ދުނިޔެ

ކަޒަކިސްތާނުގެ ވެރިރަށުގެ ނަމަކީ ޤައުމުގެ ރައީސްގެ ނަންފުޅު !


ކަޒަކިސްތާނުގެ ވެރިކަންކުރާރަށުގެ ނަން، އެޤައުމުގެ ރައީސްގެ ނަމަށް ބަދަލުކުރުމަށް ކަޒަކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ އިއްތިފާޤުން ފާސްކޮށްފިއެވެ. 

1989 ވަނަ އަހަރުންފެށިގެން ކަޒަކިސްތާނުގެ ވެރިކަންކުރަމުން އަންނަ ނޫރްސުލްތާން ނަޒަރްބަޔޭވްގެ ނަމުން އެޤައުގެ ވެރިކަންކުރާ ރަށަށް ނަން ދިނުމަށް މަޖިލީހުގެ އިއްތިފާޤުން ފާސްކޮށްފައިވާއިރު، ޤާނޫނުތައް ބުނާގޮތުން އެ ހުށަހެޅުމާ މެދު ގޮތެއް ނިންމަވާނީވެސް ރައީސް ނަޒަރްބަޔާވްއެވެ. ކަޒަކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ މި ހުށަހެޅުމާމެދު ރައީސް ނަޒަރްބަޔޭވް އަވަހަށް ގޮތެއް ނިންމަވާނޭކަމަށް އުއްމީދުކުރައްވާކަމަށެވެ. މިފަދަ ހުށަހެޅުންތަކަށް ރައީސް ނަޒަރްބަޔޭވް މީގެކުރިން ނޫނެކޭ ވިދާޅުވިނަމަވެސް، މިފަދަހުށަހެޅުންތައް އެމަނިކުފާނު މިހާރު ބަލައިގަންނަ މިންވަރު ދަނީ އިތުރުވަމުންނެވެ. 

img:http://s1.psmnews.mv/images/660x400/14799756360975.jpg|ކަޒަކިސްތާނުގެ ވެރިރަށް "އަސްތަނާ" / މިސިޓީއަށް އެޤައުމުގެ ރައީސްގެ ނަންފުޅު ދިނުމަށް ވަނީ ހުށަހަޅާފައި

ކަޒަކިސްތާނުގެ ވެރިކަންކުރާ ސިޓީއަށް މިހާރު ކިޔަނީ "އަސްތަނާ"އެވެ. މާނައަކީ ވެރިކަންކުރާ ރަށެވެ. މިއީ 1998 ވަނަ އަހަރު އެސިޓީއަށް ވެރިކަން ބަދަލުކުރުމަށްފަހު ދިން ނަމެކެވެ.  

މިދިޔަ ހަފްތާގައި ކަޒަކިސްތާނުގެ މަރުކަޒީ ބޭންކުން ވަނީ ނަޒަރުބަޔޭވްގެ ފޮޓޯފުޅު ހިމެނޭ ފައިސާގެ އައު ނޫޓެއް އަންނަ ޑިސެމްބަރުމަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޭނުންކުރުމަށް ނިންމާފައެވެ. ކަޒަކިސްތާނުގައި ރައީސް ނަޒަރްބަޔޭވްގެ ބުދުތަކާއި ބިނާތައް ގިނަވަމުންދާއިރު ކަޒަކިސްތާނުގެ ބޮޑެތި ސްކޫލްތަކާއި ޔުނިވަރސިޓީތަކަށްވެސް ނަޒަރްބަޔޭވްގެ ނަންވަނީ ދީފައެވެ.