ތަޢުލީމު

ފިޔަވަތީގައި ތިބޭ ކުދިންނަށް ޤުރުއާން ކްލާސްތަކެއް ހިންގަވަނީ


މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީއިން ހުޅުމާލޭގައި ހިންގާ ފިޔަވަތީގައި ތިބި ކުދިންނަށް ކީރިތި ޤުރުއާން އުގަންނައިދީ، ޤުރުއާނަށް އަޙުލުވެރިކުރުމަށް ޚާއްސަ ކްލާސްތަކެއް ހިންގެވުމަށް ޤުރުއާނާބެހޭ މަރުކަޒުން ނިންމަވައިފިއެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި ޤުރުއާނާބެހޭ މަރުކަޒާއި މިނިސްޓްރީ އޮފް ޖެންޑަރއާ ދެމެދު ސޮއިކުރައްވާފައިވާއިރު މި އެއްބަސްވުމުގެ ދަށުން، ހުޅުމާލޭ ފިޔަވަތީގައި ތިބި ކުދިންގެ ތެރެއިން ޢުމުރުން ތިން އަހަރާއި ނުވަ އަހަރާއި ދެމެދުގެ ކުދިންނަށް ފިޔަވަތީގައި ޤުރުއާން ކްލާސްތައް، ހިންގައި އެކުދިން ކީރިތި ޤުރުއާނަށް އަޙުލުވެރިކުރުމަށް ހަމަޖެހިފައިވެއެވެ. 

އެއްބަސްވުމުގެ ދަށުން، އެއް އަހަރުގެ މުއްދަތަށް ޤުރުއާނާބެހޭ މަރުކަޒުން ފިޔަވަތީގައި ޤުރުއާން ކްލާސްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ. ޖެންޑަރ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ފިޔަވަތީގައި ޤުރުއާން ކްލާސްތަށް ފެށުމާއި ގުޅޭ އެއްބަސްވުމުގައި ޖެންޑަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ އެންޑް ފެމެލީ ޢަތާއުﷲ އަޙުމަދު ރަޝީދުއެވެ. އަދި ޤުރުއާނާބެހޭ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ މަރުކަޒުގެ ރައީސް އިބްރާޙީމް ރަޝީދު މޫސާއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ފިޔަވަތީގައި ޤުރުއާން ކްލާސްތައް ފެށްޓެވުމުގެ ތައްޔާރީތައް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ. ދައުލަތުން ބަލަހައްޓަވަމުން ގެންދަވާ 9 އަހަރުން ދަށުގެ 85 ކުއްޖަކު ހުޅުމާލޭގައި ފިޔަވަތީގައި މިވަގުތު އެބަތިއްބެވެ.