ޚަބަރު

ވޯލްޑް ސުނާމީ އަވެޔަރނަސް ސަމިޓްގައި ބައިވެރިވާ ދަރިވަރުން


ވޯލްޑް ސުނާމީ އަވެޔަރނަސް ސަމިޓްގައި ބައިވެރިވާ ދަރިވަރުންނާ، އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ބައްދަލު ކުރައްވައިފިއެވެ.

މި ސަމިޓަކީ ސުނާމީ ކާރިސާތަކާއި ގުޅޭގޮތުން ހޭލުންތެރި ކުރުވުމަށް ބައިނަލްއަޤީވާމީ ފެންވަރުގައި ބާއްވާ ސަމިޓެކެވެ. މި ސަމިޓް އޮންނާނީ މި މަހުގެ 25 ން 26 އަށް ޖަޕާންގެ ކްރޯޝިއޯ ޓައުންގައެވެ. 

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ ސުނާމީ ކާރިސާއަކީ ރާއްޖެއަށް މިހާތަނަށް ދިމާވި އެންމެ ބޮޑު ޤުދުރަތީ ކާރިސާކަމުން، މިފަދަ ކަންކަމަށް ތައްޔާރުވުމާ ބެހޭގޮތުން މިހާރުވެސް ވަކި ޤާނޫނެއްގެ ދަށުން މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މޫސުމާބެހޭ ކަންކަމުގައި، ދުނިޔެއަށް އޭގެ މުހިއްމުކަން އަންގައިދިނުމުގެ ގޮތުން ދިވެހި ރާއްޖެ މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ދަރިވަރެއް ބުނީ މި ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ހުރިހާ ބައިވެރިންވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. ނަވާވީސް ޤައުމަކުން ބަވެރިވާ މި ސަމިޓްގައި ޖުމްލަ 350 ދަރިވަރުންނާއި ޓީޗަރުން ބައިވެރިވެއެވެ. ރާއްޖޭގެ ފަރާތުން ބައިވެރިވަނީ ސީ.އެޗް.އެސް.އީ 6 ދަރިވަރުންނާއި އެސްކޫލުގެ ލީޑިން ޓީޗަރެކެވެ.

މި ސަމިޓްގައި ސުނާމީއާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ އިތުރުން ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ ފަރާތުން ސަމިޓްގައި ބައިވެރިވާ ދަރިވަރުން ފުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.