ޚަބަރު

އިޖްތިމާޢީ ޚިދްމަތްތެރިންނަށް ޚާއްޞަ ތަމްރީން ޕްރޮގްރާމެއް


އިޖްތިމާޢީ ޚިދްމަތްތެރިންނަށް އަމާޒުކޮށް ޖެންޑަރ މިނިސްޓްރީން ތަމްރީން ޕްރޮގްރާމެއް ފަށްޓަވައިފިއެވެ.

ޔުނިސެފްގެ އެހީތެރިކަމާއެކު މިއަދު ފެއްޓެވި މި ތަމްރީން ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުގައި މަސައްކަތް ކުރައްވާ އިޖްތިމާޢީ ޚިދްމަތްތެރިންނާއި، މިނިސްޓްރީގައި މިކަމުގައި ޙަރަކާތްތެރިވާ މުވައްޒަފުންގެ ހުނަރާއި ފަންނީ ޤާބިލްކަން އިތުރު ކުރުން ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

މި ތަމްރީން ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، އަނިޔާއާއި އިހުމާލުގެ މައްސަލަތައް މިނިސްޓްރީއަށް ރިޕޯޓްކުރާ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުންދާކަމަށާއި، މިތަމްރީން ޕްރޮގްރާމްގެ ސަބަބުން މިފަދަ މައްސަލަތަކާ ގުޅިގެން އިޖްތިމާޢީ ޚިދްމަތްތެރިން ކުރައްވާ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމާއި، އަދި ޚިދްމަތް ފޯރުކޮށްދިނުމުގައި ދިވާމާ ގޮންޖެހުންތައް ދެނެގަނެ، އެފަދަ ކަންކަމަށް ޙައްލު ހޯދައި، ޚިދްމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަގުފަހިވެގެންދާނޭކަމަށެވެ.

މިއަދުން ފެށިގެން 5 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދެވުމަށް ހަމަޖައްސަވާފައިވާ މި ތަމްރީން ޕްރޮގްރާމުގައި ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުތަކުންނާއި، މިނިސްޓްރީގެ މުވައްޒަފުންނާއެކު ޖުމްލަ 28 ފަރާތަކުން ބައިވެރިވެއެވެ.