ޚަބަރު

ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރެއިނިންގެ ކޭމްޕް ފަށައިފި


ގާލްގައިޑް އެސޯސިއޭޝަނުން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރެއިނިންގެ ކޭމްޕްގެ 18 ވަނަ ކޭމްޕް ފަށައިފިއެވެ.

ހަތަރު ދުވަހަށް ވިލިމާލޭ މުހިއްދީން ސްކޫލްގައި ކުރިއަށްދާ ކޭމްޕްގެ މިއަހަރުގެ ތީމަކީ "ގްލޯބަލް ގޯލްސް ފޯރ ސަސްޓޭނަބަލް ޑިވެލޮޕްމަންޓްސް" އެވެ. މި ކޭމްޕާއި ގުޅޭގޮތުން ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި ގާލްގައިޑް އެޝޯސިއޭޝަންގެ ކޮމިޝަނަރ ފޯރ ޕަބްލިކް ރިލޭޝަން ރަޝީދާ ނަޖީބު ވިދާޅުވީ މިފަދަ ކޭމްޕެއް ބޭއްވުމުގެ ބޭނުމަކީ ގައިޑް ކުދިންނަކީ އާއްމުކޮށް ދިރިއުޅޭ މާހައުލު ނޫން އެހެން މާހައުލެއްގައި ދިރިއުޅެން ދިމާވެއްޖެނަމަ އެކަމާއި ކެރިގެން ކުރިމަތިލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. އޭގެ އިތުރުން ތަފާތު މިޒާޖެއްގެ ކުދިންނާއި އެކު އުޅެން ދަސްވެ، ދުނިޔެއަށް ލޯހުޅުވި ކަންކަމާ ކެރިގެން ކުރިމަތިލާން ކެރޭ ބަޔަކަށް ހެދުން ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުން 22 ސްކޫލަކުން 200 ދަރިވަރުން ބައިވެރިވާ މިއަހަރުގެ ކޭމްޕްގައި ކުދިންގެ އުމުރާއިގުޅޭ ޝައުގުވެރި ކަންތައްތަކެއް ކޭމްޕްގެ ތެރެއިން ކުރިއަށް ގެންދެވޭނެ ކަމަށް ގާރލްގައިޑް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.