ޚަބަރު

"ޚިތާނީ އުފާ 2016" ހުޅުމާލޭގައި ފަށައިފި


ޞަދަޤާތު ފައުންޑޭޝަނުން ކުރިއަށް ގެންދާ "ޚިތާނީ އުފާ 2016" ހުޅުމާލޭގައި ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އިސްނަންގަވައިގެން އުފައްދަވާފައިވާ ޞަދަޤާތު ފައުންޑޭޝަނަކީ، ޚާއްސަ ގޮތެއްގައި އެހީތެރިކަން ބޭނުންވެފައިވާ މީހުންނާއި، މުޖުތަމަޢުގައި ޒަރޫރީ ބޭނުންތައް ނުފުދި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްވަނީ މި ޚިތާނީ ކޭމްޕް ކުރިއަށްދާ ތަނަށް ޒިޔާރަތްކުރައްވާ، ޚިތާނު ކޮށްފައިވާ ކުދިންގެ ޙާލު ބައްލަވާލައްވާ، އެ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައެވެ.

މި ޙަރަކާތުގެ ދަށުން 120 ކުދިން ޚިތާނު ކުރުމަށް ހަމަޖެހިފައިވާކަމަށް ޞަދަޤާތު ފައުންޑޭޝަނުން މަޢުލޫމާތުދެއެވެ. 10 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ކޭމްޕުގައި ކުދިން ޚިތާނު ކުރުމަށް ހަމަޖެހިފައިވަނީ 2 ގްރޫޕަކަށް ބަހާލައިގެން ކަމަށް އެ ޖަމްޢިއްޔާއިން މަޢުލޫމާތުދެއެވެ. މިގޮތުން ފުރަތަމަ ގްރޫޕްގެ ދަށުން މިހާތަނަށް 35 ކުދިން ޚިތާނު ކޮށްފައިވާއިރު، މި ގްރޫޕްގެ ދަށުން އިތުރު 25 ކުދިން ޚިތާނު ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި، ދެވަނަ ގްރޫޕްގެ ދަށުން ޚިތާނު ކުރުން ކުރިއަށްދާނީ އަންނަ ހަފްތާގައި ކަމަށް އެ ޖަމްޢިއްޔާއިން މަޢުލޫމާތުދެއެވެ.

ސްކޫލް އަހަރީ ޗުއްޓީއާ ދިމާކޮށް ޞަދަޤާތު ފައުންޑޭޝަނުން ކުރިއަށް ގެންދާ މި ޙަރަކާތުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ޞަދަޤާތު ފައުންޑޭޝަންގެ ފަރާތުންނެވެ. މިފަދަ ޙަރަކާތެއް އިންތިޒާމް ކުރުމުގެ މަޤްޞަދަކީ، ޢާއިލާތައް އެއްތަނަކުން ބައްދަލުވެ ޢާއިލީ ގުޅުން ބަދަހިކުރުމާއި، ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ދިރުވާ އާލާކުރުމުގެ ފުރުޞަތު ޢާއިލާތަކަށް ފަހިކޮށްދިނުން ކަމަށް ޞަދަޤާތު ފައުންޑޭޝަނުން ބުނެއެވެ.

img:http://s3.psmnews.mv/images/660x400/14795362926616.jpg|ޚިތާނީ އުފާ 2016 ހަރަކާތުގެ ދަށުން ޚިތާނުކޮށްފައިވާ ކުދިންތަކެއް-

މި ޙަރަކާތާއި ބެހޭ ގޮތުން ޕީ.އެސް.އެމަށް މަޢުލޫމާތުދެމުން މި ކޭމްޕްގެ ކޯޑިނޭޓަރ ޔޫސުފް ޝަފީޢު ވިދާޅުވީ، މި ޙަރަކާތަށް ގިނަ ބަޔެއްގެ ތަރުޙީބު ލިބެމުންދާ ކަމަށެވެ. ނަމަވެސް، ޖާގައިގެ ދަތިކަން ހުރުމުން މި ފަހަރު ބައެއް ފަރާތްތަކަށް ފުރުޞަތު ދިނުމުގައި ދަތިތަކަކާއި ކުރިމަތިވި ކަމަށެވެ. އަދި އަންނަ އަހަރު މިއަށްވުރެ ފުރިހަމަކޮށް މިފަދަ ކޭމްޕެއް ކުރިއަށް ގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ޙަރަކާތުގެ ތެރެއިން މުނިފޫހި ފިލުވުމުގެ ގިނަ ޙަރަކާތްތަކެއް ރާވާފައިވާ ކަމަށްވެސް ޔޫސުފް ޝަފީޢު ވިދާޅުވިއެވެ.

މި ކޭމްޕްގެ ދަށުން ޚިތާނުކުރާ ކުދިން ބައިތިއްބާފައިވަނީ ހުޅުމާލޭ ރެހެންދި ސްކޫލްގައެވެ. އަދި، އެ ސްކޫލް ކުޑަކުދިންނާއި ގުޅޭ ގޮތަށް ތައްޔާރުކޮށްފައިކަން ފާހަގަކޮށްލެވެއެވެ. ޞަދަގާތް ފައުންޑޭޝަނުން ދަނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތަފާތު ގިނަ ޙަރަކާތްތަކެއް ހިންގަމުންނެވެ. ޞަދަޤާތު ފައުންޑޭޝަނަކީ 2015 ވަނަ އަހަރު އުފެއްދި ޖަމްޢިއްޔާއެކެވެ.