ޚަބަރު

ވޯކް ގްރޫޕްގެ ޚިދުމަތް އޭވިއޭޝަން ސެކިއުރިޓީއަށް ފޯރުކޮށްދެނީ


އުރީދޫ މޯލްޑިވްސްއިން އޭވިއޭޝަން ސެކިއުރިޓީ ކޮންޓްރޯލްގެ މުވައްޒަފުންގެ މުވާޞާލާތީ ބޭނުންތަކަށް ފުރިހަމަ ޙައްލެއް ލިބިދިނުމަށްޓަކައި، އުރީދޫ ވޯކްގްރޫޕް ޚިދުމަތް ފޯރުކޮށްދިނުމަށް މިއަދު އެއްބަސްވެއްޖެއެވެ. 

މި ޚިދުމަތް މެދުވެރިކޮށް އެ މުއައްސަސާގެ މުވައްޒަފުންގެ މެދުގައި ހިލޭ ކޯލް އަދި އެސްއެމްއެސް ކުރެވޭނެކަމަށް އުރީދޫއިން ބުނެއެވެ. އުރީދޫގެ ހެޑްއޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އުރީދޫ ވޯކް ގްރޫޕް ޚިދުމަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ބާލާޖީ ސްރިނިވާސަން އާއި އޭވިއޭޝަން ސެކިއުރިޓީ ކޮންޓްރޯލްގެ ޑެޕިއުޓީ ކޮމާންޑަރ މޭޖަރ މުޙައްމަދު ފަސީޙްއެވެ.

އުރީދޫ ވޯކްގްރޫޕް މެދުވެރިކޮށް ކުންފުނީގެ ތެރޭގައި ކުރަންޖެހޭ ހުރިހާ ކޯލެއް އަދި ހިލޭ އެސްއެމްއެސްވެސް ކުރުމުގެ ފުރުޞަތު ފޯރުކޮށްދެވޭނެއެވެ. ހަމައެއާއެކު، 4 ޢަދަދުގެ ކުރު ނަންބަރެއް ބޭނުންކޮށްގެން، ވޯކް ގްރޫޕްގައި ހިމެނޭ ބޭފުޅުންގެ މެދުގައި، އެކަކު އަނެކަކަށް ފަސޭހަކަމާއެކު ގުޅާލެވޭނެކަމަށް އުރީދޫން ބުނެއެވެ.

ކޯޕަރޭޓް ކުންފުނިތަކަށްތަކަށް ޚާއްޞަކޮށް ތަޢާރަފްކުރެވިފައިވާ ވޯކްގްރޫޕް މެދުވެރިކޮށް، އެކި ލޮކޭޝަންތަކުގައިވާ އޮފީސްތަކާއި ކުންފުނީގެ މުވައްޒަފުން އެއް މޮބައިލް ނެޓްވަރކެއްތެރޭގައި ގުޅުވާލަދީ، މިކަމުގެ ސަބަބުން، ކުންފުނި ތެރޭގައި މުޢާމަލާތްކުރުމުގެ ފަސޭހަކަން އިތުރުވެ، މަސައްކަތް ކުރުމަށްވެސް އިތުރު ފުރިހަމަކަމެއް މެދުވެރިވެގެންދާނެކަމަށްވެސް އުރީދޫން ބުނެއެވެ.

އެމްއެންޑީއެފް، މޯލްޑިވްސް ޕޮލިސް ސަރވިސް، އެސްޓީއޯ، އެމްސީއެސް، ޕީޖީ އޮފީސް، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ޔޫތް، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ، މިނިސްޓްރީ އޮފް ޖެންޑާރ އެންޑް ލޯ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިތުރުން މަޝްހޫރު އެތަކެއް ކުންފުނިތަކާއި ރިސޯޓްތަކަކުން ދަނީ އުރީދޫގެ ކޯޕަރޭޓް ކޮމިއުނިކޭޝަން ޕެކޭޖު ކަމަށްވާ އުރީދޫ ވޯކް ގްރޫޕުގެ ޚިދުމަތް ބޭނުންކުރަމުންނެވެ.