ޚަބަރު

ޕާޓީތަކުގެ ޤާނޫނަށް ހުށައެޅުއްވި އިޞްލާޙު މަޖިލީހަށް ބަލައިގެންފި


ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށް، ނާކާމިޔާބުވާ ފަރާތްތަކަށް އެ އިންތިޚާބުގައި އެހެން އެއްވެސް ޙައިޘިއްޔަތަކުން ވާދަނުކުރެވޭގޮތަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ހުށައެޅުއްވި އިޞްލާޙު މަޖިލީހަށް ބަލައިގެންފިއެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް މި އިޞްލާޙު ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިނެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން ހުށައަޅުއްވާފައިވާ އިޞްލާޙުގައި ވަނީ، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީކޮށްފައިވާ މެމްބަރަކު، ޤާނޫނު އަސާސީން ނުވަތަ ޤާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިޚާބެއްގައި، ސިޔާސީ ޕާޓީއެއްގެ ޓިކެޓް ހޯދުމަށް އެޕާޓީގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވެއްޖެނަމަ، އެ އިންތިޚާބެއްގައި އެހެން އެއްވެސް ޙައިޘިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށެވެ. އަދި ޕްރައިމަރީގައި ވާދަކޮށް ބަލިވެއްޖެނަމަ، އެ އިންތިޚާބުގައި އެހެން އެއްވެސް ހައިޘިއްޔަތަކުން ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިނަމަ އެ މީހެއްގެ ކެނޑިޑެސީ ބާޠިލްކުރަންވާނެ ކަމަށް އިޞްލާޙުގައިވެއެވެ. މި އިޞްލާހު މަޖިލީހުގެ ތަޅުމަށް ހުށައަޅުއްވަމުން ސަޢުދު ވިދާޅުވީ، މި އިޞްލާޙު ހުށައެޅުއްވީ، ޑިމޮކްރަސީގެ އެންމެ މުހިންމު މަސްދަރަކީ ސިޔާސީ ޕާޓިތައް ކަމަށާއި، ސިޔާސީ ޕާޓީތަކުގައި ބާއްވާ ޕްރައިމަރީތަކަކީ ހަރުދަނާ އުޞޫލެއްގެ މަތިން ބާއްވާ ޕްރައިމަރީއެއްގެ ގޮތުގައި ކަނޑައެޅުމުގެ ބޭނުމުގައި ކަމަށެވެ.

"ރާއްޖޭގެ ޑިމޮކްރަސީގެ އައު ހަޔާތުގައި ރާއްޖޭގެ ޑިމޮކްރަސީގެ އެންމެ މުހިންމު މަސްދަރަކީ ސިޔާސީ ޕާޓީކަމަށްވާތީ، ސިޔާސީ ޕާޓީތަކުގައި ބޭއްވާ ޕްރައިމަރީތަކަކީ ހަރުދަނާ އުސޫލެއްގެ މަތިން ބޭއްވޭ ޕްރައިމަރީއެއްގެ ގޮތުގައި ކަނޑައަޅާ، ޚާއްސަކޮށް ފާއިތުވި ދުވަސްތަކުގައި ޕާޓިތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށްފައި އެ ކެނޑިޑޭޓަކު އަމިއްލަ ގޮތްގޮތުންނާއި އެހެން ގޮތްގޮތުން ކުރިމަތިލުމުގެ ސަބަބުން ޕާޓީތަކަށް ވަނީ ވަރަށް ބޮޑު ގެއްލުންތަކެއް ލިބިފައި." ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން ވިދާޅުވިއެވެ.

މި އިޞްލާޙަށް ބަހުސްކުރެއްވި ސަރުކާރަށް ތާޢީދުކުރައްވާ މެމްބަރުން ވިދާޅުވަމުން ގެންދެވީ ޕްރައިމަރީތަކުން ނާކާމިޔާބުވާ ކެނޑިޑޭޓުން އަމިއްލަ ގޮތުން އެންމެ ގިނައިން ވާދަކުރަނީ އެމްޑީޕީގެ ތެރެއިން ކަމަށާއި، މިއީ އެޕާޓީއަށްވެސް ވަރަށް މުހިންމު އިޞްލާހަކަށްވާނެ ކަމަށެވެ. ނަމަވެސް އިދިކޮޅު މެމްބަރުން ވަނީ މި އިޞްލާޙާއި ދެކޮޅާށް ވާހަކަ ދައްކަވާފައެވެ. މި އިޞްލާޙު މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރެއްވުމަށް ވަނީ ކޮމިޓީއަށް ފޮނުއްވާފައެވެ.