ޚަބަރު

2017ގެ ބަޖެޓުން އިޤްތިޞާދަށް ބޮޑު އިންގިލާބެއް ގެނުވާނެ


އަންނަ އަހަރަށް ލަފާކުރައްވާފައިވާ ދައުލަތުގެ ބަޖެޓަކީ، އިޤްތިޞާދަށް ބޮޑު އިންޤިލާބެއް ގެނެސް، އިޤްތިޞާދު ކޮޅަށް ޖެހުމަށް އަމާޒު ހިފާފައިވާ ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ.

މެމްބަރުން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ދިރާސާކުރައްވައި ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުންނެވެ. މިއަދުގެ ޖަލްސާގައި ބަޖެޓަށް 18 އިޞްލާޙެއް ގެންނެވުމަށް ހުށައަޅުއްވާފައިވެއެވެ.

އަންނައަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެއްޓުގެ ޖުމްލަ ޢަދަދަކީ 26.7 ބިލިއަން ރުފިޔާއެވެ. ބަޖެޓް ދިރާސާކުރެއްވުމަށް ބަޖެޓް ކޮމިޓީގެ 9 ބައްދަލުވުމެއް ބާއްވަވާފައިވެއެވެ. އަދި 20 ގަޑިއިރު ހޭދަކުރައްވާފައިވެއެވެ. ބަޖެޓް ދިރާސާކުރި ކޮމެޓީން ވަނީ އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ފަންނީ ލަފާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަނަރ ޑރ. އަޒީމާ އާދަމާއި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތުގެ ފަރާތްޕުޅުންވެސް ހޯއްދަވާފައެވެ. އަދި ބަޖެޓްގައި ހިމަނުއްވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކާއި، އަލަށް އާމްދަނީ ހޯއްދެވުމަށް ހިމަނުއްވާފައިވާ މަޝްރޫޢޫތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ގިނަ މިނިސްޓަރުން ކޮމިޓީއަށް ހާޒިރުކުރައްވާ އެ މަޢުލޫމާތުތައްވެސް އޮޅުންފިލުއްވާފައިވެއެވެ.

ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވި ކޮމެޓީން ބަޖެޓް ފާސްކޮށް ނިންމަވާލެއްވިއިރު ބަޖެޓްގެ ޖުމްލަ ޢަދަދަކަށް އެއްވެސް ބަދަލެއް ގެންނަވާފައެއްނުވެއެވެ. ބަޖެޓް ދިރާސާކުރެއްވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށައެޅުއްވީ ބަޖެޓް ކޮމިޓީގެ މުޤައްރިރު ވިލިމާލެ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކެވެ. ބަޖެޓް ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށައެޅުއްވުމުން ބަޖެޓަށް 18 އިޞްލާހެއް ގެންނެވުމަށްހުށައަޅުއްވާފައިވެއެވެ. މި އިޞްލާޙުތައް ހުށައަޅުއްވާފައިވަނީ ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ މެމްބަރުންނެވެ. ބަޖެޓް ރިޕޯޓް ތަޅުމަށް ހުށައަޅުއްވަމުން ނިހާން ވަނީ ބަޖެޓް ދިރާސާކުރެއްވި ގޮތުގެ ތަފްޞީލް ހިއްސާކުރައްވާފައެވެ.

ބަޖެޓް ރިޕޯޓަށް ބަހުސްކުރައްވާ ޖަލްސާ ނިންމަވާލައްވާފައިވަނީ ހަވީރު ފަހެއްޖެހިފަހުންނެވެ. ބަޖެޓް ރިޕޯޓަށް ބަހުސްކުރައްވަމުން ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވިދާޅުވަމުން ގެންދެވީ އަންނަ އަހަރުގެ ބަޖެޓަކީ އިޤްތިޞާދަށް ބޮޑު އިންޤިލާބެއް ގެނެސްދޭނެ ބަޖެޓެއް ކަމަށެވެ. މިއީ ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް އަމާޒުކުރައްވައިގެން އެކުލަވާލައްވާފައިވާ ބަޖެޓެއް ކަމަށެވެ. އެމެމްބަރުން ވިދާޅުވީ، ބަޖެޓްގައި އާމްދަނީ ހޯއްދެވުމަށް ސަރުކާރުން ހިމަނުއްވާފައިވާ ކަންކަމަށް މަޖިލީހުން އެއްބާރުލުން ދެއްވައިގެން ކުރިއަށްގެން ގެންދަވައިފިނަމަ ޤައުމުންފެންނާނީ އުފާވެރިކަންކަމަށެވެ. ނަމަވެސް އިދިކޮޅު މެމްބަރުން ގެންދެވީ، ބަޖެޓަށް ފާޑުވިދާޅުވަމުންނެވެ.

އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރެއްވުމަށް މުޅިން އަލަށް ޚާއްޞަ މަޝްރޫޢުތަކެއް ހިންގެވުމަށްވަނީ ކަނޑައަޅުއްވާފައެވެ.