ޚަބަރު

ޑޮލަރު ގަންނަން އަންނަ މީހުންގެ އަދަދު މަދުވާން ފަށައިފި


ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިން ޢާންމުންގެ ތެރެއިން ޑޮލަރު ގަންނަން ބޭނުންވެފައި ތިބި ގިނަ ބަޔަކަށް ޑޮލަރު ލިބި، އަދި ޑޮލަރ ލިބޭނެކަމުގެ ޔަޤީންކަން ލިބުމާއެކު، ޑޮލަރު ގަންނަން އަންނަ މީހުންގެ އަދަދު ދަށްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމް.އެމް.އޭއިން ހާމަކުރައްވައިފިއެވެ.

ޑޮލަރު ގަންނަން ބޭނުންވާ ޢާންމުންނަށް ސީދާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމް.އެމް.އޭއިން ޑޮލަރު ވިއްކަވަން ފެއްޓެވީ އާދީއްތަ ދުވަހުއެވެ. އާދީއްތަ ދުވަހު އެ ބޭންކުން ފަސްސަތޭކަ ހަތްދިހަ އަށްފަރާތަކަށް ޑޮލަރ ވިއްކަވާފައިވާއިރު، މި އަދަދު މިއަދު ދަށަށް ގޮސްފައިވާކަމަށް އެމް.އެމް.އޭއިން ވިދާޅުވެއެވެ. މަރުކަޒީ ބޭންކުން މީގެ ކުރިން ވިޔަފާރި ބޭންކުތައް މެދުވެރިކުރައްވައި ވިއްކަވަމުން ގެންދެވި ޑޮލަރު ސީދާ އެމް.އެމް.އޭގައި ވިއްކެވުމަށް ނިންމަވާފައިވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ލިބުމުގައި މިހާތަނަށް އޮތް ދަތިކަމަށް ޙައްލެއް ގެންނެވުމުގެ ގޮތުންނެވެ.

ޑޮލަރު ދޫކުރެއްވުމުގެ މަސައްކަތް ހަލުވިކުރައްވާ ޢާއްމުންނަށް ލުއިފަސޭހަވާނެހެން ކުރިއަށް ގެންދެވުމަށް އެމް.އެމް.އޭއިން ވަނީ ޚާއްޞަ އިންތިޒާމްތަކެއް ހަމަޖައްސަވާފައެވެ. އެގޮތުން ޖުމްލަ ދިހަ ކައުޓަރުން ޚިދުމަތް ދެއްވަމުން ގެންދަވާއިރު، ނަމްބަރު ނެގުމަށްފަހު މަޑުކުރަން ޖެހޭނީ އެންމެ ގިނަވެގެންވެސް ތިރީސް މިނެޓު ކަމަށް އެމް.އެމް.އޭއިން ވިދާޅުވެއެވެ.

އެމް.އެމް.އޭއިން ޑޮލަރު ދޫކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވަނީ ދެ މަރުޙަލާއަކަށް ބައްސަވާލައްވައިގެނެވެ. އެގޮތުން ހެނދުނު ނުވައަކުން، ހަވީރު ހަޔެއް ޖެހުމާ ހަމައަށް ކުރިއަށް ގެންދަން ހަމަޖައްސަވާފައިވަނީ ލިޔެކިޔުންތަކުގެ ޞައްޙަކަން ދެނެގަތުމުގެ މަސައްކަތެވެ. ޑޮލަރު ދޫކުރައްވަނީ ހަވީރު ހަތަރަކުން ރޭގަނޑު އަށެއް ޖެހުމާ ހަމައަށެވެ.

އިމަރޖެންސީކޮށް ފުރާ ފަރާތްތަކާއި، ޢުމުރުން ފަސްދޮޅަސް ފަސް އަހަރުން މަތީގެ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި މާބަނޑު އަންހެނުންނަށް އެކްސްޕްރެސް ޚިދުމަތް ލިބޭނެކަމަށް އެމް.އެމް.އޭއިން ހާމަކުރައްވައެވެ. ވިޔަފާރި ބޭންކުތައް މެދުވެރިކުރައްވައިގެން މީގެކުރިން ވިއްކަވަމުން ގެންދެވި ޑޮލަރު އެމް.އެމް.އޭއިން ވިއްކެވުމަށް ނިންމެވިނަމަވެސް އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ގޮފިތައް މެދުވެރި ކުރައްވައި ކުރިއެކޭ އެއްގޮތަށް ޢާއްމުންނަށް ޑޮލަރު ވިއްކަވަމުން ގެންދަވާނޭކަމަށް އެމް.އެމް.އޭއިން ވަނީ ވިދާޅުވެފައެވެ.

މަރުކަޒީ ބޭންކުން ކޮންމެ ދުވަހަކުވެސް ޑޮލަރު ވިއްކަވަމުން ގެންދަވާނީ، ކުރިއަށް އޮންނަ ހަތް ދުވަހުގެ ތެރޭގައި ފުރާ މީހުންނަށް އެކަންޏެވެ. މި އުޞޫލުގެ ދަށުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހުގެ ނިއަލަށް ޓިކެޓަކަށް ފަސް ސަތޭކަ ޑޮލަރު އެމް.އެމް.އޭއިން ވިއްކަވަމުން ގެންދަވާނެއެވެ.

ޖެނުއަރީ މަހުގެ އަށްވަނަ ދުވަހުން ފެށިގެން ދިވެހިންނަށް ޑޮލަރު ވިއްކަވަމުން ގެންދަވާނީ ސީދާ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުންކަމަށް އެމް.އެމް.އޭއިން ވަނީ ވިދާޅުވެފައެވެ. މިގޮތުން ޖެނުއަރީ މަހުގެ އަށްވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ވިއްކަވާނީ، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑިޕާޗަރ ހޯލްގައި ހުންނަ ބީ.އެމް.އެލްގެ ކައުންޓަރުންކަމަށް އެމް.އެމް.އޭއިން ވިދާޅުވެއެވެ.

އާދީއްތަ ދުވަހު އެމްއެމްއޭއިން ޑޮލަރ ގަނެފައިވާ ޢާންމު ބައެއް މީހުން ޕީއެސްއެމްއާ ވާހަކަދައްކަމުން ބުނެފައިވަނީ، ޑޮލަރ ވިއްކެވުމަށް މިގެންނެވި ބަދަލުގެ ސަބަބުން ވަގުތު ސަލާމަތްވެ، ކުރީގެ ނިސްބަތުން ވަރަށް ބޮޑަށް ފަސޭހަވެގެން ހިނގައްޖެކަމަށެވެ.