ޚަބަރު

ފުލުހުންގެ ވަޒީފާއަށް އަލަށް ގުޅުނު ފުލުހުން ހުވާކޮށްފި


މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތާއި އަލަށް ގުޅުނު ފުލުހުންނާއި ސްޕެޝަލް ކޮންސްޓެބަލަރީ ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަލަށް ފުލުހުންގެ ޚިދުމަތާ ގުޅުނު ފުލުހުންނަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ އެވެ. މަޤާމުގެ ހުވާކުރުމަށްފަހު ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބަލަރީ ފުލުހުންވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތަށް އަލަށް ގުޅުނު 85 ފުލުހުންނާއި ސްޕެޝަލް ކޮންސްޓެބެލަރީއަށް އަލަށް ގުޅުނު 38 ފުލުހުންކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން މަޢުލޫމާތުދެއްވައެވެ.

img:http://s1.psmnews.mv/images/660x400/14796426375874.jpg|ފުލުހުންގެ ވަޒީފާއާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕޮލިސް މީޑިއާ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ ވިދާޅުވީ ޤާނޫނުގައިވާ ގޮތުގައި މަތިން ފުލުހުން މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި މިއަދު ކުރި ހުވަޔަކީ ވަރަށް އަގުހުރި ހުވައެއްކަމަށެވެ. އަދި މާތް ﷲ ގަންދީ ކުރި މި ހުވާގައި ހިމެނޭ ކަންކަމަށް ބޯލަނބައި އެހުވަޔާ އެއްގޮތަށް ޢަމަލުކުރުމަކީ ޤައުމީ އަދި ދީނީ މަތިވެރި ވާޖިބެއްކަމަށެވެ.

މީގެއިތުރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށާއި ޤައުމަށް ޚިދުމަތް ކުރުންމަތީ ދެމި ތިބުމަށް މިއަދު ހުވާކުރި ހުރިހާ ފުލުހުންނަށާއި ސްޕެޝަލް ކޮންސްޓަބެލަރީ ފުލުހުންނަށް އިލްތިމާސް ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ސަރވިސް ޑިވޮލޮޕްމަންޓް ޑައިރެކްޓްރޭޓްގެ ޑެޕިއުޓީ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ.