ޚަބަރު

މެލޭޝިއާގެ ޒަކާތާބެހޭ އިދާރާގެ ޓީމެއް ރާއްޖެ ޒިޔާރަތްކުރުން


މެލޭޝިއާގެ ފެޑެރަލް ޓެރިޓަރީގެ ޒަކާތާބެހޭ އިދާރާގެ ޓީމެއް ރާއްޖޭގެ ޒަކާތު ކޮމެޓީ އާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގައި ބޭއްވެވި މި ބައްދަލުވުމަކީ ޒަކާތް ނެންގެވުމާއި، ޒަކާތް ބެއްސެވުމުގައި ދެ ޤައުމުގައި ޢަމަލުކުރެވެމުންދާ ގޮތްތަކާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. މިބައްދަލުވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު މުސްޠަފާ އިބްރާހިމް ވިދާޅުވީ މެލޭޝިއާ އަކީ ޒަކާތާއިބެހޭ ޤާނޫނަކަށް ޢަމަލު ކުރަމުންދާ ޤައުމަކަށްވުމާއެކު މިހާރު މަޖިލީހަށް ހުށައަޅުއްފައިވާ ޒަކާތު ބިލާއި ބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުނު ކަމަށެވެ. އަދި މި މަޝްވަރާތަކުގެ ސަބަބުން ޒަކާތް ބަލައިގަތުމާއި ބެއްސެވުމުގައި ޢަމަލުކުރެވޭ އުޞޫލްތައް އިތުރަށް ހަރުދަނާކުރެއްވޭނެ ކަމަށް މުސްޠަފާ ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ. މެލޭޝިޔާއަކީ އަކީ މި ޤައުމުގައި އޮތް އިސްލާމީ ކަންކަން އެންމެ ވަރުގަދަކޮށް އޮތް ޤައުމު. އެހެން ގޮތަކަށް ދަންނަވާނަމަ އިސްލާމީ ހަބެއްގެ ގޮތުގައި ތަފާތު މަސައްކަތްތަކެއް ކުރާ ޤައުމެއް. އެ ބޭފުޅުންނާ އެކުގައި އަޅުގަނޑުމެންނަށް މިކަންކަން ރަނގަޅުކުރެވިގެން ދިއުމަކީ ޙަޤީގަތުގައި ރާއްޖޭގެވެސް ޒަކާތް ބަލައިގަތުމާއި ބެހުމުގައި އެޅިގެންދާނެ ވަރަށް ބޮޑު ބިންގަލަކަށް ވެގެންދާނެ." އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުސްޠަފާ އިބްރާހިމް ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ އިތުރުން، ޒަކާތް ނެންގެވުމަށް ޢަމަލުކުރާ އުސޫލްތަކާއި ބެހޭ ގޮތުން މީރާގެ ބޭފުޅުންނާއެކު މި ޓީމުގެ މެމްބަރުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ.