ޚަބަރު

މިއަދަކީ ޒުވާނުންގެ ދުވަސް


މިއަދަކީ، ޤައުމީ ފެންވަރެއްގައި ސަރުކާރުން ފާހަގަ ކުރައްވާ ޒުވާނުންގެ ދުވަސް. ކޮންމެ އަހަރެއްގެ ޒުވާނުންގެ ދުވަހަކީ ނޮވެމްބަރުމަހުގެ ސަތާރަވަނަ ދުވަހުގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާ އިއުލާން ކުރައްވާފައިވަނީ، 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ދެހާސް ސާދަވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ސަރުކާރުން ގެންދަވަނީ، ޒުވާނުންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުންނެވެ. އެގޮތުން މިއަހަރުވެސް ޒުވާނުންގެ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރެއްވުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ދަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަހަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ޝިއާރަކީ "ޒުވާނުންނާއި އުންމީދު". މިއަދުގެ މުނާސަބަތުގައި މިރޭ ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، މި ޖަލްސާގައި ޒުވާނުންނާއި މުޚާޠަބް ކުރައްވާ ވާހަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. ޒުވާނުންކުރާ މަސައްކަތް ފާހަގަކޮށް، އެކަމުގެ އަގުވަޒަންކުރައްވާ ހިތްވަރު ދެއްވުމުގެ ގޮތުން ސަރުކާރުން ދެއްވާ، ޒުވާނުންގެ އެވޯޑު މިއަހަރު އެގާރަ ދާއިރާއިން ދެއްވުމަށް ނިންމަވާ މިރޭގެ ޖަލްސާގައި އިނާމް ޙާޞިލްކުރެއްވި ޒުވާނުންނަށް ރައީސުލް ޖުމްހޫރިއްޔާ އިނާމް ޙަވާލުކޮށްދެއްވުމަށް ހަމަޖެހިފައިވާކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ. މިރޭ އޮންނަ ޒުވާނުންގެ ޚާއްޞަ ޖަލްސާގައި މިއެވޯޑު ދެއްވުމަށް ހަމަޖެހިފައިވާ ބައެއް ދާއިރާތަކުގެ ތެރޭގައި، ކުޅިވަރަށް ޚިދުމަތްކުރުމާއި، ވިޔަފާރިއާއި އިޤްތިޞާދު، އާރޓްސް އެންޑް ކަލްޗަރ، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމާއި، ދުޅަހޮޔޮ އާއިލާއެއް ބިނާކުރުމަށް މަސައްކަތްކުރުން ފަދަ ދާއިރާތައް ހިމެނެއެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ އެވޯޑަށް ތިމާވެއްޓަށް ޚިދުމަތްކުރުމުގެ ދާއިރާ ވަނީ އިތުރު ކުރައްވާފައެވެ. ޒުވާނުންގެ އެވޯޑު ލިބޭ ކޮންމެ ފަރާތަކަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދެއްވުމަށްވެސް ސަރުކާރުންވަނީ ނިންމަވާފައެވެ.

ޒުވާނުންގެ ދުވަހާއި ގުޅުވައިގެން މާލޭގެ ޒުވާނުންގެ މަރުކަޒުގައި ތަފާތު ކުޅިވަރުތަކާއެކު މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މާދަމާ ހުޅުމާލޭގައި ޔޫތު ފެސްޓިވަލެއް ބޭއްވުމަށްވެސް ހަމަޖެހިފައިވާކަމަށް ޔޫތު މިނިސްޓްރީން މައްލޫމާތުދެއްވައެވެ. ހަމަ އެއާއެކު އަތޮޅު ތެރޭގައިވެސް ދުވަހާއި ގުޅުވައިގެން، ކުޅިވަރުގެ ގިނަ ޙަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް، ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ.