ޚަބަރު

ހުޅުމާލޭ "ކޭ ޕާކް ރެސިޑެންސް" ރަސްމީކޮށް އިފްތިތާޙްކޮށްފި


ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ޢިމާރާތްކުރާ ލަގުޒަރީ އެޕާރޓްމަންޓް ހައުސިން ޔުނިޓް "ކޭ ޕާކް ރެސިޑެންސް" ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި "ކޭ ޕާކް ރެސިޑެންސް" އިފްތިތާހު ކޮށްދެވީ ރާއްޖެއިން ސިންގަފޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަމްދޫން ހަމީދެވެ. "ކޭ ޕާކް ރެސިޑެންސް " އެޕާރޓްމެންޓަކީ 'ކޯދި' އިންވެސްޓްމެންޓްގެ ފަރާތުން ހުޅުމާލޭގައި ތަރައްޤީކުރާ ހައުސިންގ ޔުނިޓެކެވެ. މި 13 ބުރީގެ ހައުސިން ކޮމްޕްލެކްސްގައި 110 އެޕާޓްމެންޓް ހިމެނެއެވެ.

މިތަނުގެ އެންމެ ތިރި ތަރައްޤީ ކުރުމަށް ޕްލޭންކޮށްފައިވަނީ، ކުޑަކުދިން ކުޅޭ ތަންތަނާއި، ޑޭ ކެއަރ ސެންޓަރއެއް ހިމެނޭ ގޮތަށެވެ. ފުރަތަމަ ފްލޯރ ޚާއްސަ ކުރެވިފައިވަނީ ސްވިމިންގ ޕޫލް އޭރިއާއެއް ގޮތަށެވެ. މި މަޝްރޫޢު އިފްތިތާޙް ކޮއްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރާއްޖެއިން ސިންގަފޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަމްދޫން ހަމީދު ވަނީ ހުޅުމާލޭގެ ތަރައްޤީއަށް މި ފަދަ މަޝްރޫޢުތަކުގެ މުހިއްމުކަން ފާހަގަ ކުރައްވާފައެވެ. އަދި  މިއަދުގެ ސަރުކާރުން ޢުމްރާނީ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ.

"މުޅި ރާއްޖެއަށް ނަމޫނާއަކަށްވާ ފަދަ ޢުމްރާނީ ވެއްޓެއް ހުޅުމާލެ ފިޔަވަހި 1 އަދި ފިޔަވަހި 2 ގަ ބިނާ ކުރެވިގެންދާއިރު، ދިވެހި ހުރިހާ ފަރުދުންވެސް މިކަމަށް ފަޚުރުވެރިވާނެ ކަމަށް އަޅުގަނޑު ޔަޤީން ކުރަން. މި ފެނިގެންދާ މިސާލަކީ އަދި މިހާ ހިސާބުން ހުއްޓޭނެ ކަމެއްކަމަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. އަޅުގަޑަށް މައުލޫމާތު ލިބިފައިވަނީ މިފަދަ އެތަން އެހެން ސިޓީތަކެއްވެސް ވަރަން އަވަހަށް ރާއްޖޭގެ އެކިކަންކޮޅުތަކުގަ ޤާއިމް ކުރެވިގެންދާނެ ކަމަށް" ހަމްދޫން ހަމީދު ވިދާޅުވިއެވެ.

މި ޙަފްލާގައި ވާހަކަ ދައްކަވަމުން ކޯދި އިންވެސްޓްމެންޓްގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރ ޢަލީ ލަތީފް ވިދާޅުވީ މި ޢިމާރާތް ފަރުމާކޮށްފައި ވަނީ ކޮރެއާގެ ފަންނީ މާހިރުން ކަމަށެވެ. އަދި މި ޢިމާރާތް ވެގެންދާނީ ތިމާވެއްޓާއި ރައްޓެހި ޢިމާރާތެއް ކަމަށާއި ދިވެހިންނަށް ހެޔޮ އަގުގައި މިތަނުން އެޕާރޓްމެންޓް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒުކަމަށް ޢަލީ ލަތީފު ވިދާޅުވިއެވެ.

"ކޮރެއާގެ ލަގްޒަރީ އެޕާޓްމެންޓްތަކާއި އެއްފެންވަރެއްގެ އެޕާޓްމެންޓްތަކެއް ދިވެހި ރައްޔިތުންނަށް ހެޔޮއަގެއްގައި ފޯރުކޮށް ދިނުމައްޓަކައި ކުރިއައްގެންދާ ޕްރޮޖެކްޓެއް މިއީ. މި ޢިމާރާތް ޑިޒައިން ކުރެވިފަ ވަނީ ކޮރެއާގެ ފަންނީ މާޙިރުންގެ ލަފަޔާއެކު، ޢިމާރާތުގައި ބޭނުންކުރާ ފިޓިން އާއި ފިކްސްޗަރސް ވެގެންދާނީ ކޮރެއާގެ ލަގްޒަރީ ބުރޭންޑްތަކަކަށްކަން ފާހަގަކޮއްލަން" ޢަލީ ލަތީފު ވިދާޅުވިއެވެ.

"ކޭ ޕާކް ރެސިޑެންސް" ހައުސިން ކޮމްޕްލެކްސްގައި ހިމެނޭނީ 1،200 އަކަފޫޓާއި 1،500 އަކަފޫޓްގެ 2 ކޮޓަރިއާއި 3 ކޮޓަރީ އެޕާރޓްމެންޓްތަކެވެ.