ޚަބަރު

ކަރަންޓުގައި ޖެހިގެން ފުނަދޫގައި ކުއްޖަކު މަރުވެއްޖެ


ށ. ފުނަދޫގައި 12 އަހަރުގެ ކުޑަކުއްޖަކު ކަރަންޓުގައި ޖެހިގެން މަރުވެއްޖެއެވެ. 

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި 12 އަހަރުގެ ކުޑަކުއްޖާ ކަރަންޓުގައި ޖެހިފައިވަނީ މަގުމަތި އަލިކުރުމަށްޓަކައި ޖަހާފައިހުރި ހޮޅިދަނޑިއަކުންނެވެ. ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ޙަސަން އިސްމާއީލް ވިދާޅުވީ މިއަދު ހަވީރު ހަތަރުގަޑި ތިރީސް އެހާކަންހާއިރު ކަރަންޓުގައި ޖެހިގެން ހޮސްޕިޓަލަށް ގެންދިޔަ ކުޑަކުއްޖާ، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް އެކުއްޖާ ބެއްލެވި ޑޮކްޓަރުން ވިދާޅުވެފައިވާކަމަށެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ސާފުވެފައިނުވާއިރު، ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަރަންޓުގައި ޖެހިގެން ފުނަދޫގައި ކުއްޖަކު މަރުވި މައްސަލަ އިތުރަށް ތަޙުޤީޤް ކުރައްވަމުން ގެންދަވާކަމަށެވެ.