ދުނިޔެ

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓު އަލުން ގުނަނީ


އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވިސްކޮންސިން ސްޓޭޓްގައި ނެގި ވޯޓުގެ ނަތީޖާ އަލުން ޔަޤީންކުރުމަށްޓަކާ ވޯޓު ދެވަނަ ފަހަރަށް ގުނަން ތައްޔާރުވެއްޖެއެވެ.

އެމެރިކާގައި މިމަހުގެ 8 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވިސްކޮންސިން ސްޓޭޓްގެ ވޯޓް ކުޑަ ފަރަޤަކުން ކާމިޔާބުކުރައްވާފައިވަނީ މުޅި އިންތިހާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕެވެ.

މިސްޓޭޓްގައި ނެގުނު ވޯޓު ނަތީޖާ އަލުން ގުނައިދިނުމަށް ރަސްމީކޮށް އެދިފައިވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ގްރީން ޕާޓީގެ ފަރާތުން ވާދަކުރެއްވި ކެނޑިޑޭޓްގެ ޖިލް ސްޓެއިންއެވެ. އެކަމަނާވަނީ މިޝިގަން އަދި ފެންސިލްވޭނިއާގައި ނެގުނު ވޯޓުގެ ނަތީޖާވެސް އަލުން ގުނުމަށް އެދޭނެކަމަށް ވިދާޅުވެފައެވެ. އެމެރިކާގެ އިލެކްޝަން ކޮމިޝަނުން ބުނީ ވިސްކޮންސިންގެ ވޯޓުތައް އަލުން ގުނުމަށް ބޭނުންވާ ފައިސާ ގްރީން ޕާޓީގެ ފަރާތުން ޖިލް ސްޓެއިން ދައްކާފައިވާކަމަށާ، މިއަންނަ ހަފްތާގެ ތެރޭގައި މިމަސައްކަތް ފެށޭނެކަމަށެވެ.

ސްޓެއިން ވިދާޅުވީ އަލުން ވޯޓުގެ ނަތީޖާ ގުނުމަށް އެދުނީ ކޮންޕިއުޓަރ ހެކަރުން ނަތީޖާއަށް ބަދަލުގެނައުމަށް އެއްވެސް ކަމެއްކޮށްފައިވޭތޯ ނުވަޔަ ނޫންތޯ ޔަގީންކުރަންކަމަށެވެ. ތަޖުރިބާކާރުން ބުނާގޮތުގައި އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އެކީގައި ބަދަލުކޮށްލުމަށް މަދުވެގެން ވިސްކޮންސިން، މިޝިގަން އަދި ފެންސިލްވޭނިއާ، ތިން ސްޓޭޓްގެ ނަތީޖާ ބަދަލުވާން ޖެހޭނެއެވެ.