ޚަބަރު

މިއަދު އެކަނިވެސް 578 ފަރާތަކަށް ޑޮލަރު ވިއްކާފައިވޭ- އެމްއެމްއޭ


މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން މީގެ ކުރިން ވިޔަފާރި ބޭންކުތައް މެދުވެރިކުރައްވައި ވިއްކަވަމުން ގެންދެވި ޑޮލަރ ސީދާ އެމް.އެމް.އޭގައި ވިއްކެވުމަށް ނިންމަވާފައިވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ލިބުމުގައި މިހާރު އޮތް ދަތިކަމަށް ޙައްލެއް ގެންނެވުމުގެ ގޮތުންނެވެ.

ޑޮލަރު ދޫކުރެއްވުމުގެ މަސައްކަތް ހަލުވިކޮށް ޢާއްމުންނަށް ލުއިފައްސޭހަވާނެހެން ކުރިއަށް ގެންދެވުމަށް އެމްއެމްއޭއިން ވަނީ ޚާއްޞަ އިންތިޒާމްތަކެއް ހަމަޖައްސަވާފައެވެ. އެގޮތުން ޖުމްލަ ދިހަ ކައުޓަރުން ޚިދުމަތް ދެއްވަމުން ގެންދަވާއިރު، ނަންބަރު ނެގުމަށްފަހު މަޑުކުރަން ޖެހޭނީ އެންމެ ގިނަވެގެންވެސް ތިރީސް މިނެއްޓް ކަމަށް އެމްއެމްއޭއިން ހާމަކުރައްވައެވެ. ކޮންމެ މީހަކަށްވެސް ގިނަވެގެން ފަސް ޓިކެޓަށް ޑޮލަރު ދޫކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، ޑޮލަރު ގަތުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ގެނައުން މުހިއްމުކަމަށް އެ ބޭންކުން ވިދާޅުވިއެވެ. އަދި ޑޮލަރު ގަންނަން ދާއިރު، އެކަމަށް ބޭނުންވާ ހުރިހާ ލިޔެކިޔުމަށް ހިފައިގެން ދިއުމަށް އެމްއެމްއޭއިން އިލްތިމާސްކުރައްވައެވެ. އެގޮތުން ޕާސްޕޯޓާއި، ދަތުރުކުރާ އެންމެންގެ ޓިކެޓު ގެންދަން ޖެހޭނެ ކަމަށާއި، ޑޮލަރު ގަންނަން ދާމީހާއަކީ ދަތުރުކުރާ މީހުންގެ ތެރެއިން އެކަކަށްވާން ޖެހޭނެކަމަށް އެމްއެމްއޭއިން ހާމަކުރައްވައެވެ.

އެމްއެމްއޭއިން ޑޮލަރ ދޫކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވަނީ ދެ މަރުޙަލާއަކަށް ބަހާލައިގެނެވެ. އެގޮތުން ހެނދުނު ނުވައަކުން، ހަވީރު ހަޔެއް ޖެހުމާ ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ލިޔެކިޔުންތަކުގެ ޞައްޙަކަން ދެނެގަތުމުގެ މަސައްކަތެވެ. އެމްއެމްއޭގެ ހެޑް އޮފް ކުރެޑިޓު ގުރެންޓީ ޔުނިޓު އިބްރާހީމް ނާޞީރު ވިދާޅުވީ ޑޮލަރު ދޫކުރައްވަނީ ހަވީރު ހަތަރަކުން ރޭގަނޑު އަށެއް ޖެހުމާ ހަމައަށް ކަމަށެވެ. 

އެމަޖެންސީކޮށް ފުރާ ފަރާތްތަކާއި، ޢުމުރުން ފަސްދޮޅަސް ފަސްއަހަރުން މަތީގެ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި މާބަނޑު އަންހެނުންނަށް އެކްސްޕްރެސް ޚިދުމަތް ލިބޭނެކަމަށް ނަޞީރު ވިދާޅުވިއެވެ. ބޭންކުތައް މެދުވެރިކުރައްވައިގެން މީގެކުރިން ވިއްކަވަމުން ގެންދެވި ޑޮލަރު އެމްއެމްއޭއިން ވިއްކެވުމަށް ނިންމެވިނަމަވެސް އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ ބީއެމްއެލްގެ ގޮފިތަކުއް މެދުވެރިކުރައްވައި ކުރިއެކޭ އެއްގޮތަށް ޢާއްމުންނަށް ޑޮލަރު ވިއްކަވަމުން ގެންދަވާނޭކަމަށް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

ސީދާ އެމްއެމްއޭއިން ޑޮލަރު ވިއްކަވަން ފެއްޓެވުމުގެ ސަބަބުން ކިއުގައި ތިބޭވަގުތު ކުޑަވެ، ފަސޭހަވެގެން ދިޔަކަމަށް އެމް.އެމް.އޭގައި ޑޮލަރު ގަންނަން ގޮސް ތިބި ބައެއް ދިވެހިން ބުންޏެވެ.

އެމްއެމްއޭއިން ކޮންމެ ދުވަހަކުވެސް ޑޮލަރު ވިއްކަވަމުން ގެންދަވާނީ، ކުރިއަށް އޮންނަ ހަތް ދުވަހުގެ ތެރޭގައި ފުރާ މީހުންނަށް އެކަންޏެވެ. މި އުޞޫލުގެ ދަށުން އަންނަ އަހަރުގެ ޖެނުއަރީމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ޓިކެޓަކަށް ފަސް ސަތޭކަ ޑޮލަރު އެމް.އެމް.އޭއިން ވިއްކަމުން ގެންދަވާނޭކަން އެމްއެމްއޭއިން ހާމަކުރައްވައެވެ.

ޖެނުއަރީމަހުގެ އަށްވަނަ ދުވަހުން ފެށިގެން ދިވެހިންނަށް ޑޮލަރު ވިއްކަވަމުން ގެންދަވާނީ ސީދާ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުންކަމަށް އެމް.އެމް.އޭއިން ވަނީ ވިދާޅުވެފައެވެ. މިގޮތުން ޖެނުއަރީމަހުގެ އަށްވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ވިއްކަވާނީ، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑިޕާޗަރ ހޯލްގައި ހުންނަ ބީ.އެމް.އެލްގެ ކައުންޓަރުންކަމަށް އެމް.އެމް.އޭއިން ވިދާޅުވެއެވެ.