ވިޔަފާރި

މާދަމާއިން ފެށިގެން އެމްްއެމްއޭއިން ޑޮލަރު ވިއްކަން ފަށަނީ


ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ލިބުމުގައި މިހާރު އޮތް ދަތިކަމަށް ޙައްލެއް ގެންނެވުމުގެ ގޮތުން މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭއިން ޑޮލަރު ވިއްކެވުމަށް ނިންމަވައިފިއެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ލިބުމުގައި މިހާރުއޮތް ދަތިކަމަށް ހައްލެއް ގެންނެވުމުގެ ގޮތުން މަރުކަޒީ ބޭންކް،މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭއިން ޑޮލަރު ވިއްކުމަށް ނިންމެވި ނިންމެވުމާއި ބެހޭ ގޮތުން މަޢުލުމާތު ދެއްވަމުން އެމް.އެމް.އޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވީ، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް މީގެ ކުރިން ބޭންކުތަކުން ޑޮލަރު ވިއްކަމުންދިއަނަމަވެސް މާދަމާއިން ފެށިގެން ޑޮލަރު ވިއްކަމުން ގެންދަވާނީ އެމް.އެމް.އޭއިން ކަމަށެވެ. މިގޮތުން މާދަމާ ހެނދުނު 9:00 އިން ފެށިގެން އިރުއޮއްސި 6:00 އާއި ހަމައަށް މަރުކަޒީ ބޭންކުން ޑޮލަރު ވިއްކަމުން ގެންދަވާނޭކަމަށެވެ.

ގަވަރުނަރު އަޒީމާ ވިދާޅުވީ، ކޮންމެ ދުވަހަކުވެސް ޑޮލަރު ދޫކުރެވޭނީ އެދުވަހުގެ ކުރިއަށްއޮތް 7 ދުވަހުގެ ތެރޭގައި ފުރުމަށް ހަމަޖެހިފައިވާ މީހުންނަށް އެކަނި ކަމަށެވެ. މި އުޞޫލުގެ ދަށުން އަންނަ އަހަރުގެ ޖެނުއަރީމަހުގެ 7 ވަނަ ދުވަހުގެ ނިއަލަށް ޓިކެޓަކަށް 500 ޑޮލަރު އެމް.އެމް.އޭއިން ވިއްކަމުން ގެންދަވާނޭކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރު ނަރު އަޒީމާ ވިދާޅުވީ، އެމް.އެމް.އޭއިން ޑޮލަރު ވިއްކުމަށް ނިންމެވުމުގެ މައިގަނޑު ސަބަބަކީ ބޭންކް ކައިރީގައި ގިނަވަގުތު މަޑުނުކޮށް ރައްޔިތުންނަށް ވީހާވެސް ފަސޭހަވާނޭގޮތަކަށް ޑޮލަރު ވިއްކުމުގެ ކަންތައްތައް އިންތިޒާމްކުރެއްވުންކަމަށެވެ. އަޒީމާ ވިދާޅުވީ ކޮންމެ އަހަރެއްގެވެސް މިދުވަސްވަރަކީ ގިނަ ބަޔަކު ޑޮލަރު ހޯދުމަށް ބޭންކްތަކަށް ދާ ދުވަސްވަރެއްކަމަށެވެ. މިގޮތުން ގިނަ ބަޔަކު ބޭންކަށްގޮސް ކިއުގައި މަޑުކުރަންޖެހުމުގެ ސަބަބުން ޑޮލަރު ހޯދުމަށް ބޭންކަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އިތުރުން ބޭންކަށްވެސް އެކަމުގެ ސަބަބުން ދަތިތަކާއި ކުރިމަތިލާންޖެހޭކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ. ގަވަރުނަރު އިތުރަށް ވިދާޅުވީ، އެމް.އެމް.އޭއަކީވެސް ކޮންމެ ދުވަހަކު ބޭންކިންގެ ޚިދުމަތްތައް އެކިފަރާތްތަކަށް ދެއްވަމުންގެންދަވާ ބޭންކެއް ނަމަވެސް އެމް.އެމް.އޭއިން ޑޮލަރު ވިއްކުމުގެ ކަންކަން ހަމަޖައްސަވާނީ ރައްޔިތުންނަށް ވީހާވެސް ފަސޭހަވާނޭ ގޮތަށް އިސްކަންދެއްވައިގެންކަމަށެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް މާދަމާއިން ފެށިގެން އަންނަ ޖެނުއަރީމަހުގެ ނިއަލަށް އެމް.އެމް.އޭއިން ޑޮލަރު ވިއްކުމަށް ނިންމެވި ނަމަވެސް، ޖެނުއަރީމަހުގެ އަށްވަނަ ދުވަހުން ފެށިގެން ދިވެހިންނަށް ޑޮލަރު ވިއްކަމުންދާނީ ސީދާ އިބްރާހީމްނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުންކަމަށް އެމް.އެމް.އޭއިން ވަނީ ވިދާޅުވެފައެވެ. މިގޮތުން ޖެނުއަރީމަހުގެ އަށްވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ވިއްކާނީ، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑިޕާޗަރ ހޯލްގައި ހުންނަ ބީ.އެމް.އެލްގެ ކައުންޓަރުންކަމަށް އެމް.އެމް.އޭއިން ވިދާޅުވެއެވެ. އަދި މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ބީ.އެމް.އެލްއިން ފަހުން އާއްމުކުރާނޭކަމަށްވެސް އެމް.އެމް.އޭއިން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބޭންކްތަކުން ޑޮލަރު ވިއްކުމުގެ އުޞޫލަށް ބަދަލުގެނެސްފައިވާއިރު، ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޚާއްސަކޮށް ކޮންމެ ހަފްތާއަކު ޖުމްލަގޮތެއްގައި 4.3 މިލިއަން ޑޮލަރު ބޭންކްތަކަށް ވިއްކަމުންގެންދަވާފައިވާކަމަށްވެސް އެމް.އެމް.އޭއިން ވިދާޅުވެއެވެ.