ޚަބަރު

ރީ-ރަޖިސްޓްރީކުރުން އާޓިފިޝަލް އާއި ރަސްފަންނު ބީޗުގައި


ރަސްފަންނާއި އާޓިފިޝަލް ބީޗުގައިވެސް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ރީ-ރަޖިސްޓްރީ ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެެއެވެ.

ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލާނަމަ އެތަނެއްގައި ރަޖިސްޓްރީ ކުރުމަށް އާޓިފިޝަލް ބީޗާއި، ރަސްފަންނުގައި ކުރިއަށްގެންދަވާ ހަރަކާތް އޮންނާނީ، މިއަދު ހަވީރު، ހަތަރަކުން، ރޭގަނޑު ދިހައަކަށް ކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ. އަންނަ ޖެނުއަރީ 14 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ގުޅިގެން މިމަހުގެ ހަތަކުން 21 އަށް ރީ-ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މާލޭގައި ކުރިއަށްގެންދަވާ ރަސްމީ ތަނަކީ، މި އިންތިޚާބުގެ ކަންކަން ބެލެހެއްޓެވުމަށް ބާ ޖަމާލުއްދީންގެ އިމާރާތުގައި ޤާއިމްކުރައްވާފައިވާ އިންތިހާބީ މަރުކަޒެވެ.

ރަށްރަށުގައި ނަމަ އެރަށެއްގައި ގާއިމުކުރައްވާފައިވާ ފޯކަލް ޕޮއިންޓަށް ފޯމް ހުށައެޅުއްވުމުން ރީ-ރެޖިސްޓްރީ ކުރުމުގެ ކަންކަން ކުރިއަށްދާނެއެވެ. މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި "ދެލައްކަ ފަންސާސް ހަތަރުހާސް އަށްސަތޭކަ ތިރީސް" މީހުން ވޯޓުލާއިރު، މީގެ ތެރެއިން ހަތްދިހަ ހާހެއްހާ މީހުން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަންތަނުގައި ވޯޓުލާނެކަމަށް އިލެކެޝަންސް ކޮމިޝަނުން ލަފާކުރައްވައެވެ.