ޚަބަރު

އޭޑީސީއަށް 25 ޑޮލަރު ނެގުމަށް ހުށަހެޅި ބިލު ބަލައިގެންފި


އެއަރޕޯޓް ތަރައްޤީކުރުމުގެ ގޮތުން އެއަރޕޯޓުން ފުރާ ކޮންމެ ފަސިންޖަރަކު އަތުން ނަގާ ޓެކްސްއާއި ފީ ނުވަތަ އެއަޕޯޓް ޑިވެލޮޕްމަންޓް ޗާޖަކީ އަންނަ އަހަރު ދައުލަތަށް އާމްދަނީ ހޯދުމަށްޓަކައި ބަޖެޓްގައި މުޅިން އަލަށް ނެގުމަށް ހިމަނުއްވާފައިވާ ޓެކްސްއެކެވެ. 

ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ބިލެއް ހުށައެޅުއްވުމުގެ މަޤްޞަދުގައި ވަނީ، މިހާރު ޢަމަލުކުރަމުންދާ ޤާނޫނަކީ އެޤާނޫނު ތަންފީޛުކުރުމުގެ އެއްވެސް ބާރެއް އެއްވެސް ފަރާތަކަށް ދީފައިވާ ޤާނޫނަކަށް ނުވާތީއާއި، އެއަރޕޯޓް ސަރވިސް ޗާޖުނަގައި ދައުލަތަށް ދެއްކުމަކީ ކަނޑައެޅިގެން ވަކި ފަރާތެއްގެ ޒިންމާއެއްކަމުގައި ޤާނޫނުގައި ކަނޑައަޅުއްވާފައި ނުވާތީކަމަށެވެ. އަދި އެޤާނޫނަކީ ހަރުދަނާކަމާއެކު ތަންފީޛްކުރެވޭ ފަދަ ޤާނޫނެއްކަމުގައި ނުވާތީ، ޤާނޫނީ އުޞޫލުތަކަށް އިޞްލާޙު ގެނެސް ހަރުދަނާ އުޞޫލެއް އެކުލަވާލުންކަމަށެވެ. މިބިލް ތަޅުމަށް ހުށައަޅުއްވަމުން ގައްދޫ ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދު ވިދާޅުވީ، މި ބިލަކީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ މަޤްޞަދު ހާސިލްކުރުމަށްޓަކައި މުހިންމު ބިލެއްކަމަށެވެ.

މިބިލަށް މަޖިލީހުގެ ތަޅުމުގައި ފޯރިގަދަ ބަހުސްއެއް ކުރިއަށް ގެންދަވާފައިވެއެވެ. ބިލަށް ބަހުސްކުރެއްވި ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވިދާޅުވަމުން ގެންދެވީ، އެއަރޕޯޓް ތަރައްޤީއަށް ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމަކީ ތަރައްޤީވަމުން އަންނަ ޤައުމަކަށް މުހިންމު ކަމެއްކަމަށެވެ. ޚާއްޞަކޮށް ގިނަ ފަތުރުވެރިންނަށް ޚިދުމަތްދޭން އަމާޒުހިފާފައިވާ އެއަރޕޯޓެއް ތަރައްޤީކުރުމަށްޓަކައި ޓެކްސްގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. 

ބިލަށް ބަހުސްކުރެއްވި އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ ސަރވިސް ޗާޖް ނެގުމަށް ބިލްގައި ހިމަނާފައިވާގޮތަށް ބަލާއިރު، ބިދޭސީ ކޮންމެ ފަސިންޖަރަކު އަތުން ފަންސަވީސް ޑޮލަރު، ކޮންމެ ދިވެއްސެއްގެ އަތުން ބާރަ ޑޮލަރު ނެގުމަށް ހިމަނުއްވާފައިވެއެވެ. ނަމަވެސް ޑިޕްލޮމެޓިކް ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުން އަތުން ސަރވިސް ޗާޖްނެގުން ވަނީ އިސްތިސްނާކުރައްވާފައެވެ. ނަމަވެސް އެއަރޕޯޓް ތަރައްޤީކުރުމަށް ނެގާފީ ޓްރާންސިޓް ފަސިންޖަރުން ހިމެނޭ ގޮތުން ކޮންމެ ބޭރަށް ފުރާ ކޮންމެ ފަސިންޖަރަކު އަތުން ނެގޭނެކަމަށާއި، ނަމަވެސް ޑިޕްލޮމެޓިކް ފަރާތްތަކުގެ އަތުން ނުނެގޭކަމަށެވެ. ދިވެހިންގެ އަތުންވެސް އެއަރޕޯޓް ތަރައްޤީ ފީ ނެގުމަށް ބިލްގައި ހިމަނާފައިވާތީ ޖުމްލަކޮށް ހުރިހާ މެމްބަރުންވެސް ވަނީ ދިވެހިން އިސްތިސްނާކުރުމަށް ގޮވާލައްވާފައެވެ.

މިހާރުވެސް އިބްރާހިމްނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ބިދޭސީ ކޮންމެ ފަސިންޖަރަކު އަތުން ފަންސަވީސް ޑޮލަރުގެ އެއަރޕޯޓް ޑެވެލޮޕްމަންޓް ޗާޖެއް ދަނީ ނަގަމުންނެވެ. ދައުލަތަށް އާމްދަނީ އިތުރުކުރުމަށް އިޤްތިޞާދީ އައު މަޝްރޫޢުތަކެއް އަންނަ އަހަރަށް ލަފާކުރައްވާ ބަޖެޓްގައި ސަރުކާރުން ހިމަނުއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި މިބިލަށް ބަހުސްކުރުމަށްފަހު މިބިލު މަޖިލީހަށް ބަލައިގަތީ 53 މެމްބަރުންގެ ވޯޓުންނެވެ. މިބިލު ބަލައިގަތުމާ ދެކޮޅަށް ވޯޓްދެއްވީ 22 މެމްބަރުންނެވެ.