ސަރުކާރުގެ މައި ހޮސްޕިޓަލްގައި ޤާއިމްކުރެއްވި ނޭޝަނަލް ޔޫރޯ އެންޑް ރީނަލް ފާޓިލިޓީ ސެންޓަރުގައި ކިޑްނީ ޓްރާންސް ޕްލާންޓް ހައްދަން އަންނަ އަހަރު ފަށްޓަވާނޭކަމަށް، އެސެންޓަރު ޤާއިމްކުރެއްވުމުގައި މަސައްކަތުގައި ޙަރަކާތްތެރިވާ ފަންނީ ޓީމުން ބުނެފިއެވެ.
ޔޫރޯ ރީނަލް ފާޓިލިޓީ ސެންޓަރުގައި ކުރިޔަށްގެންދަވާ މަސައްކަތްތައް މީޑިއާއާ ޙިއްޞާކުރެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި، އެސެންޓަރުގައި މަސައްކަތްކުރާ ފަންނީ ބޭފުޅުންގެ ޓީމްގެ ބޭފުޅުން ވިދާޅުވީ، މިހާރު ކުޑަކަމުދާ ނިޒާމާއި، ކިޑްނީގެ ބަލިތަކުގެ ފަރުވާ ދެވޭވަރަށް އެތަން ތައްޔާރު ކުރައްވާފައިވާކަމަށެވެ. އަދި ޑިސެމްބަރު މަހުން ފެށިގެން އުފަންވަނިވި ޞިއްޙަތާ ގުޅޭ މުހިންމު އޮޕަރޭޝަންތަކާއި ފަރުވާގެ މަރުޙަލާތައް ކުރިޔަށް ގެންދަވަން ފަށްޓަވާނޭކަމަށާއި، މިއަންނަ އަހަރުގެ ތެރޭގައި ކިޑްނީ ޓްރާންސް ޕްލާންޓް ހެއްދެވުން ފަދަ ނާޒުކު އޮޕަރޭޝަންތައް އެސެންޓަރުގައި ފަށްޓަވާނޭކަމަށް އެޓީމުން ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޔޫރޯ ރީނަލް ފާޓިލިޓީ ސެންޓަރުގެ ޑިރެކްޓަރ ވިދާޅުވީ، މިހާރު އުފަންވަނިވި ޞީއްޙަތުގެ ޚިދުމަތަކީ، އަސާސީ ޞިއްޙީ ޚިދުމަތުގެ ތެރޭގައި ނުހިމެނޭކަމަށް ވުމާއެކު މިކަމަށް އާސަންދައިން ކަވަރކުރާގޮތަށް އުޞޫލީގޮތުން ހަމަޖެހިފައި ނުވާތީ، އެ ސެންޓަރުންވެސް މި ޚިދްމަތްދޭ އަގުތައް ލަހެއްނުވެ އިޢުލާންކުރައްވާނެކަމަށެވެ. ރާއްޖެއިން ބޭރަށް ދަތުރުކޮށް ބޮޑުހޭދައެއް ކޮށްގެން އަދި އެތައް ތަކުލީފެއް އުފުލައިގެން ހޯދަންޖެހޭ މި ޚިދުމަތް ރާއްޖެއިން ލިބުމަކީ ވަރަށް މުހިންމު އަދި ފައިދާ ކުރަނިވި ގޮތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
" "ޔޫރޯ ރީނަލް ފާޓީލިޓީ ސެންޓަރ" އަކީ ދަރިމައިވުމުގެ މައްސަލަތަކާއި ކުޑަކަމުދާ ނިޒާމްގެ ބަލިތަކާއި ކިޑްނީ ބަލިތަކަށް ފަރުވާދެއްވުމަށްޓަކައި އިންޑިއާގެ އެން.ޔޫގެ ފަންނީ އެހީތެރިކަމާއެކު ޤާއިމްކުރައްވާފައިވާ މަރުކަޒެކެވެ. އައި.ޖީ.އެމް.އެޗް ގެ މައި ޢިމާރާތުގެ އެއްވަނަ ފަންގިފިލާގައި ޤާއިމްކުރައްވާފައިވާ މި ސެންޓަރުގައި، ޚިދުމަތް ދެއްވާ ފުރަތަމަ ދެ މަސްދުވަހުގެ ތެރޭގައި އެންޔޫ ހޮސްޕިޓަލުގެ ކަމާގުޅޭ ފަސް ޑޮކްޓަރުން ދިހަ ދުވަސްވަންދެން ޙަރަކާތްތެރިވާނެ ކަމަށާއި، ކޮންމެ ދިހަ ދުވަހަކުން ޑޮކްޓަރަކު ރާއްޖެ އައިސް ހަތަރު ވަރަކަށް ދުވަހު ބަލި މީހުން ބެލުމުގައި ޙަރަކާތްތެރިވާނެ ކަމަށް އައި.ޖީ.އެމް އެޗުން ވިދާޅުވެއެވެ.
ދަރިމައިވުމުގައި ދިމާވާ މައްސަލަތަކާއި ކިޑްނީގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ ޚާއްޞަ ބަލިތަކަށް ފަރުވާ ދެއްވުމަށް އައިޖީއެމްއެޗުގައި އަލަށް ޤާއިމްކުރެއްވި ސެންޓަރަށް 8.5 މިލިޔަން ރުފިޔާ ޚަރަދުވެފައިވާ ކަމަށްވެސް އައި.ޖީ.އެމް.އެޗުން ބުނެއެވެ.