ޚަބަރު

އަސްކަރީ ކޯޓު އުފެއްދުމާބެހޭ ބިލު އޭޖީ އޮފީހަށް ފޮނުވައިފި


ރާއްޖޭގެ ފުރަތަމަ އަސްކަރީ ކޯޓް އުފެއްދުމާބެހޭ ބިލް ތައްޔާރުކޮށް ނިމި، އެޓަރނީ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

"ޤައުމު ބިނާކުރުމުގެ 3 އަހަރު" މިނަމުގައި ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދޭ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ފާއިތުވި 3 އަހަރަކީ ރާއްޖޭގެ އަސްކަރިއްޔާ ހަރުދަނާކުރެއްވުމަށް މުހިއްމު މަޝްރޫޢުތަކެއް ފަށައިގަނެވުނު ހަމައެހެއްމެ ގިނަ ކަންކަމެއް ހަރުދަނާކުރެވި ފުރިހަމަ ވެގެންދިޔަ މުއްދަތެއްކަމަށެވެ. އެގޮތުން އަސްކަރީ ކޯޓު އުފެއްދެވުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ޑިފެންސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޮންމެ ޤައުމަކަށްވެސް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ނުވަތަ ބިރުވެރިކަމަކީޓެރަރިޒަމާ ގުޅުންހުރި މައްސަލަތައްކަމަށާއި، ރައީސް ޢަބްދުﷲ ޔާމީންގެ އިސްނެންގެވުމުގެ މަތީން ރާއްޖެއިން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކޮށް، އެކަމުގައިވެސް ކާމިޔާބީތަކެއް ހޯއްދަވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމުގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ދައުރު މިނިސްޓަރ އާދަމްޝަރީފު ޢުމަރުވަނީ ފާހަގަކުރައްވާފައެވެ.

img:http://s2.psmnews.mv/images/660x400/14706346884043.jpg|ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު - ފޮޓޯ: އެމްއެންޑީއެފް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޚިދުމަތް މުޅިރާއްޖެއަށް ފުޅާކުރައްވައި، މުވައްޒަފުންގެ ހުނަރު އިތުރުކުރެއްވުމަށް އަވައްޓެރި ޤައުމުތަކާއި ދުރުގައުމުތަކުން ވެދެއެއްވާފައިވާ އެހީތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ މުއްދަތުގެ ތެރޭގައި މުޅިރާއްޖޭގައި 25 ސީ އެމްބިއުލާންސް އޮޕްރޭޓްކުރުމުގެ މަސައްކަތާއި، ޞިއްޚީ ފަރުވާއަށް ބޭނުންވާ ފަރާތްތަކަށް އަސްކަރީއްޔާގެ ހެލިކޮޕްޓަރ ބޭނުންކުރައްވައިގެން ދެއްވާ މުހިންމު ޚިދުމަތް މިހާރު ފުޅާވެފައިވާކަމުގައި ވިދާޅުވިއެވެ. އަދި އަސްކަރިއްޔާގައި ބޭނުންކުރެއްވުމަށް މިހާރު ލިބިވަޑައިގެންފައިވާ އިތުރު ދެ އުޅަނދުގެ އެހީގައި މަސްވެރި އުޅަނދުތަކަށް އެހީތެރިކަމެއް ބޭނުންވެއްޖެ ޙާލަތެއްގައި އެހީތެރިކަން ދެއްވާއިރު، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓެވުމުގައިވެސް އޭގެ ސަބަބުން ފަސޭހަތަކެއް ލިބިވަޑައިގެންފައިވާކަމުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރުވަނީ "ޤައުމު ބިނާކުރުމުގެ 3 އަހަރު" މި ޕްރޮގްރާމްގައި ހާމަކޮށްދެއްވާފައެވެ.