ޚަބަރު

އެނާރޖި ޕޮލިސީ އަންނަ މަހު ޢާންމު ކުރައްވަނީ


އެނާރޖި ޕޮލިސީ އަންނަ މަހު ޢާންމު ކުރައްވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، އެންވަޔަރަމަންޓް މިނިސްޓްރީގެ އެނަރޖީ ޑިޕާރޓްމެންޓްގެ ފާއިތުވެދިޔަ ތިންއަހަރު ދުވަހުގެ ކާމިޔާބީ ޢާންމުކުރެއްވުމަށް މިއަދު އެ މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ، އެނަރޖީ ޑިޕާރޓްމެންޓުން ގެންދަވަނީ، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ލަނޑުދަނޑިތަކެއް އެކުލަވާލައްވައި އެކަން ޙާސިލްކުރެއްވުމަށް މަސައްކަތްކުރައްވަމުންނެވެ.

އެނަރޖީ ޑިޕާރޓްމެންޓުން ހޯއްވަދާފައިވާ ކާމިޔާބީ ހިއްސާކުރައްވަމުން، އެންވަޔަރަމަންޓްމިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ، ދިވެހިރާއްޖޭގެ އެނަރޖީ ޕޮލިސީ އެކުލަވާލުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ޑިސެމްބަރު މަހުގެތެރޭގައި ޕޮލިސީ އާންމު ކުރައްވާނެ ކަމަށެވެ. އަދި  ހަކަތައިގެ ބިލެއް އެކުލަވާލެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާބޭސް އެކުލަވާލައްވަމުން ގެންދަވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 2018 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ދުވާލުގަޑީގައި ބޭނުންކުރާ ހަކަތައިގެ 30 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ހެއްދެވުމަކީ މިނިސްޓްރީގެ އަމާޒެކެވެ. މިއަމާޒަށް ވާސިލްވުމަށްޓަކައި މިހާރުވެސް 6 ރަށެއްގެ މަސައްކަތް ނިންމަވާފައިވެއެވެ. އަދި އަމަލީ މަސައްކަތް 5 ރަށެއްގައި ކުރިއަށް އެބަދެއެވެ. 27 ރަށެއްގެ މަސައްކަތް ޓެންޑަރިން ސްޓޭޖްގައި އޮތްއިރު، 26 ރަށެއްގައި އިއާދަ ކުރަނިވި ހަކަތަ ޤާއިމްކުރެއްވުމުގެ ޑިޒައިނިންގ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ. އަދި 44 ރަށެއްގެ ސަރވޭގެ މަސައްކަތްވެސް މިނިސްޓްރީން މިހާރުވަނީ ފަށްޓަވާފައެވެ.

ޅ.ނައިފަރު އަދި ކ.ހިންމަފުށީގައި ވައިން ހަކަތަ އުފެއްދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެއްޓެވުމަށް ވަނީ ނިންމަވަފައެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއެކު މާލެއާ ހުޅުމާލޭގެ ކަރަންޓް ވިއުގަ ހައިޓެންޝަން ކޭބަލް މެދުވެރިކޮށް ގުޅާލުމުގެ މަސައްކަތްވެސް އަންނަ އަހަރު ފެށްޓެވުމަށް މިނިސްޓްރީންގެންދަވަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ.

ސޯލަރ ޕެނަލްތަކާއި ވައިން ހަކަތަ އުފެއްދުމުގެ އިތުރުން ކަނޑުގެ ލޮނު ބޭނުންކޮށްގެން ހަކަތަ އުފެއްދުމާބެހޭ ދިރާސާއެއްވެސް މިނިސްޓްރީންކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނެޓް މީޓަރިންގ އުސޫލުން ކަރަންޓް ބޭނުންކުރުމުގެ އުސޫލް 2015ވަނަ އަހަރު އެކުލަވާލައްވައި، އެ ފުރުސަތުއާންމުންނަށް މިހާރުވަނީ ހުޅުއްވާލައްވާފައެވެ. މިކަން ފެށުމަށް ބޭނުންވާ ލުއި ލޯނަށް އެދުމުގެ ފުރުސަތު ހުޅުއްވާލައްވާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓްގެ ކެޕޭސިޓީ އިތުރު ކުރެއްވުމަށް 8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް ގަތުމުގެ މަސައްކަތްމިހާރު ކުރިއަށްއެބަގެންދަވައެވެ. އަދި 50 މެގަ ވޮޓްގެ އިންޖީނުގެއެއް ހުޅުމާލޭގައި ޤާއިމްކުރެއްވުގެ މަސައްކަތްވެސް މިހާރުވަނީ ފަށްޓަވާފައެވެ.