ޚަބަރު

ސީއެސްޓީއައި އިން 183 ސިވިލް ސާވަންޓުން ދަސްވެނިވެއްޖެ


ސިވިލް ސާރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން މިއަހަރު ހިންގެވި ކޯސްތަކުގެ ދަސްވެނިންނަށް ސެޓްފިކެޓް ދެއްވައިފިއެވެ.

ސިވިލް ސަރވިސް އިންސްޓިޓިއުޓުން ވިދާޅުވީ އެ އިންސްޓިއުޓުން ހިންގެވި 17 ކޯހަކުން 183 ސިވިލް ސާވަންޓުން ދަސްވެނިވެފައިވާކަމަށެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި ދަސްވެނިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ހޯމް މިނިސްޓަރ އަޒްލީން އަޙްމަދެވެ.

img:http://s4.psmnews.mv/images/660x400/14798952577715.jpg|ސިވިލް ސާރވިސް އިންސްޓިޓިއުޓުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ސިވިލް ސަރވަންޓުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. އަދި މިފަދަ ފުރުޞަތުތަކަކީ މަދުން ނޫނީ ނުލިބޭނެ ފުރުޞަތުތަކެއްކަން ފާހަގަކުރައްވާ ކޯސްތަކުން ލިބުނު މަޢުލޫމާތުތައް އެހެން ފަރާތްތަކަށް ޙިއްޞާކުރެއްވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

މި ރަސްމިއްޔާތުގައި ސިވިލް ސާރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ނިއުސްލެޓަރ "ބަޒް"ގެ މިއަހަރުގެ ޢަދަދު ނެރެދެއްވާފައިވެއެވެ. އަދި ސިވިލް ސަރވިސް އިންސްޓިޓިއުޓްގެ 2017 ވަނަ އަހަރުގެ ޓްރެއިނިންގް ޑައިރެކްޓްރީވެސް ނެރުއްވާފައިވެއެވެ. މި ޑައިރެކްޓްރީ ނެރެދެއްވާފައިވަނީ ހޯމް މިނިސްޓަރ އަޒްލީން އަޙްމަދެވެ.