ޚަބަރު

ހުޅުމާލެ ސެންޓްރަލް ޕާކުގެ އައުޓްޑޯ ޖިމް ހުޅުވައިފި


ޔޫތު ސިޓީއެއްގެ ގޮތުގައި ސަރުކާރުން ތަރައްޤީކުރައްވަމުން ގެންދަވާ ހުޅުމާލޭގައި ޒުވާނުންނަށް އަމާޒުކުރައްވައިގެން ތަފާތު ވަޞީލަތްތައް ގެންދަވަނީ ޤާއިމްކުރައްވަމުންނެވެ. މިގޮތުން މިހާތަނަށް ރާއްޖޭގައި ތަރައްޤީކުރެވުނު އެންމެ ބޮޑު ޕާކު ހުޅުމަލޭގައި ޤާއިމްކުރައްވައި، މިޕާކުގައި މިހާރު ވަނީ ކަސްރަތުކުރެވޭނެ އިންތިޒާމެއް ހަމަޖައްސަވާފައެވެ. މި ޕާކުގައި ތަރައްޤީކުރެއްވި އައުޓްޑޯ ޖިމް ހުޅުއްވައިދެއްވީ ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމްއެވެ.  

img:http://s4.psmnews.mv/images/660x400/14802598947876.jpg|ހުޅުމާލެ ސެންޓްރަލް ޕާކުގައި ތަރައްޤީކުރައްވާފައިވާ އައުޓްޑޯ ޖިމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޔޫތު އެނޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވަނީ ސަރުކާރުން ހުޅުމާލޭގައި ޒުވާނުންނަށް ޚާއްޞަކުރައްވައިގެން ހިންގަވާ މަޝްރޫޢުތަކުގެ ދުވެއްޔާމެދު ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ސަރުކާރުން ޒުވާނުންނަށް އަމާޒުކުރައްވައިގެން ހިންގަވާ މަޝްރޫޢުތައް އެންމެ ބާރުދުވެލީގައި ކުރިޔަށް އެބަގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އިރުތިޝާމް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާނުންނަށް ޚައްޞަކުރައްވައިގެން ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.  

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ހޯއްދަވައިދެއްވުމަކީ ރައީސް ޔާމީންގެ ވަޢުދުފުޅު ތެރޭގައި ހިމެނޭ މުހިންމު ކަމެއްކަމަށެވެ.

img:http://s4.psmnews.mv/images/660x400/14802598601734.jpg|ހުޅުމާލެ ސެންޓްރަލް ޕާކުގައި ތަރައްޤީކުރައްވާފައިވާ އައުޓްޑޯ ޖިމް

ހައުސިން މިނިސްޓރ ވިދާޅުވީ ހުޅުމާލެއަކީ ދުރުވިސްނުމާއެކު ސަރުކާރުން ތަރައްޤީކުރައްވަމުން ގެންދަވާ މުހިންމު ސިޓީއެއްކަން ފާހަގަކުރައްވާފައެވެ. މިރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވަނީ މި 3 އަހަރުދުވަހުގެ ތެރޭގައި ހުޅުމާލޭގެ ތަރައްޤީ ބާރު ސްޕީޑެއްގައި ކުރިއަރާފައިވާކަން ފާހަގަކުރައްވާފައެވެ. ސައިމަން ވިދާޅުވީ ހުޅުމާލެ ތަރައްޤީކުރައްވަނީ އިޖްތިމާޢީ މައްސަލަތަކަށް ޙައްލު ލިބޭނެ ފަދަ ގޮތަކަށް ކަމަށެވެ. 

މިރަސްމިއްޔާތުގައި މިނިސްޓރ އޮފް ހެލްތު ޢަބްދުﷲ ނާޒިމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާރކްގައި ކަސްރަތުކުރާ މީހުންނަށް ޚާއްޞަކުރައްވައިގެން ތަރައްޤީކުރައްވާ ޒޯން ރަސްމީގޮތުން ހުޅުވާފަވާއިރު، މި އައުޓްޑޯ ޖިމްގައި 32 މީހުންނަށް އެއްފަހަރާ ބޭނުން ކުރެވޭގޮތަށް ތަފާތު 18 ކަސްރަތު މެޝިން ބަހައްޓާފައިވެއެވެ.