ކުޅިވަރު

ޤައުމީ މުބާރާތް: ޓީމްތަކަށް ބޮޑު ބަދަލްތަކެއް!


ޤައުމީ ލީގް ނިންމާލުމަށްފަހު، ޤައުމީ މުބާރާތާއި ޓީމްތަކުން ކުރިމަތިލާއިރު ޓީމްތަކަށްވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ޤައުމީ ލީގް ނިމުނުއިރު ފިރިހެން ބައިން އެއްވަނަ ހޯދީ ދިވެހި ސިފައިންގެ ކްލަބެވެ. ދެވަނަ މޯލްޑިވިއަން ހޯދާފައިވާއިރު، ތިންވަނަ ހޯދާފައިވަނީ ޕޮލިސް ކްލަބެވެ. އަދި ލީގްގެ ހަތަރުވަނަ ހޯދީ ސްޓެލްކޯއެވެ. މިލީގްގެ އަންހެން ބައިގެ އެއްވަނަ ހޯދީ މޯލްޑިވިއަންއެވެ. ޕޮލިސް ކްލަބް ހޯދާފައިވާއިރު، ތިންވަނަ ހޯދާފައިވަނީ ފުވަމުލަކު މިސްކިތް މަގު އަދި ހަތަރުވަނަ ހޯދީވެސް ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ފިސްޑާއެވެ. ލީގް ނިމި، ޤައުމީ މުބާރާތާއި ކުރިމަތިލާއިރު ހުރިހާ ޓީމްތަކެއް ކަހަލަ ގޮތަކަށްވަނީ ބިދޭސީ ކުޅުންތެރިންނާއި ދިވެހި ކުޅުންތެރިންވެސް ބަދަލުކޮށްފައެވެ. ބައެއް ބީދޭސީ ކުޅުންތެރިން ފޮނުވާލާފައިވާއިރު، އަނެއް ބައި ޓީމްތަކުންވަނީ ރާއްޖޭގައި ކުޅެ މަޤްބޫލްކަން ހޯދާފައިވާ ބައެއް ބިދޭސީ ކުޅުންތެރިން ޓީމްއަށް ގެނެސްފައެވެ. ބައެއް ޓީމްތަކުން ޤައުމީ މުބާރާތަށް މިހާބޮޑަށް ތައްޔާރުވެފައިވާއިރު، އަނެއްބައި ޓީމްތަކުން ޤައުމީ މުބާރާތާއި ކުރިމަތިލާފައި މިވަނީ ޤައުމީ ލީގްގައި ކުޅެފައިވާ ޓީމަށް އެއްވެސް ބަދަލެއް ނުގެނެހެވެ.

ފިސްޑާ:

img:http://s3.psmnews.mv/images/660x400/14795936131453.jpg|ފިސްޑާ

ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ފިސްޑާއަށް ބަލާލާއިރު، ފިސްޑާއިންވަނީ ޤައުމީ ލީގްގައި ކުޅުނު 3 ކުޅުންތެރިއަކު ޓީމުން ބާކީކޮށް، އާ 3 ކުޅުންތެރިން ޤައުމީ މުބާރާތުގެ ޓީމް ލިސްޓުގައި ޖަހާފައެވެ. ޓީމުން ބޭރުވެފައިވަނީ މަރިޔަމް އަނީފް، ތަމްހީދު ރަޝީދު އަދި ޝިޒުހާ ޒާހިރެވެ. ޤައުމީ މުބާރާތުގައި ފިސްޑާ ޓީމްގައި ހިމަނާފައިވަނީ މަރިޔަމް ސަމާ، ފާތިމަތު ޝަހުލާ އަދި ފާތިމަތު ޖުމާއެވެ. ފިސްޑާއިން މަޢުލުމާތުދިން ގޮތުގައި މިގެނައި ބަދަލުތަކަކީ ޓީމް އިތުރަށް ވަރުގަދަ ކުރުމަށް ގެނައި ބަދަލުތަކެކެވެ. ޚާއްްސަކޮށް މަރިޔަމް ސަމާ ޓީމަށް ގެނެސްފައިވަނީ ސެޓިންތައް ރަނގަޅު ކުރުމުގެ ގޮތުންނެވެ. 

