ޚަބަރު

"ކުޑަކުދިން ޤައުމީ ކަންކަމުގައި ބައިވެރިކުރުމަކީ މުހިއްމުކަމެއް"


ޤައުމީ ކަންކަމުގައި އެންމެން ބައިވެރިވެ، ޚާއްސަކޮށް ކުޑަކުދިން ޤައުމީ ކަންކަމުގައި ބައިވެރި ކުރުވުމަކީ ކުޑަކުދިންގެ ހިތުގައި ޤައުމީ ރޫޙު އާލާވާނޭ ކަމެއްކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ. 

ސަރުކާރަށް ތިންއަހަރު ފުރުމާއި ގުޅިގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ކުޑަކުދިންގެ ބަގީޗާގައި ބޭއްވި ކުޑަކުދިންގެ ހަވީރު ޝަރަފުވެރިކޮށްދެއްވުމަށްފަހު ޕީއެސްއެމްއަށް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރ ނާޒިމް ވަނީ ސަރުކާރުގެ ކާމިޔާބު 3 އަހަރުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި ކުޑަކުދިންނަށްޓަކައި މިފަދަ ޙަރަކާތައް ބޭއްވުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޢަބުދުއްޝުކޫރު ސާލިޙް ވަނީ ސަރުކާރުގެ 3 އަހަރުގެ ކާމިޔާބީ ފާހަގަ ކުރައްވާ،  ސްޓެލްކޯގެ ކާމިޔާބީއަށް ސަރުކާރުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވާފައެވެ. ޝުކޫރު ވިދާޅުވީ މުސްތަޤުބަލްގައި މިއަށްވުރެ ކުލަގަދަކޮށް ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

ސްޓެލްކޯއިން ކުރިއަށްގެންދިޔަ ކުޑަކުދިންގެ ހަވީރުގައި 15 ސްޓޯލް ހިމެނޭއިރު މި ސްޓޯލްތަކުން ވަނީ ކުޑަކުދިން ޝައުޤުވެރިވާފަދަ ތަފާތު ޙަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. ހެލްތް މިނސްޓަރ ނާޒިމް ވަނީ މިހަވީރުގެ އެކި ސްޓޯލްތަކަށް ވަޑައިގެން ކުޑަކުދިންނާއެކު ވަގުތުކޮޅެއް ހޭދަ ކުރައްވާފައެވެ.