ޚަބަރު

"ހީވާގި ކަނބަލުން" - މަޢުރަޒުގައި ބައިވެރިވުމަށް ހުޅުވާލައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމްގެ އިސްނެންގެވުމުގެ މަތިން "ހީވާގި ކަނބަލުން" ގެނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަސައްކަތްތެރިކަމުގެ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު ރަސްމީގޮތުން ހުޅުވާލައިފިއެވެ.

މި މަޢުރަޒުގެ އިންތިޒާމް ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިޒާމް ކޮމެޓީގެ މެމްބަރެއްކަމުގައިވާ ޒީނާޒް ޢަދުނާން ވިދާޅުވީ ޑިސެމްބަރުމަހުގެ 22 ން އެމަހުގެ 26 އަށް ކަލާފާނު ސްކޫލްގައި ބާއްވާ މި މަޢުރަޒުގެ މަޤުޞަދަކީ ދިވެހި އަންހެން ކަނބަލުންގެ ހުނަރުވެރި މަސައްކަތްތައް އެއްތަނަކުން ފެންނާނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ.

މި މަޢުރަޒު ބޭއްވުމަށް ނިންމަވާފައިވަނީ މައިގަނޑު 4 ދާއިރާއަކުން، 21 ގިންތިއެއް ހިމަނުއްވައިގެންކަމަށް އިންތިޒާމް ކޮމެޓީން ހާމަކުރެއެވެ.

"މައިގަނޑު 4 ކެޓަގަރީއަކަށް ބަހާލައިގެން އަޅުގަނޑުމެން މި ފުރުޞަތު ހުޅުވާލާފައިމިވަނީ. އެއީ ވަކިވަކި އަންހެން ކަނބަލުންގެ ދާއިރާ. އަންހެން ކޮމެޓީތަކުގެ ދާއިރާ. ކްލަބް ޖަމްޢިއްޔާތަކުގެ ދާއިރާ. ޚާއްޞަ އެހީއަށް ބޭނުންވާ އަންހެން ކަނބަލުންގެ ދާއިރާ. މިހަތަރު ދާއިރާއިން ބޭނުންވާ ކޮންމެ ދާއިރާއެއްގައިވެސް އަންހެން ކަނބަލުންގެ ހުނަރު ދައްކުވައިދޭ ކިތަންމެ ކުޑަ މަސައްކަތެއްވެސް ބައިވެރިކުރެވިދާނެ" އިންތިޒާމް ކޮމިޓީގެ މެމްބަރ އާމިނަތު މައިޝާ ޙަސަން ވިދާޅުވިއެވެ. 

މި މަޢުރަޒުގެ މުޅި މުބާރާތުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މައިގަނޑު 4 ދާއިރާއާއި، އެކި ގިންތިތަކުންވެސް ވަނަ ހޮވުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މި މައުރަޒުގައި މުޅި ޖުމްލަ 75 އިނާމަށްވުރެ ގިނަ އިނާމް ދެވިގެންދާނެ ކަމަށް އިންތިޒާމް ކޮމެޓީއިން ވިދާޅުވެއެވެ. އަދި މަޢުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ރެއަކުވެސް ނަސީބުވެރިއަކު ހޮވާނެ ކަމަށްވެސް އިންތިޒާމް ކޮމެޓީއިން ހާމަކުރެއެވެ.

"މުޅި މުބާރާތުގެ 1 ވަނަ 2 ވަނަ 3 ވަނަ އަށް އިނާމް ކަނޑައެޅިފައިވޭ. އެގޮތުން މުޅި މުބާރާތުން 1 ވަނަ އަށް އެއްލައްކަ ރުފިޔާ.. 2 ވަނަ އަށް 75 ހާސް ރުފިޔާ.. 3 ވަނައަށް ފަންސާސް ހާސް ރުފިޔާ ކަނޑައެޅިފައިވޭ.. މި ފައިސާތަކުގެ އިތުރުން ބޭރުގެ އެކްސްޕޯތަކުގައި ބައިވެރިވުމުގެ ފުރުޞަތުވެސް އެ ފަރާތްތަކަށް ލިބިގެންދޭ" އިންތިޒާމް ކޮމިޓީގެ ފަރާތުން ޒީނާޒް އަދުނާން ވިދާޅުވިއެވެ. 

މި މުބާރާތުގައި ތަކެތި ބައިވެރިކުރެވޭ ގިންތިތަކުގެ ތެރޭގައި ބިންވަޅުނަގާފައި ހުންނަ ސުވެނިއަރއާއި ކަސަބު ވިޔުމާއި ތުނޑުކުނާ ވިޔުންފަދަ މަސައްކަތްތައް ހިމެނޭކަން ފާހަގަކޮށްލެވެއެވެ. މި މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލެވިފައިވާއިރު މަޢުރަޒާގުޅޭ އިތުރު މައުލޫމާތާއި ޤަވާޢިދު، މިކަމަށް ޚާއްސަ ކުރެވިފައިވާ ވެބްސައިޓް www.kanbalun.com އިން ލިބޭނެކަމަށް އިންތިޒާމް ކޮމެޓީން ބުނެއެވެ.