ޕޮލިސް ކްލަބް:

img:http://s1.psmnews.mv/images/660x400/14795929409442.jpg|އަބްރަހަމް މިނިމޯލް

މިއިން ޒަމާނެއްގައިވެސް އެއްވެސް ޓީމަކަށް ޕޮލިސް ކްލަބް ސީދާ ތިން ސެޓުން ބަލިކުރެވިފައެއް ނުވެއެވެ. ނަމަވެސް ޤައުމީ ލީގްގެ އެންމެ ފަހު މެޗްގައި މޯލްޑިވިއަން ޓީމުންވަނީ ގިނަ ބަޔަކު ސިއްސުވާލުމަށްފަހު، ޕޮލިސް ކްލަބް ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. ޤައުމީ މުބާރާތަށް ޕޮލިސް ކްލަބަށްވެސް ބޮޑު 2 ބަދަލެއް އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ. ބިދޭސީ ކުޅުންތެރިޔާ މީތޫއާއި ޝިރްމީނާ މުޙައްމަދު ޓީމުން ބާކީކުރުމަށްފަހު، ޓީމަށް ގެނެސްފައިވަނީ މޮޅު 2 ކުޅުންތެރިންކަން ފާހަގަކޮށްލެވެއެވެ. ޕޮލިސް ކްލަބަށް މީގެ ކުރިންވެސް ކުޅެފައިވާ އިންޑިއާގެ ޤައުމީ ޓީމްގެ ކުރީގެ ކެޕްޓަން އަބްރަހަމް މިނިމޯލްއާއި ކުރީގެ ޤައުމީ ޓީމްގެ ސެޓަރ ސުހާނާ އަޙްމަދުވެސް ވަނީ ޕޮލިސް ކްލަބްގެ އަންހެން ޓީމްގައި ހިމަނާފައެވެ. މިނިމޯލްއަކީ ދިވެހިންނަށް އައު ކުޅުންތެރިންއަކަށް ނުވާއިރު، އޭނާގެ މޮޅު ކުޅުންވަނީ ގިނަ ދިވެހިންނަށް ފެނިފައެވެ. އިސްކޮޅުން ދިގު، އެޓޭކަށް ވަރުގަދަ އަދި ބޯޅަތަށް ބްލޮކް ކުރުމަށްވެސް މިނިމޯލްއަކީ މޮޅު ކުޅުންތެރިއެއްކަން އޭނާ ރާއްޖޭގައި ކުޅެފައިވާ އެކި މުބާރާތްތަކުން ސާބިތުކޮށްދީފައިވެއެވެ. 

img:http://s2.psmnews.mv/images/660x400/14795938143532.jpg|ޕޮލިސް ކުލަބް ސުހާނާ (ފޮޓޯ:ޕީއެސްއެމް)

ސުހާނާ އަޙްމަދަކީ ރާއްޖޭގެ ވޮލީ އަދި ޤައުމީ ލެވެލްގެ މުބާރާތްތަކަށް އައު ކުޅުންތެރިއަކަށް ނުވާއިރު، ސުހާނާއަށް ވުރެ ތަޖްރިބާކާރު އެހެން ކުޅުންތެރިއެއް މިހާރު މަދުވާނެއެވެ. ޕޮލިސް ކްލަބުން ބުނީ ޤައުމީ ލީގްގައި ކުރެވުނު ތަޖްރިބާއަށް ބަލާފައި، ޤައުމީ މުބާރާތުގައި ޓީމް ވަރަށް ވަރުގަދަވާނެ ކަމަށެވެ. ޕޮލިސް ކްލަބްގެ ގިނަ ކުޅުންތެރިންނަކީ މިނިމޯލްއާއެކު ކުޅެފައިވާ ކުޅުންތެރިންނަށް ވުމާއި، މިހާރު ޓީމްގައި ހުރި އެމެރިކާގެ އިންޓޯޝް ބްރެނީ ލީންއާއެކު ޓީމް ބަލިކުރަން އެހެން ޓީމްތަކަށް މިހާރު އުދަގޫވާނެކަމަށް ޕޮލިސް ކްލަބުން ޤަބޫލްކުރެއެވެ. 

