ޚަބަރު

ރައީސް ވަޙީދުގެ ޙަޔާތްޕުޅުގެ މައްޗަށް ލިޔުއްވިފޮތް "އިންސާފު"


ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަންމަނިކުގެ ހަޔާތްޕުޅުގެ މައްޗަށް ލިއުއްވާފައިވާ ބަޔޮގްރަފީ ފޮތް "އިންސާފު ރައީސް ވަޙީދުގެ ޙަޔާތުން" ރޭ ނެރުއްވައިފިއެވެ. ހޮޓެލް ޖެންގައި ބޭއްވި ހަފްލާއެއްގައި ފޮތް ނެރެދެއްވީ ރައީސް ވަޙީދުގެ ވެރިކަމުގައި ނާއިބު ރައީސް މުޙައްމަދު ވަހީދުއްދީންއެވެ.

ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންމަނިކުގެ ހަޔާތްޕުޅުގެ މައްޗަށް އަލިއަޅުވާލައްވާ ލިޔުއްވާފައިވާ ބަޔޮގްރަފީ "އިންސާފު ރައީސް ވަޙީދުގެ ޙަޔާތުން" މިފޮތުގައި އެމަނިކުފާނުގެ ތުއްޕުޅު ހަޔާތާއި ތަޢުލީމީ ހަޔާތުން ފެށިގެން އެމަނިކުފާނު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ގޮތާއި ވެރިކަމުގައި ހުންނަވާ، މަސައްކަތްޕުޅު ބައްޓަންކުރެއްވި ގޮތާއި، އެކި ފަރާތްތަކާ މެދު ޢަމަލުކުރެއްވި ގޮތް އަދި އެމަނިކުފާނުގެ ވިސްނުންފުޅު ގެންގުޅުއްވި ގޮތް ތަފްޞީލްކޮށް ބަޔާންކޮށްފައިވެއެވެ. މިފޮތުގެ މުސައްނިފަކީ ނޫސްވެރިޔާ މުޙައްމަދު ޖަމީލެވެ. ހޮޓެލް ޖެންގައި ބޭއްވި ޙަފްލާއެއްގައި މިފޮތް ނެރެދެއްވީ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި ނާއިބު ރައީސްއަކަށް ހުންނެވި މުޙައްމަދު ވަޙީދުއްދީންއެވެ. img:http://s1.psmnews.mv/images/660x400/14801575779053.jpg|"އިންސާފު ރައީސް ވަޙީދުގެ ޙަޔާތުން" ފޮތް ނެރުމަށް ބޭއްވި ހަފްލާގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މިފޮތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވީ، މިފޮތުގައި، އެމަނިކުފާނުގެ ހަޔާތްޕުޅުގެ އުސްއަލިތައް އެނގިވަޑައިގަންނަވާ އެންމެ ރަނގަޅަށް ދަންނަވާދީފައިވާނެ ކަމަށެވެ. ކޮންމެ މީހެއްގެ ހަޔާތަކީވެސް ދަތުރެއް ކަމަށާއި، އެދަތުރުގައި ކުރާ މަސައްކަތްތަކާއި ހުވަފެންތަކާއި އުންމީދުތައް ހުންނާނެ ކަމަށެވެ. އެމަނިކުފާނު އުންމީދުކުރަމުން އައީ ރާއްޖެއަށް ހެޔޮގޮތްތައް ހޯއްދަވައިދެއްވުމަށް ކަމަށާއި، އެ އުންމީދަކީ ވަރަށް ބިޔަ ހުވަފެނެއް ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ޢަމަލުކުރައްވަމުން ގެންދަވާފައިވާނީ ޤާނޫނު އަސާސީގައިވާ ގޮތަށް ކަމަށާއި އެކަން މިފޮތުގައި ހިމެނިފައިވާނެ ކަމަށް ވިދާޅުވިއެވެ.

މި ބަޔޮގްރަފީ ފޮތް ނެރެދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ކުރީގެ ނާއިބު ރައީސް މުހައްމަދު ވަޙީދުއްދީން ވަނީ ޑރ. މުޙައްމަދު ވަޙީދުގެ ވެރިކަމަކީ ރާއްޖޭގެ ވެރިކަމެއްގައި އެންމެ އުނދަގޫ ދަތި ދުވަސްވަރު ކަމަށް ސިފަކުރައްވާފައެވެ. ވަޙީދުއްދީން ވަނީ ޑރ.ވަޙީދުގެ ވެރިކަމުގައި ހިނގާދިޔަ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް ވަޙީދު ވެރިކަމަށް ވަޑައިގެނެންވި ދުވަހުން ފެށިގެން މާލޭގައި މުޒާހަރާތައް ކުރަމުން ގެެންގޮސްފައިވާ ކަމަށާއި، ޤައުމު ހިންގުމަށް ބޭނުންވާ ބެޖެޓްވެސް ރައީސް ވަޙީދު އެދިވަޑައިގެންނެވި ގޮތަށް ލިބިވަޑައިގެންފައިނުވާ ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ވަޙީދު، ރައީސްކަމުން އިސްތިއުފާ ދެއްވުމަށް ބޭރު ޤައުމުތަކުން އިންޒާރުދީ މަޖުބޫރު ކުރުވި ކަމަށް ވިދާޅުވެ އެކަން ތަފްސީލު ކޮށްދެއްވިއެވެ.

މި ޙަފްލާގައި ވާހަކަ ދައްކަވަމުން ފޮތުގެ މުސައްނިފް މުޙައްމަދު ޖަމީލް ވަނީ މިފޮތަށް "އިންސާފް" މިނަން ކިޔުނު ސަބަބު ތަފްސީލު ކޮށްދެއްވާފައެވެ. ޖަމީލު ވިދާޅުވީ ފޮތަށް ނަންދެވުނީ، ރައީސް ވަޙީދު އދ. ގައި ކުރެއްވި ތަޤްރީރުގައި "ކުޑަ ޤައުމަކަށް ކުޑަ އިންސާފު" މި މައުޟޫއަށް ކަމަށްވެފައި، އަދި އެމަނިކުފާނުގެ ވެރިކަމުގައި ހިނގާދިޔަ ކަންކަމުގެ މައްޗަށް ބިނާކޮށް ކަމަށެވެ. ޖަމީލް ވިދަޅުވީ، މިއީ އޭނާގެ ނޫސްވެރިކަމުގެ ހަޔާތުގައި ޙާސިލްވި އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ. ޑރ. ވަޙީދު ހަނދުމަފުޅު ހުންނެވި އެންމެ ދުރު ހިސާބުން ފެށިގެން މިފޮތުގައި ހިމަނުއްވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަމީލް ވަނީ މުޙާއްމަދު އަމީންގެ ހަޔާތްޕުޅުގެ މައްޗަށްވެސް އޯކިޑްގެ ނަމުގައި ފޮތެއް ލިޔެ ނެރުއްވާފައެވެ.