ތަޢުލީމު

އައި.އައި.ޔޫ.އައި އިން ރާއްޖެއަށް 30 ސްކޮލަރޝިޕް ދެނީ


ރާއްޖޭގައި އިސްލާމީ ތަޢުލީމް ފަތުރުއްވައި ދީނީ ވަޙުދަތު ވަރުގަދަ ކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް، އިސްލާމީ ޤައުމުތަކުންނާއި އެކި ޤައުމުތަކުގެ އިސްލާމީ ޔުނިވަރސިޓީތަކުގެ އެއްބާރުލުން ހޯއްދެވުމަށް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ގެންދަވަނީ ކުރައްވަމުންނެވެ. މިގޮތުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ކުރައްވާ މަސައްކަތާ ގުޅިގެން އެކި ޔުނިވަރސިޓީތަކުން މަތީ ތަޢުލީމްގެ ފުރުޞަތުތައް ލިބި، އެ ފުރުޞަތުތަކަށް މީހުން ފޮނުއްވުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ. ރާއްޖެއަށް މިފަދަ ސްކޮލަރޝިޕްތަކެއް ދިނުމުގެ އެއްބަސްވުމެއްގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ޕާކިސްތާނުގެ އިސްލާމް އާބާދުގައި ހުންނަ އިންޓަރނޭޝަނަލް އިސްލާމީ ޔުނިވަރސިޓީއާ ދެމެދު ވަނީ ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގެ ދަށުން 30 ސްކޮލަރޝިޕް ރާއްޖެއަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ސްކޮލަރޝިޕްތައް ދީފައިވަނީ ހުރިހާ ޚަރަދެއް ހިމެނޭގޮތަށް ކަމަށް ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ވިދާޅުވެއެވެ.

އިސްލާމިކް ޔުނިވަރސިޓީ އިސްލާމް އާބާދުގައި 9 ފެކަލްޓީ އެއްގައި ކޯސްތައް ކުރިއަށްދެއެވެ. މީގެތެރޭގައި ޤާނޫނާއި ޝަރުޢީ ދާއިރާގެ ކޯސްތަކާއި، ސައިންސާއި ސައިކޮލޮޖީއާއި، މީޑީއާއާއި އިންޖިނިއަރިންގ އަދި އިސްލާމިކް އިކޮނޮމިކްސްގެ ކޯސްތައް ހިމެނެއެވެ. 1980 ގައި ހުޅުވުނު އައި.އައި.ޔޫ.އައި އަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ ދަރިވަރުން މަތީތަޢުލީމު ޙާޞިލްކުރާ ޔުނިވަރސިޓީއެކެވެ.

img:http://s3.psmnews.mv/images/660x400/14797387756595.jpg|އައި.އައި.ޔޫ.އައި އާއި އިސްލާމިކް ޔުނިވަރސިޓީއާ ދެމެދު ސްކޮލަރޝިޕް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ދިވެހިރާއްޖެއަށް ދިން ސްކޮލަރސީޕްތަކުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ޞަޢީދު ވިދާޅުވީ، އިސްލާމީ ތަޢުލީމުދޭ ތަންތަނުގެ ސޫރަ ހުތުރުކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމަށާއި އެހެންނަމަވެސް އެއީ ހަޤީގަތެއް ނޫން ކަމުގައެވެ. 

ޑރ. ޝަހީމް ވިދާޅުވީ، އިންޓަރނޭޝަނަލް އިސްލާމިކު ޔުނިވަރސިޓީއަކީ އަރަބި އިސްލާމީ ޔުނިވަރސިޓީތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު އެއް ޔުނިވަރސިޓީ ކަމުގައެވެ. އަދި އިންޓަރނޭޝަނަލް ޔުނިވަރސިޓީތަކުން ލިބޭ މިފަދަ ފުރުޞަތުތަކުގެ ބޭނުން ހިފާ ކުދިން މަދުކަން ފާހަގަކުރައްވައި އެފަދަ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ޑރ. ޝަހީމް ގޮވާލެއްވިއެވެ.

img:http://s2.psmnews.mv/images/660x400/14797379985166.jpg|އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ޞަޢީދު ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

"އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމް އާބާދާބެހޭ މައުލޫމާތު ރާއްޖޭގެ ސްޓޫޑެންޓުންނާއި ދަރިވަރުންނަށް ލިބެން އެބަޖެހޭ. އެ ޔުނިވަރސިޓީއަކީ ވަރަށް ވަރުގަދަ ޔުނިވަރސިޓިއެއް. އަދި ޚާއްޞަކޮށް ޤާނޫނީ ދާއިރާއާއި ޝަރުޢީ ދާއިރާއިން ވަރަށް ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދޭ ތަނެއް." ޝަހީމް ވިދާޅުވިއެވެ. 

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމް އާބާދުގެ ރައީސް ޕްރޮފެސަރ ޑރ. އަޙުމަދު ޔޫސުފް އަޙްމަދު އަލް ދަރައިވީޝް ވިދާޅުވީ، މި ސްކޮލަރސިޕްތަކަކީ ހަމައެކަނި ސޮއިކުރެވުނު އެއްބަސްވުމަކަށްވުރެ ބޮޑަށް މިއަށް ޢަމަލީ ސިފަ ގެނައުން މުހިންމު އެއްބަސްވުމެއްކަމަށެވެ. އަދި އެ ޔުނިވަރސިޓީގެ ހުރި ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާ އޭނާ ވާހަކަ ދެއްކެވިއެވެ.

img:http://s1.psmnews.mv/images/660x400/14797379558236.jpg|އިންޓަރނޭޝަނަލް އިސްކާމިކް ޔުނިވަރސިޓީ އިސްލާމް އާބާދުގެ ރައީސް ޕްރޮފެސަރ ޑރ. އަޙުމަދު ޔޫސުފް އަޙްމަދު އަލް ދަރައިވީޝް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

"މި އެއްބަސްވުމަކީ ހަމައެކަނި ސޮއިކޮށްފައި ނިންމާލެވޭ އެއްޗަކަށް ވުމުގެ ބަދަލުގައި މިއަށް ޢަމަލީ ސިފަ ގެނައުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. އެގޮތުން އިސްލާމިކް ޔުނިވަރސިޓީ އިސްލާމް އާބާދުގައި ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ރާއްޖޭގެ 30 ދަރިވަރަކަށް ފަހިކޮށްދެވޭނެ." ޑރ. އަޙުމަދު ޔޫސުފް އަޙްމަދު އަލް ދަރައިވީޝް ވިދާޅުވިއެވެ.

އިސްލާމިކް ޔުނިވަރސިޓީ އިސްލާމް އާބާދުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ދިން 30 ސްކޮލަރޝިޕްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމް އާބާދު ރައީސް ޕޮރޮފިސަރ،ޑރ. އަޙްމަދު ޔޫސުފް އަޙްމަދު އަލް ދަރައިވީޝްއެވެ.