ދީން

"ﷲގެ މަގުގައި މުދާ ހޭދަކޮށް، އާޚިރަތް ދުވަހަށް ތައްޔާރުވާންޖެހޭ"


ދުނިޔެމަތީގައި ލިބޭ މުދާ ﷲ ގެ މަގުގައި ހޭދަކޮށް އާޚިރަތް ދުވަހަށް ތައްޔާރުވުމަށް ލޮބުވެތި މުސްލިމް އަހުންނަށް ދީނީ މަޝްހޫރު އިލްމުވެރިޔާ ޑރ. މުފްތީ އިސްމާޢީލް މެންކް ގޮވާލައްވައިފިއެވެ. 

ޑރ. މުފްތީ އިސްލާމް މެންކް ރާއްޖެވަޑައިގެން މިއަދު އިސްލާމީ މަރުކަޒުގައި ދެއްވި ޙުތުބާ މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ދުނިޔެމަތީގައި މުދަލުން ހޭދަކުރުމާއި އާޚިރަތްދުވަކަށް ތައްޔާރުވުމުގެ ގޮތުންނެވެ. ޚުތުބާ ދެއްވަމުން އިމާމު މުފްތީ މެންކު ވިދާޅުވީ ދުނިޔެމަތީގައި ލިބޭ މުދަލަކީ ވަގުތީ އެއްޗެއްކަމަށާއި، ދުނިޔެމަތީގައި ލިބޭ މުދާ ﷲ ގެ މަގުގައި ހޭދަކޮށް އާޚިރަތްދުވަހަށް ތައްޔާރުވުމަށެވެ. އަދި ތިމާގެ މުދަލުން ޢާއިލާގެ މީހުންނާއި، އަވަށްޓެރިންނާއި ބޭނުންވެފައި ތިބި މީހުންނަށް ހޭދަކުރުމުގައި ދެމި ތިބެ އާޚިރަތްދުވަހަށް ތައްޔާރުވުމަށް މުފްތީ ގޮވާލައްވާފައިވެއެވެ.

މުފްތީގެ ހުތުބާގައި ހޭދަކުރުމާ ބެހޭގޮތުން ރަސޫލު ﷲ ޞައްލަ ﷲ އަލައި ވަސައްލަމްގެ އާލު އަސްހާބުންގެ ތެރޭގައި ހިމެނވަޑައިގަންނަވާ ޢުޘްމާން ބުން އައްފާން ދުނިޔެމަތީގައި މުދާ ހޭދަކުރެއްވިގޮތާއި، ދިރި ހުންނަވާ ސުވަރުގެ ވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ރަސޫލާ ދެއްވި މިސާލު ނަންގަވާ އެފަދައިން ދުނިޔެމަތީގައި މުދާ ހޭދަކުރުމަށް އިރުޝާދުދެއްވިއެވެ. އެގޮތުން ކޮންމެ ފަރުދަކުވެސް އެމީހެއްގެ ތަނަވަސްކަން ހުރި މިންވަރަކުން މިސްކިތްތައް ބިނާ ކުރުމަށާއި، މިސްކިތްތައް މަރާމާތުކުރުމަށް އެހީތެރިވުމަށް މުފްތީ ގޮވާލެއްވިއެވެ.

މުފްތީގެ ޚުތުބާގައި ދުނިޔެމަތީގެ އަރާމާއި އުފަލަށް މަސައްކަތް ނުކޮށް، އާޚިރަތް ދުވަހަށް ތައްޔާރުވެ ތިބުމަށް ގޮވާލައްވާފައިވެއެވެ. އަދި ދުނިޔެމަތީގައި ހެޔޮ އަމަލުކުރުމުގައި ތިބުމަށާއި، ގިނަ ގިނައިން މުދަލުން ހޭދަކުރުމަށް ގޮވާލައްވާފައިވެއެވެ.