ވިޔަފާރި

ޑޮލަރު ގަންނަން ދާއިރު ހުރިހާ ލިޔެކިއުމެއް ފުރިހަމަކުރަންޖެހޭ


ޑޮލަރު ގަންނަން ދާއިރު، އެކަމަށް ބޭނުންވާ ހުރިހާ ލިޔެކިއުމެއް ހިފައިގެން ދިއުމަށް އެމްއެމްއޭއިން އިލްތިމާސްކުރައްވައިފިއެވެ.

އެގޮތުން ޕާސްޕޯޓާއި، ދަތުރުކުރާ އެންމެންގެ ޓިކެޓު ގެންދަން ޖެހޭނެ ކަމަށާއި، ޑޮލަރު ގަންނަން ދާމީހާއަކީ ދަތުރުކުރާ މީހުންގެ ތެރެއިން އެކަކަށްވާން ޖެހޭނެކަމަށްވެސް އެމްއެމްއޭއިން ހާމަކުރައްވައެވެ. އެމްއެމްއޭއިން ޑޮލަރ ދޫކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވަނީ ދެ މަރުޙަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން ހެނދުނު 9:00 އިން ހަވީރު 6:00 އާއި ހަމައަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލިޔެކިޔުންތަކުގެ ޞައްޙަކަން ދެނެގަތުމުގެ މަސައްކަތެވެ. ޑޮލަރު ދޫކުރެއްވުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 އިން ރޭގަނޑު 8:00 އާއި ހަމައަށެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭއިން ޑޮލަރު ވިއްކެވުމަށް ނިންމަވާފައިވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ލިބުމުގައި މިހާރު އޮތް ދަތިކަމަށް ޙައްލެއް ގެންނެވުމުގެ ގޮތުންނެެވެ.

ޑޮލަރު ދޫކުރުމުގެ މަސައްކަތް ހަލުވިކޮށް ޢާއްމުންނަށް ލުއިފައްސޭހަވާނެހެން ކުރިއަށް ގެންދެވުމަށް އެމްއެމްއޭއިން ވަނީ ޚާއްޞަ އިންތިޒާމްތަކެއް ހަމަޖައްސަވާފައެވެ. އެގޮތުން ޖުމްލަ 10 ކައުޓަރުން ޚިދުމަތް ދެއްވަމުން ގެންދަވާއިރު، ނަންބަރު ނެގުމަށްފަހު މަޑުކުރަން ޖެހޭނީ އެންމެ ގިނަވެގެންވެސް ތިރީސް މިނެއްޓް ކަމަށް އެމްއެމްއޭއިން ހާމަކުރައްވައެވެ. އެގޮތުން މިއަދު މެންދުރު 12:00 އާ ހަމައަށް ތިންސަތޭކަ އަށްވުރެ ގިނަ ފަރާތަކަށް ފުރަތަމަ މަރުޙަލާގެ ޚިދުމަތް ދެއްވާފައިކަމަށް އެމްއެމްއޭގެ ހެޑް އޮފް ކުރެޑިޓު ގުރެންޓީ ޔުނިޓު އިބްރާހީމް ނާޞީރު ވިދާޅުވިއެވެ.

ކޮންމެ މީހަކަށްވެސް ގިނަވެގެން ފަސް ޓިކެޓަށް ޑޮލަރު ދޫކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، ޑޮލަރު ގަތުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ގެނައުން މުހިއްމު ކަމަށް ނާޞިރު ވިދާޅުވިއެވެ.

އެމަޖެންސީކޮށް ފުރާ ފަރާތްތަކާއި، ޢުމުރުން ފަސްދޮޅަސް ފަސްއަހަރުން މަތީގެ މީހުންނާއި ޚާއްޞައެހީއަށް ބޭނުންވާ މީހުންނާއި މާބަނޑު އަންހެނުންނަށް އެކްސްޕްރެސް ޚިދުމަތް ލިބޭނެކަމަށް ނަޞީރު ވިދާޅުވިއެވެ.

ބޭންކުތައް މެދުވެރިކުރައްވައިގެން މީގެކުރިން ވިއްކަވަމުން ގެންދެވި ޑޮލަރު އެމްއެމްއޭއިން ވިއްކެވުމަށް ނިންމެވިނަމަވެސް އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ ބީއެމްއެލްގެ ގޮފިތައް މެދުވެރިކުރައްވައި ކުރިއެކޭ އެއްގޮތަށް ޢާއްމުންނަށް ޑޮލަރު ވިއްކަވަމުން ގެންދަވާނޭކަމަށް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

އެމްއެމްއޭއިން ކޮންމެ ދުވަހަކުވެސް ޑޮލަރު ވިއްކަވަމުން ގެންދަވާނީ، ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި ފުރާ މީހުންނަށް އެކަންޏެވެ. މި އުޞޫލުގެ ދަށުން އަންނަ އަހަރުގެ ޖެނުއަރީމަހުގެ 7 ވަނަ ދުވަހުގެ ނިއަލަށް ޓިކެޓަކަށް ފަސްސަތޭކަ ޑޮލަރު އެމް.އެމް.އޭއިން ވިއްކަމުން ގެންދަވާނޭކަން އެމްއެމްއޭއިން ހާމަކުރައްވައެވެ.

ޖެނުއަރީމަހުގެ 8 ވަނަ ދުވަހުން ފެށިގެން ދިވެހިންނަށް ޑޮލަރު ވިއްކަވަމުން ގެންދަވާނީ ސީދާ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުންކަމަށް އެމް.އެމް.އޭއިން ވަނީ ވިދާޅުވެފައެވެ. މިގޮތުން ޖެނުއަރީމަހުގެ 8 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ވިއްކަވާނީ، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑިޕާޗަރ ހޯލްގައި ހުންނަ ބީ.އެމް.އެލްގެ ކައުންޓަރުންކަމަށް އެމް.އެމް.އޭއިން ވިދާޅުވެއެވެ.