ޚަބަރު

އައިޔޫއެމްގެ ކޮންފަރެންސަށް މިއަދުގެ ނިޔަލަށް 14 ކަރުދާހެއް


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ބާއްވަވާ އިންޓަރނޭޝަނަލް ކޮންފަރެންސްގައި، މިއަދު 14 ކަރުދާހެއް ހުށަހަޅުއްވާ މަޝްވަރާކުރައްވާފައިވާ ކަމަށް އެ ޔުނިވަރސިޓީން ވިދާޅުވެއްޖެއެވެ.

މި ކޮންފަރެންސްގައި މަޝްވަރާކުރައްވާފައިވަނީ ''އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް އެވޭކެނިންގ: ޓުވާރޑްސް ޑައިވާރސް ބަޓް ޔުނިފައިޑް ސޮސައިޓީ'' މި މަޢުޟޫއަށެވެ.

ކޮންފަރެންސަށް ކަރުދާސްތައް ހުށައަޅާފައިވަނީ ދިވެހި، އިނގިރޭސި އަދި ޢަރަބި ބަހުންނެވެ.

ކޮންފަރެންސަށް ހުށައެޅި ކަރުދާސްތަކާއި ގުޅޭ ގޮތުން މަޢުލޫމާތު ދެމުން އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރު މުޙައްމަދު ޙުޝާމް ވިދާޅުވީ، މިއަދުގެ ކޮންފަރެންސަށް ދިވެހި ބަހުން ހުށައަޅާ މަޝްވަރާކުރެއްވީ، ދީނުގެ ނަމުގައި ބައިބައިވުން އުފެދުމުގެ ސަބަބުތަކާއި، ޙައްލުތަކާއި، އިސްލާމީދީނާއި ޑިމޮކްރަސީ އަދި އެއްބައިވަންތަ މުޖުތަމަޢެއް ޤާއިމްކުރުމަށްޓަކައި އިސްލާމް ދީނުގައި ޑިމޮކްރަސީގެ ދައުރާ ގުޅޭ ގޮތުން ކަމަށެވެ.

މި ކޮންފަރެންސަށް ހުށަހެޅި ބައެއް ކަރުދާސްތަކުގެ ތެރޭގައި، މުޖުތަމަޢުގައި ޒުވާނުން ޒިންމާދާރުވުމުގެ ބޭނުންތެރިކަމާއި، ޒަމާނީ މައްސަލަތަކަށް ޤުރުއާނުން އަސާސެއް ހޯދުމަށްޓަކައި ނައްސުތަކުގެ ފުން މާނަ ދެނެގަތުން، އަދި ދިވެހިރާއްޖޭގެ  މުއައްސަސާތަކުގެ އެޗް.އާރް.އެމް މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމުގައި އިސްލާމީ އުސޫލުތަކަށް އަމަލު ކުރުމާއިބެހޭ ކަރުދާސްތައް ހިމެނޭ ކަމަށް އައި.ޔޫ.އެމްއިން މަޢުލޫމާތު ދެއްވައެވެ.

ކޮންފަރެންސްގައި ދުނިޔޭގެ މަޝްހޫރު އިސްލާމީ ޔުނިވަރިސިޓީގެ ޢިލްމުވެރިންނާއި، ޕްރޮފެސަރުން އަދި އިސްލާމީ ޔުނިވަރިސިޓީގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ތިން ސަތޭކައަށް ވުރެ ގިނަ ފަރާތުން ބައިވެރިވާ މި ކޮންފަރެންސް މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ.