ޚަބަރު

އޭޑީސީ ނެގުމުގެ ބިލަށް މަޖިލީހުގައި ބަހުސްކުރަން ފަށައިފި


ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ތަރައްޤީކުރުމަށްޓަކައި ނަގާ ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާރޖް ނެގުމުގެ ބިލް މަޖިލީހުގެ ތަޅުމަށް ހުށައަޅުއްވާ ބަހުސްކުރަން ފަށްޓަވައިފިއެވެ. 

މިބިލް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދުއެވެ. އެއަރޕޯޓް ތަރައްޤީކުރުމުގެ ގޮތުން އެއަރޕޯޓުން ފުރާ ކޮންމެ ފަސިންޖަރަކު އަތުން ނަގާ ޓެކްސް ނުވަތަ އެއަޕޯޓް ޑިވެލޮޕްމަންޓް ޗާޖަކީ އަންނަ އަހަރު ދައުލަތަށް އާމްދަނީ ހޯދުމަށްޓަކައި ބަޖެޓްގައި މުޅިން އަލަށް ނެގުމަށް ހިމަނުއްވާފައިވާ ޓެކްސްއެކެވެ. ބަޖެޓް ދިރާސާކުރެއްވި ކޮމިޓީގައި އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖް ނެގުމާބެހޭގޮތުން ވާހަކަފުޅުދައްވަމުން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ޗެއަރ އަޙްމަދު ޒުހޫރު ވިދާޅުވީ، އެކައުންސިލްގައި މަޝްވަރާކުރައްވާފައިވަނީ ދިވެހިން އިސްތިސްނާކުރުމެއްނެތި އެއަރޕޯޓުން ފުރާ ކޮންމެ ފަސިންޖަރަކު އަތުން ޓެކްސް ނެގުމަށްކަމަށެވެ.

އެހެންނަމަވެސް، ދިވެހިންގެ އަތުން ޓެކްސް ނެގުމާއި، ނުނެގުން ނިންމަވާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންކަމަށް ޒުހޫރު ވިދާޅުވެފައިވެއެވެ. މިހާރުވެސް އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ބިދޭސީ ކޮންމެ ފަސިންޖަރަކު އަތުން ފަންސަވީސް ޑޮލަރުގެ އެއަރޕޯޓް ޑެވެލޮޕްމަންޓް ޗާޖެއް ދަނީ ނަގަމުންނެވެ. ދައުލަތަށް އާމްދަނީ އިތުރުކުރުމަށް އިޤްތިޞާދީ އައު މަޝްރޫޢުތަކެއް އަންނަ އަހަރަށް ލަފާކުރައްވާ ބަޖެޓްގައި ސަރުކާރުން ހިމަނުއްވާފައިވެއެވެ. އެއަރޕޯޓް ޑިވެލޮޕްމަންޓް ޓެކްސް ނެގުމުގެ ބިލަށް މިއަދު ބަހުސް ފަށްޓަވާފައިވާއިރު، ދިރާސާކުރެއްވުމަށް އިޤްތިޞާދީ ކޮމިޓީއަށް މިއަދުގެ ޖަލްސާގައި ފޮނުއްވާނެއެވެ.