ތަޢުލީމު

ހުޅުމާލެ ފަރީދިއްޔާ ސްކޫލް ހިންގުން ބަޔަކާ ޙަވާލުކުރައްވައިފި


ހުޅުމާލެ ފަރީދިއްޔާ ސްކޫލް ހިންގުން ކޮލިޓޭޓް އެޑިއުކޭޝަނާ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޙަވާލުކުރައްވައިފިއެވެ.

ހުޅުމާލެ ފަރީދިއްޔާ ސްކޫލް ނުވަތަ ލާލެ އިންޓަރނޭޝަން ސްކޫލްގެ ހިންގުން ކޮލިޓޭޓް އެޑިއުކޭޝަނާ ޙަވާލުކުރައްވައި، އެޑިއުކޭޝަން މިނިސްޓްރީން މިއަދުވަނީ އެކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

ހުޅުމާލެ ފަރީދިއްޔާ ސްކޫލް ކުރިން ހިންގާފައިވަނީ، ލާލެ އިންޓަރނޭޝަނަލް ސްކޫލްގެ ނަމުގައެވެ. އެޑިއުކޭޝަން މިނިސްޓްރީން އެސްކޫލްގެ ހިންގުން ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޮލިޓޭޓާ ޙަވާލުކުރެއްވީ، ކުރިން އެސްކޫލް ހިންގަން ދިން ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.

ފަރީދިއްޔާ ސްކޫލް ހިންގަން ކޮލިޓޭޓާ ޙަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން، ކޮލިޓޭޓް އެޑިއުކޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ރަޝީދު ވިދާޅުވީ، ފަރީދިއްޔާ ސްކޫލް ހިންގުމަށް ހަމަޖެހިފައިވަނީ ޝްރީލަންކާގެ ގޭޓްވޭ އިންޓަރނޭޝަނަލް ކޮލެޖާ ގުޅިގެން ކަމަށާއި އެތަން ހިންގުމަށް ހަމަޖެހިފައިވަނީ، ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލްގެ ނަމުގައި ކަމަށެވެ. އޭނާ ވިދާޅުވީ، އަންނަ އަހަރުގެ ދިރާސާ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް އެ ސްކޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާރމަނަންޓް ސެކްޓްރީ ޑރ. އަބްދުލް މުޙުސިން ވިދާޅުވީ، ފަރީދިއްޔާ ސްކޫލް ހިންގަން ކޮލިޓޭޓް އެޑިއުކޭޝަނާ ޙަވާލުކުރެއްވީ، އެއަބަސްވުމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީއާއި އޭސީސީއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ދެއްވި ލަފަޔާ އެއްގޮތަށް ކަމަށެވެ.

ހުޅުމާލޭގައި ހިންގި ލާލޭ އިންޓަރނޭޝަނަލް ސްކޫލަކީ، ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ދިހަޔަކާ ހަމަޔަށް ކިޔަވައިދިން ސްކޫލެކެވެ. އެ ސްކޫލްގައި 500އާއި ގާތްކުރާ ޢަދަދަކަށް ދަރިވަރުންނަށް ކިޔަވަމުންދެއެވެ.