img:http://s4.psmnews.mv/images/660x400/14795929845661.jpg|ގައުމީ ލީގް ޕޮލިސް ކުލަބްގެ ބްރެނާ ލީން (ފޮޓޯ:ޕީއެސްއެމް)

ފުވައްމުލައް މިސްކިތްމަގު:

img:http://s4.psmnews.mv/images/660x400/14795931005437.jpg|ތައިލެންޑްގެ ބުއާލި ޖެރޯމް

ފުވައްމުލައް ސިޓީއަށް ނިސްބަތްވާ މިސްކިތްމަގު ޓީމަކީ މިފަހަރުގެ މުބާރާތުގައި ސަޕްރައިޒިންގ ޓީމެކޭ ބުނެވިދާނެއެވެ. ލީގް ޗެންޕިއަންކަން ހޯދި މޯލްޑިވިއަން ޓީމް ލީގްގެ ފުރަތަމަ މެޗްގައި ސީދާ ތިން ސެޓުން ވަނީ ބަލިކޮށްފައެވެ. އަދި މޯލްޑިވިއަން ސާދާ ތިން ސެޓުން ބަލިކުރެވުނު ހަމައެކަނި ޓީމަކީވެސް މިސްކިތްމަގުކަން ފާހަގަކޮށްލެވުނެވެ. މިސްކިތްމަގު ޓީމަށް ބަލާލާއިރު، އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ތައިލެންޑްގެ ބުއަލީ ޖެރޮންސިރީ ޓީމްގައި ހިމަނާފައިވާކަމެެވެ. ތައިލެންޑްގެ އަންހެން ޤައުމީ ޓީމަށް ކުޅެފައިވާ ބުއަލީ ޖެރޮންސިރީއަކީ މިދިޔަ އަހަރު ޤައުމީ މުބާރާތުގައި ޕޯލް ސްޓާއަށް ކުޅެ ދިވެހިންގެ ލޯބި ލިބިފައިވާ ކުޅުންތެރިއެކެވެ. 

img:http://s3.psmnews.mv/images/660x400/14795928451907.jpg|ފުވައްމުލަކު ފިސްޑާ ގައުމީ ލީގްގަ (ފޮޓޯ:ޕީއެސްއެމް)

ބުއަލީ ޖެރޮންސިރީ ފާހަގަ ކުރެވިފައިވަނީ ޓީމް ކުޅުންތެރިއެއްގެ ގޮތުގައެވެ. މިދިޔަ އަހަރުގެ ޤައުމީ މުބާރާތުގައި ކޯޗުކޮށްދީފައިވާ ގިނަ ކޯޗުން ފާހަގަކޮށްފައިވާ ގޮތުގައި ތައިލެންޑްގެ ބުއަލީ ޖެރޮންސިރީއަކީ ޓީމް ލައްވާ ކުޅުވާ ކުޅުންތެރިއެކެވެ. އަދި ރާއްޖެއަށް އައިސްފައިވާ ކުޅުންތެރިންނާ އަޅާބަލާއިރު، ބުއަލީ ޖެރޮންސިރީ އަކީ ތަފާތު ކުޅުންތެރިއެކެވެ.  

img:http://s4.psmnews.mv/images/660x400/14795928787404.jpg|ފުވައްމުލަކު ފިސްޑާ ގައުމީ ލީގްގަ (ފޮޓޯ:ޕީއެސްއެމް)

މޯލްޑިވިއަން ޓީމް:

img:http://s1.psmnews.mv/images/660x400/14795937015661.jpg|މޯލްޑިވިއަން ޓީމް (ފޮޓޯ: ޕީއެސްއެމް)

މޯލްޑިވިއަން ޓީމަށް ބަލާލާއިރު، ޓީމަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ޤައުމީ ލީގްގައި ވާދަކޮށްފައިވާ ޓީމްގެ އެއްވެސް ކުޅުންތެރިއަކަށް ބަދަލެއް ނުގެނެސް ލީގް ޗެންޕިއަންކަން ހޯދި ޓީމާއިއެކު، މޯލްޑިވިއަން ޤައުމީ މުބާރާތާއި ކުރިމަތިލާކަންވެސް މިއީ ފާހަގަކޮށްލެވޭ ކަމެކެވެ.