ޚަބަރު

ހަބޭސް 3 ޙަރަކާތުގައި ހިމެނޭ ޢާއިލީ ހަވީރު ބާއްވައިފި


ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތާއި، ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ކުރިޔަށް ގެންދަވާ "ހަބޭސް 3" ޙަރަކާތުގެ ތެރޭގައި ހިމެނޭ ޢާއިލީ ހަވީރު މިއަދު ބާއްވަވައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ކުރިޔަށް ގެންދަވާ "ހަބޭސް 3" ޙަރަކާތުގެ ތެރޭގައި ހިމެނޭ ޢާއިލީ ހަވީރު ކުރިޔަށް ގެންގޮސްފައިވަނީ ޔޫތު ސެންޓަރުގައެވެ. ޢާއިލީ ހަވީރު އިފްތިތާޙުކޮށްދެއްވީ އެޓާނީ ޖެނެރަލް މުޙައްމަދު އަނިލްއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މިހަފްތާއަކީ އަންހެނުންނާއި ކުޑަކުދިންނަށް އަނިޔާ ކުރުން ހުއްޓުވުމަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ހަފްތާކަމަށްވުމާއެކު، އެކަމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވާ، ދިވެހި މުޖުތަމަޢުގައި އަންހެނުންނަށާއި އަންހެންކުދިންނަށް ކުރަމުންދާ އަނިޔާތައް ހުއްޓާލުމަށް ގޮވާލެއްވިއެވެ. އެޓާނީ ޖެނެރަލްގެ ވާހަކަފުޅުގައި އަދުގެ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކުޑަކުދިންނަށާއި އާއިލާތަކަށް ބަހައްޓަވާ އަހަމިއްޔަތުކަމުގެ މައްޗަށްވެސް އަލި އަޅުއްވާލެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14801736612534.jpg|ބަންޑާރަ ނައިބު މުހައްމަދު އަނިލް އަދި ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް އާއިލީ ހަވީރުގައި

"ހަބޭސް ތިނެއް" ފެސްޓިވަލްގެ ޢާއިލީ ހަވީރުގައި ޔޫތު މިނިސްޓްރީއާއި ގުޅިގެން، ފުލުހުންނާއި ނެޝަނަލް ސެންޓަރ ފޯރ ދަ އާޓްސްއާއި ސްކިލްސްއާއި ރެޑް ކްރެސެންޓުން ގިނަ ޙަރަކާތްތަކެއް ކުރިޔަށް ގެންދިޔައެވެ. ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ،" ހަބޭސް ތިނެއްގެ" ޙަރަކާތުގެ މައިގަނޑު ޢަމާޒަކީ ސަރުކާރުގެ މެނިސްފެސްޓޯގައި ހިމެނޭ ލަނޑުދަނޑިތައް ޙާޞިލްވުމުގެ އުފަލުގައި އެންމެހައި ރައްޔިތުން ބައިވެރިކުރެއްވުންކަމަށެވެ.

ޔޫތް މިނިސްޓްރީން ބޭއްވި ޢާއިލީ ހަވީރަށް ގިނަ އަދަދެއްގެ ކުދިން ޒިޔާރަތްކޮށްފައިވެއެވެ. ގިނަ ކުޅިވަރުތަކަކާއި އެކު ކުރިއަށްދިޔަ މި ހަވީރުގައި ބައިވެރިވި ކުޑަކުދިން ތިބީ ވަރަށް ހިތްހަމަޖެހިފައެވެ.

މިހަވީރުގައި ބައިވެރިވި ބެލެނިވެރިން ބުނީ މިފަދަ ހަވީރުތައް ކުޑަކުދިންނަށް ޚާއްޞަކޮށް ބޭއްވުމަކީ ރަނގަޅު ކަމެއްކަމަށެވެ. އަދި މިހާ ފުރިހަމަ ގޮތެއްގައި ކުދިންނަށް އެކި ބާވަތްތަކުގެ ކުޅިވަރުތަކާއި އެކި ގޭމްސްތަކުގައި ބައިވެރިވެވޭފަދަ ގޮތަކަށް މި ހަވީރު އިންތިޒާމް ކޮށްފައިވާތީ އެކަމާއި ވަރަށް ހިތްހަމަޖެހޭކަން ބެލެނިވެރިން ފާހަގަކުރިއެވެ.

އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފައިވަނީ ޒުވާނުންގެ މަރުކަޒުގައި މިއަދު ހަވީރު ހަތަރަކުން ހަވީޜު ހަޔަކަށެވެ.