ޚަބަރު

ސެކިއުރިޓީ ދާއިރާއިން މާސްޓަރސް ފެންވަރުގެ ކޯހެއް ފަށަނީ


ދިވެހިން ފުލުހުންނަކީ މަދަނީ ބައެއްގެ ގޮތުގައި ދެހާސް ހަތަރުވަނަ އަހަރު ހަމަޖެހިގެން ދިއުމާއެކު، ފުލުހުންނަކީ ތަޢުލީމީ، ޤާބިލް ބަޔަކަށް ހެއްދެވުމަށް ފުލުހުންގެ އިދާރާގެ އިސްވެރިންގެ ގޮތުގައި އެކި ދުވަސްވަރު ތިއްބެވި ވެރިން ގެންދެވީ ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. އެގޮތުން ފުލުހުންގެ ތެރޭގައި ޒަމާނީ އަދި ރާއްޖޭގެ ކޮލިފިކޭޝަން އެތޯރީޓީއިން ޤަބޫލުކުރާ ކޯސްތަކެއް ހިންގެވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ކޮލެޖެއްގެ ދަރަޖައިގައި 2013 ވަނަ އަހަރު އުފައްދަވާފައިވާ އިންސްޓްޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް "އައިލްސް" އަކީ މިސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ތަޢުލީމާއި ތަމްރީނު ދެވިފައިވާ ބައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހެއްދެވުމުގެ މަޤުޞަދުގައި އުފައްދަވާފައިވާ އިންސްޓްޓިއުޓެކެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވް ކުރައްވާފައިވާ ތަފާތު ކޯސްތަށް ހިންގަވާ "އައިލްސް" އިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ދާއިރާއާއި، ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސްޓަޑިޒްގެ އިތުރުން ކްރައިމް އެންޑް ޖަސްޓިސް ދާއިރާއާ ގުޅޭ ކޯސްތައް ގެންދަވަނީ ހިންގަވަމުންނެވެ. މި ދާއިރާތަކުގެ ކޯސްތައް ހިންގަވަނީ ރާއްޖެއިން ބޭރުގެ ކޮލެޖް ޔުނިވަރސިޓީތަކާއި ގުޅިގެން ކަމަށް އައިލްސް އިން ވިދާޅުވެއެވެ. މި އިންސްޓްޓިއުޓުން ކުރިއަށްގެންދަވާ ކޯސްތަކާ ގުޅޭގޮތުން ޕީ.އެސް.އެމް އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންޑްފޯރސްމަންޓް ސްޓަޑީޒްގެ އެގްޒެކްޓިވް ޑައިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު ވިދާޅުވީ، ސެޓްފިކެޓް ލެވަލުން ފެށިގެން ޑިގްރީއާހަމައަށް މިހާރު ކުރިއަށް ގެންދަވާ ކޯސްތައް އިތުރު ހަރުފަތަކަށް ގެންދަވައި، ފުޅާކުރެއްވުމަށް އޮސްޓްރޭލިޔާގެ ޔުނިވަރސިޓީއަކާ ގުޅިވަޑައިގެން މިހާރުވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.

"ޖޭމްސް ކުކް ޔުނިވަރސިޓީއާ އެކު އެމް.އޯ.ޔޫއެއްގައި ސޮއިކުރެވިފައި މިވަނީ. އިރާދަކުރެއްވިއްޔާމުން އަޅުގަނޑުމެންނަށް ވަގުތާއި ހާލަތު އެންމެ ރަނގަޅު ދަނޑިވަޅެއްގައި މާސްޓާސް ޕްރޮގްރާމެއް ފެއްޓުމަށް ވާންޖެހޭ ތައްޔާރީތައް އަޅުގަންޑުމެން މިދަނީ ވަމުން. އިރާދަކުރެއްވިއްޔާ ސެކިއުރިޓީ ދާއިރާއިން މަތީ އަތައުލީމު ހާސިލް ކުރައްވަން ބޭނުންފުޅުވާ ކޮންމެ މީހަކަށްވެސް އެފުރުސަތު އައިލްއިން ވަރަށް އަވަހަށް ހުޅުވާލައްވާނެ" އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14588290059832.JPG|ފުލުހުން ތަމްރީންތަކެއްގައި / ފައިލް ފޮޓޯ: ޕޮލިސް

