ޚަބަރު

މިއަހަރުގެ މުދަލު ޒަކާތް ބައްސަވަން ފަށްޓަވައިފި


މިއަހަރުގެ މުދަލު ޒަކާތް ބައްސަވަން ފަށްޓަވައިފިއެވެ.

މިއަދު ހެނދުނު ނުވަގަޑި ތިރީހުން ފެށިގެން މުދަލު ޒަކާތް ބައްސަވަން ފައްޓަވާފައިވާއިރު، ޒަކާތް ދޫކުރުން މިއަދު މެންދުރުފަހު ދެގަޑި ތިރީހަށް އިސްލާމީ މަރުކަޒުގައި ކުރިޔަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން ވިދާޅުވެފައިވެއެވެ. މުދަލު ޒަކާތް ބެއްސެވުން ކުރިއަށް ދާނީ މިއަދުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހަކުވެސް ނުވަގަޑި ތިރީހުން ފެށިގެން މެންދުރުފަހު ދެގަޑި ތިރީހަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި، ސާޅީސް އެއް މިލިއަން ދުއިސައްތަ އަށާވީސް ހާސް ނުވަސަތޭކަ ސާޅީސް ނުވަ ރުފިޔާ ލިބިފައިވެއެވެ. މިއަހަރު ކޮންމެ ފަޤީރެއްގެ ބޮލަށް 900 ރުފިޔާ ބެއްސެވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.

މިނިސްޓްރީން ވިދާޅުވީ، މާލެ ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރަށްޔިތުންނަށް މާދަމާއިން ފެށިގެން މިމަހުގެ 21، 22، 23 މި 3 ދުވަހު މުދަލު ޒަކާތް ބެއްސެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިދިޔަ އަހަރު ފަންސާސް އެއް ހާސް ނުވަސަތޭކަ ނުވަދިހަ ފަޤީރުން ލިސްޓްކުރެވިފައި އޮތްނަމަވެސް މި އަހަރު ފަޤީރުންގެ ގޮތުގައި ލިސްޓްކުރެވިފައި އޮތީބާރަ ހާސް ތިންސަތޭކަ ތިރީސް ފަސްމީހުން ކަމަށެވެ.

މިދިޔަ އަހަރު ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ބޮލަކަށް 400 ރުފިޔާ އިސްލާމިކް މިނިސްޓްރީން ބައްސަވާފައިވެއެވެ. ރަށްރަށުގައި މުދަލު ޒަކާތް ބެއްސެވުން ކުރިއަށް ގެންދަވާނީ އެރަށެއްގެ ކައުންސިލްގެ އިދާރާގައެވެ.