ޚަބަރު

ޕްރައިމަރީން ބަލިވުމުން ވާދަނުކުރެވޭގޮތަށް ފާސްކުރައްވައިފި


ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށް، ނާކާމިޔާބުވާ ފަރާތްތަކަށް އެ އިންތިޚާބުގައި އެހެން އެއްވެސް ޙައިޘިއްޔަތަކުން އެ ފަހަރުގެ އިންތިޚާބުގައި ވާދަނުކުރެވޭގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް މި އިޞްލާޙު ހުށައެޅުއްވި މި ޢިޞްލާޙު ފާސްވީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 41 މެމްބަރުންގެ އަޣްލަބިއްޔަތުނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 29 މެމްބަރަކު ވޯޓުދެއްވާފައިވެއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން ހުށައަޅުއްވާފައިވާ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި އިޞްލާޙުގައި ވަނީ، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީކޮށްފައިވާ މެމްބަރަކު، ޤާނޫނު އަސާސީން ނުވަތަ ޤާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިޚާބެއްގައި، ސިޔާސީ ޕާޓީއެއްގެ ޓިކެޓް ހޯދުމަށް އެޕާޓީގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވެއްޖެނަމަ، އެ އިންތިޚާބެއްގައި އެހެން އެއްވެސް ޙައިޘިއްޔަތަކުން ވާދަކޮށްގެން ނުވާނެކަމަށެވެ. އަދި ޕްރައިމަރީގައި ވާދަކޮށް ބަލިވެއްޖެނަމަ، އެ އިންތިޚާބުގައި އެހެން އެއްވެސް ހައިޘިއްޔަތަކުން ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިނަމަ އެ މީހެއްގެ ކެނޑިޑެސީ ބާޠިލްކުރަންވާނެކަމަށްވެސް އިޞްލާޙުގައިވެއެވެ.

މި އިޞްލާޙަށް ބަހުސްކުރެއްވި ސަރުކާރަށް ތާޢީދުކުރައްވާ މެމްބަރުން ވިދާޅުވެފައިވަނީ ޕްރައިމަރީތަކުން ނާކާމިޔާބުވާ ކެނޑިޑޭޓުން އަމިއްލަ ގޮތުން ވާދަކުރުމަކީ އެކެނޑިޑޭޓަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކަށް އިޔާދަ ނުކުރެވޭވަރުގެ ގެއްލުމާ ކުރިމަތިލާންޖެހޭކަމެއްކަމަށެވެ. ނަމަވެސް މި އިޞްލާހަށް އިދިކޮޅު މެމްބަރުންވަނީ ދެކޮޅު ހައްދަވާފައެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އެއްސެވި، ޢިމާރާތްކުރުމުގެ ބިލް ވަނީ މަޖިލީހުގެ މެމްބަރުންގެ އިއްތިފާގުން ފާސްނުކޮށް ތަޅުމުން ބޭރުކޮށްލާފައެވެ. މި ބިލަކީ ގެދޮރު އިމާރާތްކުރުމުގައި ޤަވާއިދާއި ޚިލާފްވާ ފަރާތްތައް ޖޫރިމަނަ ކުރާގޮތަށް ހުށައަޅުއްވާފައިވާ ބިލެކެވެ. އެބިލްގައި ބުނެފައިވަނީ ހުއްދަ ހޯދުމަކާއި ނުލާ އިމާރާތުގެ އެއްވެސް މަސައްކަތެއްކޮށްފިނަމަ 50،000 ރުފިޔާއާއި އެއްމިލިއަން ރުފިޔާއާއި ދެމެދުގެ އަދަދުން ޖޫރިމަނާކުރެވޭނެކަމަށެވެ.