ދީން

އައިޔޫއެމްގެ ފުރަތަމަ އިންޓަރނޭޝަނަލް ކޮންފަރެންސް ފަށްޓަވައިފި


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ބާއްވާ ފުރަތަމަ އިންޓަރނޭޝަނަލް ކޮންފަރެންސް ފަށްޓަވައިފިއެވެ.

'' އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް އެވޭކެނިންގ: ޓުވާރޑްސް ޑައިވާރސް ބަޓް ޔުނިފައިޑް ސޮސައިޓީ'' މި ނަމުގައި މި ކެންފަރެންސް ފަށްޓަަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބް އަބްދުﷲ ޖިޙާދެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އިންތިޒާމުކުރައްވައިގެން ބާއްވާ އިންޓަރނޭޝަނަލް ކޮންފަރެންސަކީ، ތަފާތު ވިސްނުންތަކާއެކުގައި، އެއްބައިވަންތަ މުޖުތުމަޢެއް ބިނާކުރުމާއި ގުޅޭ ގޮތުން ޢިލްމުވެރިންނާއި، ފަންނީ ބޭފުޅުންގެ މެދުގައި މަޝްވަރާކުރައްވައި، ޚިޔާލުބަދަލުކުރައްވައި، އެފަދަ ޕްލެޓްފޯމެއް މަގުހަފިކޮށްދެއްވުމުގެ ގޮތުން ކުރިއަށްގެންދަވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ މަޝްހޫރު ޔުނިވަރސިޓީތަކުގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ކޮންފަރެންސް އިފްތިތާޙުކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބް އަބްދުﷲ ޖިހާދު ދެއްކެވި ވާހަކަފުޅުގައި، އިސްލާމް ދީނަކީ، ބައިބައިވުމާއި، ހަމަނެޖުހުމާ ދޮކޮޅު އަދި ސުލްޙަޔަށް ބާރު އަޅާ ދީނެއް ކަމަށް ވިދާޅުވިއެވެ.

އިސްލާމް ދީނަކީ ސުލްޙަޔަށް ލޯބިކުރާ، އެއްބައިވަންތަކަމަށް ބާރު އަޅާ ދީނެއްކަން ފާހަގަކުރައްވާ ނާއިބް ރައީސް ވިދާޅުވީ، އިސްލާމް ދީނަކީ އެހެން ދީންތަކަށްވެސް ޖާގަ ދީގެން، އިޙްތިރާމްކޮށްގެން ކެތްތެރިކަމާއެކު އުޅެން ބާރު އަޅާ ދީނެއްކަން ފާހަގަކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ނާއިބް ރައީސް ވަނީ، މުޅި އިސްލާމީ އުންމަތަށް ބައިނަލްއަޤްވަމީ ދުނިޔޭގައި ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަަކަފުޅުދައްކަވާފައެވެ.

img:http://s4.psmnews.mv/images/660x400/14795481264115.jpg|އިސްލާމީ ޔުނިވަރިސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަޙީމް އަލީ ސައީދު

މިރަސްމިއްޔާތުގައި ވާާހަކަދައްކަވަމުން އިސްލާމީ ޔުނިވަރިސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސައީދު ވިދާޅުވީ، އިސްލާމީ ޔުނިވަރިސިޓީ އުފެދުނު ފަހު އިސްލާމީ އުއްމަތާ އޮންނަ ގުޅުން ވަރަށް ބޮަޑަށް ބަދަހިވެގެން ހިނގެއްޖެ ކަމަށެވެ. ޗާންސެލަރ ވިދާޅުވީ، އައިޔޫއެމްއިން ދެއްްވާ ތަޢުލީމުގެ ފެންވަރު މަތިކުރެއްވުމުގެ ގޮތުން ބޭރުގެ އިސްލާމީ ޔުނިވަރސިޓީއާއެކު އެއްބާރުލުން ދިނުމުގެ ތަފާތު އެއްބަސްވުމުގައި އުނިވަރިސިޓީން ސޮއިކޮށްފައިވާ ކަމަށާއި އޭގެ ނަތީޖާ އެއްގެ ގޮތުން މިއަހަރުވެސް ޕީއެޗްޑީ ފެންވަރުގެ 4 ސްކޮލަރޝިޕްގެ ފުރުޞަތު ލިބިފައިވާ ކަން ޗާންސެލަރ ފާހަގަކުރެއްވިއެވެ. ޑރ. ޝަހީމް ވިދާޅުވީ، މިއަދު ކުރިއަށްދާ ކޮންފަރެންސްގެ ހަވާސާގައި ބޭރުގެ ބައެއް ޔުނިވަރިސިޓީތަކާއެކު އިސްލާމީ ޔުނިވަރިސޓީން ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ކޮންފަރެންސް ކުރިއަށްދާނީ މާދަމާގެ ނިޔަަލަށެވެ.