ރާއްޖޭގެ ލޯ އެންފޯސްމަންޓް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި، ޝަރުތު ހަމަވާ އާންމު ފަރާތްތަކަށްވެސް ހުޅުވާލައިގެން ހިނަގަވަން ހަމަޖެހިފައިވާ ކޯސްތަކުގައި ކިޔަވައިދެއްވަނީ، ބޭރުގެ ޔުނިވަރ ސިޓީތަކުގެ ލެކްޗަރާއިންނާއި، ފުލުހުންގެ ތެރޭގައި ތިއްބެވި އެކޯހެއްގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރައްވާފައިވާ ބޭފުޅުންކަމަށް އައިލްސްއިން ވިދާޅުވެއެވެ. އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު ވިދާޅުވީ، އަމަޒަކީ ކުރިއަށް އޮތްތަނުގައި އައިލްސްގެ އަމިއްލަ ޑިގްރީ ފެންވަރުގެ ކޯސްތައް ތައްޔާރުކުރައްވައި، ފުޅާކުރެއްވުންކަމަށާއި، އެއާއެކު މޯލްޑިވްސް ޕޮލިސް ސަވިސްގައި ތިއްބަވާ އެންމެހާ އޮފިސަރުންނަށްވެސް އައިލްސް މެދުވެރިކޮށް ޕްރޮފްޝަނަލް ތަމްރީނުތަކެއް ދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައެވެ.

" ފަހަރެއްގައި ސްޕެޝަލައިޒް ކޯހެއްގައި ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ނުހޯދާނެއެކޭ ނޫން. ނަމަވެސް މިހާރު ވިސްނުން މިހުރީ، ފުލުހުންގެ ތެރޭގައި ކިޔަވައިދިނުމުގެ ކަންތައްތައް އަމިއްލައަށް ޑިވޮލޮޕްކޮށްގެން، އަޅުގަނޑުމެންގެ މުވައްޒަފުން އުފައްދައިގެން އަމިއްލަ ޑިގްރީ ޕްރޮގްރާމެއް ކުރިއަސް އޮތްތަނުގައި ފަރުމާކުރެވި، އެ ޑެލިވަރ ކޮށްދެވޭނެ ބަޔަކު އައިލްސްގެ ތެރޭގައި އުފެއްދުމަށް" އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު ވިދާޅުވިއެވެ. 

މިހިނގާ 2016 ވަނަ އަހަރު ނިމިގެންދާއިރު އައިލްސްއިން ވަނީ، ފޮރިންސިކް ސައިންސާއި ޕޮލިސްންގެ ޑިޕްލޮމާ ފެންވަރުގެ ދެ ކޯސް ހިންގަވައި ނިންމަވާފަކަމަށާއި، ޑިގްރީގެވެސް ދެބެޗެއް ކުރިއަށްދާއިރު، އެ ކޯސްތައް ހިމެނޭހެން 150 އަށްވުރެ ގިނަ ދަރިވަރުން މިހާރުވެސް އައިލްސްއިން މަތީތަޢުލީމު ޙާޞިލްކުރައްވަމުން ގެންދަވާކަމަށް އައިލްސްއިން މަޢުލޫމާތުދެއްވައެވެ. އަދި މިއަހަރުގެ ކުރީކޮޅު ފުލުހުންގެ އިތުރުން، ކަސްޓަމްސްއާއި އިމިގްރޭޝަން އަދި ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ހިމެނޭހެން އައިލްސްއިން ހިންގެވި ލޯ އެންފޯސްމަންޓް ދާއިރާއިރާގެ ޑިޕޮލޮމާ އާއި، އެސޯސިއޭޓެޑް ޑިގްރީ އަދި ބެޗްލާރސް ޑިގްރީ ނިންމަވާ 129 ބެފުޅަކު ދަސްވެނިވިކަމުގެ ސަނަދު ޙާޞިލުކުރައްވާފައިވެއެވެ.