ޚަބަރު

"ހަބޭސް 3" ގެ ނަމުގައި ޚާއްޞަ ފެސްޓިވަލެއް ފަށްޓަވައިފި


ސަރުކާރުގެ 3 އަހަރުގެ ކާމިޔާބީ ފާހަގަކުރެއްވުމަށާއި ޤައުމި ޒުވާނުންގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން، "ހަބޭސް 3" ގެ ނަމުގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސުން ޚާއްޞަ ފެސްޓިވަލެއް ފަށްޓަވައިފިއެވެ.

މައިގަނޑު 4 ޙަރަކާތެއް މި ފެސްޓިވަލުގައި ހިންގެވުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ޙަރަކާތްކަމަށްވާ "ލައިވް އާޓް އިވެންޓް" މިއަދު ހެދުނު 8:30 ން ފެށިގެން ހަވީރު 6 ޖަހަންދެން ވަނީ ކުރިޔަށް ގެންދަވާފައެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވެވި މި ޙަރަކާތުގައި 30 ކުރެހުންތެރިން ބައިވެރިވެފައިވެއެވެ. "ހަބޭސް 3 " ގައި ހިމެނޭ އަނެއް މައި 3 ޙަރަކާތަކީ މީޑިއާތަކުގެ ޓީމަކާއި ޔޫތު މިނިސްޓްރީގެ ޓީމެއް ހިމެނޭ ގޮތައް ބާއްވަވާ ދެޖިންސުގެ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެވެ. އަންނަ ހޮނިހިރު ދުވަހުގެ ރޭކުޅުމަށް ހަމަޖެހިފައިވާ މި ދެ މެޗުގެ ތެރެއިން ފިރިހެން މެޗުގައި މިނިސްޓަރ ފެންވަރުގެ ބޭފުޅުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާ ކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ. މިމެޗު ބެލުމަށް ގަލޮޅު ދަނޑަށް ހިލޭ ވަނުމުގެ ފުރުޞަތު ޔޫތު މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. 

އަދި ހޮނިހިރު ދުވަހުގެ ހަވީރު، ކުޑަކުދިންގެ ޚާއްޞަ ހަވީރެއް ސޯޝަލް ސެންޓަރުގައި ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ނޭޝަނަލް ސެންޓަރ ފޮރ އާރޓްސްއާ ގުޅިވަޑައިގެން މިމަހުގެ 29 ވާ އަންގާރަ ދުވަހު، އަލިމާސް ކާނިވަލުގައި ޚާއްޞަ މިއުޒިކް ޝޯވ އެއްވެސް ބޭއްވެވުމަށްވަނީ ހަމަޖެހިފައެވެ.

ޔޫތު މިނިސްޓްރީން ވިދާޅުވީ "ހަބޭސް 3 " މިއީ ޒުވާނުންގެ ސަރުކާރަށް 3 އަހަރު ފުރުމާއި ގުޅިގެން ދޭ ހަދިޔާއެއްގެ ގޮތުގައި ބާއްވަވާ ފެސްޓިވަލެއް ކަމަށާއި، ވީހާވެސް ގިނަ ޒުވާނުން މި ފެސްޓިވަލްގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އެމިނިސްޓްރީން އެދިވަޑައިގަންނަވައެވެ.