިޓަކީ ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ޢަދަދު ގިނަވެ،އެފަދަ ބަލި މީހުންނަށް ބޭނުންވާ ބައެއް ކަހަލަ ކްރިޓިކަލް ކެއަރ ދެވޭނޭ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ޤާއިމް ކުރި ޔުނިޓެކެވެ. މި ޔުނިޓްގައި ފަސް އެނދު ބެހެއްޓިފައިވެއެެވެ. އައި.ޖީ.އެމް އެޗުން ވިދާޅުވާގޮތުގައި، މި ޔުނިޓުގެ ޚިދްމަތް ފެއްޓެވުމުން، ނޭވާލާ ނިޒާމަށް ދިމާވާ މައްސަލަތަކުގައި، ބޭނުންވާ ޚާއްޞަ ކްރިޓިކަލް ކެއަރ އެއްފުރާޅެއްގެ ދަށުން ލިބޭނޭ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. 

މި ޔުނިޓުގެ ޤާއިމް ކުރެއްވުމާއެކު، އައި.ޖީ.އެމް އެޗުގައި މިހާރު ކްރިޓިކަލް ކެއަރގެ ޚިދްމަތްދޭ އެނދުގެ ޢަދަދު ވަނީ 60 އިތުރުވެފައެވެ. އައި.ސީޔޫގެ ފެންވަރު މަތިކުރުމަށާއި، ނޮން އިންވޭސިވް ވެންޓިލޭޝަން ޔުނިޓް ޤާއިމް ކުރެއްވުމަށް ސާޅީސް މިލިޔަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ޚަރަދު ކުރައްވާފައިވެއެވެ. 

އައި.ޖީ.އެމް އެޗުގައި އަލަށް ޤާއިމް ކުރެއްވި،" ޓޯޓަލް ލެބޯޓްރީ އޮޓޮމޭޝަން ސިސްޓެމް" ގެ ޚިދްމަތް ފެއްޓެވުމުން، އައި.ޖީ.އެމް އެޗުން މިހާރު ހަދަމުންދާ ޓެސްޓުތަކުގެ އިތުރުން،ބައެއް އިތުރު ޓެސްޓު ހެދޭނޭ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. އަދި ޓެސްޓުގެ ނަތީޖާ ޕްރޮސެސްވުމަށް ކަނޑައެޅިފައިވާ ޚާއްޞަ ޓެސްޓުތައް ފިޔަވައި އެހެން ޓެސްޓުތައް ނަތީޖާ ސާމްޕަލް ނަގާތާ ދެގަޑިއިރުގެ ތެރޭގައި ލިބިގެންދާނެއެވެ. ތިރީސް ފަސް މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ޤާއިމްކުރެއްވި މި ސިސްޓަމަކީ ،ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރ ޤާއިމް ކުރުމުގެ ތަޞައްވަރު ޙަޤީގަތަކަށް ހެދުމަށްޓަކައި، ކުރެވެމުންދާ މަސައްކަތުގެ ބައެއް ކަމަށާއި،މި ސިސްޓެމް އެއްކޮށް ފުރިހަމަ ކުރެވޭނީ ޑައިގްނީސްޓިކް ސެންޓަރުގައި ކަމަށް އައި.ޖީ.އެމް އެޗުން މައުލޫމާތު ދެއްވައެވެ.