ޚަބަރު

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރުން ފަސްކުރަން ނިންމަވައިފި


ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރުން އަންނަ އަހަރުގެ ޖުލައި މަހަށް ފަސްކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މަޖިލީހުން އެގޮތަށް ނިންމެވީ އެ ޤާނޫނަށް ޢަމަލުކުރަން ފަސްކުރަން ފެނިވަޑައިގަންނަވާތޯ ބެލުމުގެ ގޮތުން މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައެވެ.

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރުން އަންނަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހަށް ފަސްކުރަން ފެނިވަޑައިގަންނަވާ ކަމަށް 42 މެމްބަރުން ވޯޓުދެއްވާފައިވެއެވެ. ބިލާ ދެކޮޅަށް 27 މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ.

މިދިޔަ އަހަރުގެ މޭމަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަސްދީޤް ކުރައްވާފައިވާ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު ރައްޔިތުން މަޖްލީހުން ފާސްކުރައްވާފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އޭރު އެ ޤާނޫނުގައި ވާ ގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުން ފަށައިގެން ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް އަމަލު ކުރައްވަން ފައްޓަވަންޖެހެއެވެ.

ދީނީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަ ފަނޑިޔާރު މެމްބަރަކު ޢައްޔަން ކުރައްވާ ގޮތަށް ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގައި އޮންނަ މާއްދާ އުވާލައްވަން ހުށަހެޅުއްވި އިޞްލާޙަށްވެސް މި ޖަލްސާގައި ވޯޓަށް އަހާ ފާސްކުރައްވާފައިވެއެވެ. މި އިޞްލާޙް ފާސްކުރެއްވުމަށް 42 މެމްބަރުން ވޯޓް ދެއްވާފައިވާއިރު އެ އިޞްލާޙާއި ދެކޮޅަށް ވޯޓް ދެއްވާފައިވަނީ 23 މެމްބަރުންނެވެ.

މާފަންނު ދެކުނު ދާއިރާގެ މެމްބަރ އަބްދު ﷲ ރިފާއު ހުށަހެޅުއްވި އިޞްލާޙްގައި ވަނީ ދީނީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް ޤައުމީ ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެމްބަރަކަށް މަޖިލީހުގެ ރުހުން ހޯއްދަވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.

މީގެ އިތުރުން މި ޖަލްސާގައި ވަނީ ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ޢައްޔަން ކުރައްވާފައިވާ މަޖިލީހުގެ މެމްބަރު ތުލުސްދޫ ދާއިރާގެ މުޙައްމަދު ވަޙީދު އިބްރާޙިމް އެ މަގާމުން މިއަދު ވަނީ ދުރުކުރައްވާފައެވެ. ވަޙީދު އެ މަޤާމުން ދުރުކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް 41 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. އަދި އެ މަޤާމުން ވަޙީދު ދުކުރެއްވުމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓް ދެއްވީ 26 މެމްބަރުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކެލާ ދާއިރާގެ މެމްބަރު ޢަލީ ޢާރިފް ހުށަހެޅުއްވި އެ ޤަރާރުގައި ވިދާޅުވެފައި ވަނީ، ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ޢައްޔަން ކުރައްވާފައިވާ މަޖިލީހުގެ މެމްބަރު ތުލުސްދޫ ދާއިރާގެ މުޙައްމަދު ވަޙީދު އިބްރާޙިމަށް ޙަވާލުކުރައްވާފައިވާ މަޤާމުގެ މަސްއޫލިއްޔަތު އޭނާއަށް އަދާ ނުކުރެއްވޭ ކަމަށެވެ. ޢަލީ ޢާރިފް ހުށަހެޅުއްވި ޤަރާރަށް ބަޙުސް ކުރުމަށް މަޖިލީހުގެ ރިޔާސަތުން ހުޅުވާލެއްވި ފުރުޞަތުގައި ވާހަކަފުޅު ދައްކަވަމުން އެ ޤަރާރު ރައްދުވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު އިބްރާހީމް ވިދާޅުވީ އެމަނިކުފާނު އެ މަޤާމުން ދުރުކުރުއްވުމުގެ ބޭނުމަކީ ޙައްޤުގޮތުގައި ވާހަކަދައްކަވަން ފެއްޓުވުމުން ކަމަށެވެ.

ކްލެމެންސީ ބޯޑަކީ މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ 10 މެމްބަރުންގެ މައްޗަށް އެކުލަވާލާ ބޯޑެކެވެ.