ޚަބަރު

ބަނދަރު ކުލި ބޮޑުކުރަން މަޖިލީހުން ފާސްކޮށްފި


ރާއްޖޭގެ ބަނދަރަށް ވަންނަ ކޮންމެ އުޅަނދަކުން ބަނދަރު ކުލީގެ ގޮތުގައި ނަގަމުން އަންނަ ޢަދަދު ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ ބަނދަރުކުލި ނެގުމާބެހޭ ޤާނޫނަށް ހުށައަޅުއްވާފައިވާ މި އިޞްލާޙު ފާސްވީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 50 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

ރާއްޖޭގެ ބަނދަރަށް ވަންނަ ކޮންމެ އުޅަނދަކުން ބަނދަރު ކުލީގެ ގޮތުގައި ނަގަމުން އަންނަ ޢަދަދު ބޮޑު ކުރުމަށް ޤާނޫނަށް އިޞްލާޙު ހުށައަޅުއްވުމުގެ މަޤްޞަދުގައި ވަނީ، ބަނދަރަށް ވަންނަ އުޅަނދުތަކުން މިހާރުވެސް ނަގަމުން އަންނަ ކުއްޔަކީ މީގެ ތިރީސް އަށް އަހަރު ކުރިން ކަނޑައެޅިފައިވާ ކުއްޔެއް ކަމުގައިވާތީއާއި، އެ ކުއްޔަކީ މުދަލާއި ތަކެއްޗަށް އައިސްފައިވާ ބަދަލަށް ބަލާއިރު މިހާރަށް އެކަށީގެންނުވާ ކުއްޔަކަށްވާތީކަމަށެވެ. ދިވެހިރާއްޖޭގެ ބަނދަރުކުލި ނެގުމާ ބެހޭ ޤާނޫނަށް އިޞްލާޙު ހުށައެޅުއްވީ މާވަށު ދާއިރާގެ މެމްބަރު އަޙްމަދު އަޒްހާން ފަހުމީއެވެ. ބަނދަރަށް އުޅަނދު ވަނުމުގެ ކުލި ބޮޑުކުރުމަށް މަޖިލީހުން ފާސްކޮށްފައިވާ ގޮތަކީ،

200 ގްރޮސް ޓަން ހަމަނުވާ ކޮންމެ އުޅަނދަކުން 200 ރުފިޔާ

200 ގްރޮސް ޓަނުން ފެށިގެން 1000 ގްރޮސް ޓަން ހަމަނުވާ ކޮންމެ އުޅަނދަކުން 300 ރުފިޔާ1000 ގްރޮސް ޓަނުން ފެށިގެން 2000 ގްރޮސް ޓަން ހަމަނުވާ ކޮންމެ އުޅަނދަކުން 400 ރުފިޔާ.

2000 ގްރޮސް ޓަން ހަމަވާ ކޮންމެ އުޅަނދަކުން 500 ރުފިޔާ، އަދި 2000 ގްރޮސް  ޓަނަށްވުރެ އިތުރުވާ ކޮންމެ 500 ގްރޮސް ޓަނެއް ހަމަވަންދެން 250 ރުފިޔާއެވެ. މީގެ އިތުރުން ކުލި ދެއްކުން އިސްތިސްނާވާ އުޅަނދުތަކުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ދުއްވާ 1000 ގްރޮސްޓަން ހަމަނުވާ ބޯޓުފަހަރު ހިމެނެއެވެ.

މީގެ އިތުރުން މި ޖަލްސާގައި ވަނީ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމާބެހޭ ޤާނޫނަށް ހުށައެޅުއްވި އިޞްލާޙުވެސް ފާސްކުރައްވާފައެވެ. މަޖިލީހުން ފާސްކުރެއްވި އެ އިޞްލާޙުގައި ވަނީ އިސްތިސްނާވާ ކަނޑުއުޅަނދުފަހަރުގެ ތެރޭގައި ފުލުހުންގެ މުއައްސަސާގައި ބޭނުންކުރާ އުޅަނދުފަހަރު ހިމެނިފައި ނުވާތީ އެ މުއައްސަސާގެ މެރިން ޕޮލިސްގެ ޚިދުމަތްތަކަށް ކުރިމަތިވަމުންދާ ދަތިތަކަށް ޙައްލެއް ގެނައުމުގެ ގޮތުން ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގެ ބޭނުންތަކަށް ދުއްވާ އުޅަނދުފަހަރުތައް އިސްތިސްނާވާނެކަމަށެވެ.